Advertisement

މަސްވެރިންނަށް އަންނަ މަހުން ފެށިގެން ބީއެމްއެލް ލޯނު ލިބޭނެ

28 އޭޕްރީލް 2025 - 10:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަސްވެރިންނަށް ބީއެމްއެލް މެދުވެރިކޮށް ލޯނު ދޫކުރަން އެއްބަސްވުމެއްގައި ސޮއިކުރުން: މި އެއްބަސްވުމުގެ ދަށުން ލޯނު ލިބޭނީ މަސްވެރިންގެ ދަފްްތަރުގައި ހިމެނޭ މަސްވެރިންނަށް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ


މަސްވެރިންނަށް އަންނަ މަހުން ފެށިގެން ބީއެމްއެލް ލޯނު ލިބޭނެ

28 އޭޕްރީލް 2025 - 10:48 0

މަސްވެރިންނަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލޯނާއި ފައިނޭންސިން ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ. ލޯނު ދޫކުރަން ނިންމާފައި ވަނީ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މަސްވެރިންނަށެވެ.

ބީއެމްއެލް އިން ބުނީ ދަފްތަރުގައި ތިބި މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ އިންތިޒާމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކިއުޓީއަކާ ނުލައި ތިން ލައްކަ ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ނޭގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ބީއެމްއެލް ޕާސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ އެވެ.

މަސްވެރިންނަށް ބޭންކު ލޯނު ލިބޭނެ މަގުފަހި ކުރުމަކީ ރައީސްގެ ވައުދެކެވެ. ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ރޯދަ އިނާޔަތް ދެވޭނެ ގޮތް ހަމަޖައްސައިދޭން ބޭނުންވާ ކަމަށް މިދިޔަ ފެބްރުއަރީގައި ރައީސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، މަސްވެރިންގެ ދަފްތަރުގައި ތިބި މަސްވެރިންނަށް އެސްޓީއޯ ކްރެޑިޓް ސްކީމުން ފައިސާ ނުވަތަ އެހީތެރިކަން ހޯދުމުގެ މަގިފަހިކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.