ދިވެހި ސިފައިންގެ ކްލަބްގެ ކޯޗު ޖުނައިދު.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ
ގައުމީ ވޮލީބޯޅަ ލީގުގައި، ދިވެހި ސިފައިންގެ ކްލަބް އިން ކޮންމެ މެޗަކަށް ނުކުންނައިރު ވެސް ވިސްނާނީ ފައިނަލެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކޯޗު، އަބްދުالله ޖުނައިދު (މާމަ) ބުނެފި އެވެ.
އެޗްޑީސީ ބަލިކޮށް، ސިފައިންގެ ކްލަބުން ވަނީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގައުމީ ލީގުގައި ފުރަތަމަ ސިފައިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، ލީގު ދިފާއުކުރުމުގެ އަޒުމުގައި ނުކުތް އެޗްޑީސީ ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ.
ގައުމީ ލީގުގައި މިރޭ، ސިފައިން ނުކުންނާނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. އަދި، އެޗްޑީސީން މިއަދު ކުޅޭނީ ޕޮލިސް ކްލަބާ އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސިފައިންގެ ކޯޗު، ޖުނައިދު ބުނީ، މިދިޔަ އެސޯސިއޭޝަން ކަޕްގައި ވެސް އަދި މި ފަހަރު ލީގުގައި ވެސް އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކެނީ އެޗްޑީސީ ކަމަށެވެ.
އަދ، މެޗުތައް ދާ ގޮތަށް ބަލައި، މިރޭ ދަޑިމަގާ ކުޅެން ޖެހޭއިރު، ސިފައިންނަށް ވެސް ފަސޭހަ މެޗެއް ނެތް ކަމަށް ޖުނައިދު ގަބޫލުކުރެ އެވެ.
"އެޗްޑީސީ އަކީ އެންމެ ވަރުގަދަ ޓީމު، އެކަމަކު، ކޮންމެ މެޗަކަށް އަހަރެމެން ނުކުންނައިރު ވެސް ވިސްނުމަކީ، ފައިނަލެއްގެ ގޮތުގައި ކުޅުން، ފަސޭހައެއް ނުވާނެއޭ. އެޗްޑީސީ، ދެން، މި ވަގުތު އެ ޓީމު ކޮންމެ ހާލަތެއްގައި އޮތް ކަމުގައި ވިޔަސް އެއީ އެންމެ ރަނގަޅު ޓީމު ކަމަށް ދެކެނީ،،"
ގައުމީ ވޮލީ ލީގުގެ އެއް ވަނައިގައި ސިފައިން އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ހުރާ އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ދަޑިމަގަށާއި، ހަތަރުވަނައިގައި އޮތް ޕޮލިހަށް ވެސް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ފުލުގައި އޮތް އެޗްޑިސީ އަށް ޕޮއިންޓެއް ލިިބިފައިނުވެ އެވެ.
އެޗްޑީސީން މިއަދު ޕޮލިހުގެ މައްޗަށް ކުރިހޯދައިފިނަަމަ، މާދަމާރޭ ސިފައިންނާ ކުޅޭއިރު، އެ ޓީމަށް އުންމީދު އާވާނެ އެވެ. އަނެއްކޮޅުން، މިރޭ، ދަޑިމަގު އަތުން މޮޅުވެއްޖެނަަމަ، ސިފައިންގެ ޓީމަށް ތަށި ހޯދުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ފިރިހެން ވޮލީބޯޅަ ސީޒަން އޮތީ ފުލުފުލުގައި މުބާރާތްތައް ކުޅޭ ގޮތަށް ތާވަލު ހެދިފަ އެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން، ރިކަވަރީ އަށް ވަގުުތު ނުލިބި ފިޓްނަސް އަށް އަސަރުކުރާތީ، ޓީމުތަކުގެ ނަތީޖާތަކުން ވެސް އެކަން ފެނެ އެވެ. މި ހުރިހާ ކަމެއް މި ގޮތަށް ދާއިރު، ސިފައިންގެ ޓީމުގެ ވިސްނުމަކީ، ވަގުތު ލިބޭ މިންވަރަކުން ޓީމުގެ އެ ކަހަލަ ކަންކަމަށް ވިސްނައިގެން ޕްރެކްޓިހާ ކަންކަމަށް ވެސް ބަދަލު ގެނައުމެވެ.
"ވިސްނުމަކީ ކޮންމެ ހާލަތެއްގައި ކާމިޔާބު ހޯދަން ޕޮޒިޓިވްކޮށް ތިބުން، ގޮންޖެހުން އެބަހުރި، އެކަމަކު އޭގެ ވާހަކަ ނުދައްކައި، ރަނގަޅަށް ކުރިއަށްދާން ފޯކަސް މި ކުރަނީ،" ޖުނައިދު ބުންޏެވެ.
ގައުމީ ލީގުގެ ހަދަ ހަތަރު ޓީމަށް، ގައުމީ މުބާރާތުން ފުރުސަތު ލިބޭނެ އެވެ. ސިފައިން ވަނީ މިދިޔަ އަހަރު އެޗްޑީސީ ބަލިކޮށްފައި ގައުމީ ތަށި ހޯދައިފަ އެވެ.
Comment