Advertisement

ގައުމީ ވޮލީބޯޅަ ލީގު: ދަޑިމަގު ބަލިކޮށް ސިފައިން އުންމީދު ބޮޑުކޮށްފި

9 ޖުލައި 2025 - 09:16 0

ސިފައިން ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ތަރި, ރައްޒާން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ގައުމީ ވޮލީބޯޅަ ލީގު: ދަޑިމަގު ބަލިކޮށް ސިފައިން އުންމީދު ބޮޑުކޮށްފި

9 ޖުލައި 2025 - 09:16 0

ވާދަވެރި ކުޅުމަކަށް ފަހު، ދަޑިމަގު ސްޕޯޓްސް ރެކްރިއޭޝަން އަތުން 3-2 ސެޓުން މޮޅުވެ، ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

އިއްޔެގެ މެޗުތަކަށް ފަހު، ގައުމީ ވޮލީބޯޅަ ލީގުގައި ބާކީ އޮތީ ދެ މެޗެވެ. މި ވަގުތު އެއް ވަނައިގައި އޮތް ސިފައިންނަށް ތިން މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ހުރާ ކޮމިއުނިޓީ ކްލަބަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދަޑިމަގު ސްޕޯޓްސް ރެކްރިއޭޝަނަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ. އެޗްޑީސީ އަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޕޮލިސް އަށް ހަތަރު މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

މިހާރު އޮތްގޮތުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތީ ސިފައިންނާއި ހުރާ އަށެވެ. މިއަދު ދަޑިމަގު އަތުން ހަވީރު ކުޅޭ މެޗުން ހުރާ މޮޅުވެ، މިރޭ އެޗްޑީސީ އަތުން ސިފައިން ބަލިވެއްޖެނަމަ، ޗެމްޕިއަންކަން ލިބޭނީ ހުރާ އަށެވެ. ސިފައިން މޮޅުވެއްޖެނަމަ، އެ ޓީމަށް ޗެމްޕިއަންކަން ލިބޭނެ އެވެ. ސިފައިން ވަނީ، 2019 އަހަރުގެ ފަހުން، 2023 ވަނަ އަހަރު ވެސް ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ.

އިއްޔެ ހަވީރު އެޗްޑީސީން ޕޮލިސް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 25-21، 26-24 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި، ދަޑިމަގުން ވަނީ ފުރަތަމަ ދެ ސެޓު، 14-25، 23-25 އިން ގެންގޮސްފަ އެވެ. ސިފައިން މޮޅުވީ، ދެން ކުޅުނު ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ސިފައިން އަށް ތަފާތެއް ދައްކައިދީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ހުސެއިން ރައްޒާން އެވެ.