Advertisement

ހުއްޓިފައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން މަޖިލީހަށް ޖަވާބު ދެއްވަން މިނިސްޓަރު މުއްތަލިބު ދެކޮޅު ހެއްދެވުމުން ތަޅުން ހޫނުވެއްޖެ

28 އޭޕްރީލް 2025 - 09:58 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލިބު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހުއްޓިފައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން މަޖިލީހަށް ޖަވާބު ދެއްވަން މިނިސްޓަރު މުއްތަލިބު ދެކޮޅު ހެއްދެވުމުން ތަޅުން ހޫނުވެއްޖެ

28 އޭޕްރީލް 2025 - 09:58 0

ރާއްޖޭގެ އެކި ކަންކޮޅުގައި ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ދެކޮޅު ހެއްދެވުމުން މަޖިލީހުގެ ތަޅުން ހޫނުވެއްޖެ އެވެ.

މުއްތަލިބު މިއަދު މަޖިލީހަށް ހާޒިރު ކުރީ ނ. ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުނުތާ އެތައް ދުވަހެއް ވީއިރު ވެސް އެ މަސައްކަތް ނިންމާފައި ނުވާތީ އެކަމާ ސުވާލު ކުރުމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވުމަށްފަހު އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި އެކި މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރާތަކުގައި ނުހިނގައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރު، މުއްތަލިބު ދެކޮޅު ހެއްދެވި އެވެ. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ހިނގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ކުރާ ސުވާލުތައް މިއަދުގެ ސުވާލުގެ ދާއިރާގެ ތެރެއަށް ނުފެތޭ ކަމަށް ވިދާޅުވެ ރިޔާސަތުން ވެސް ވަނީ އެ ސުވާލުތައް ބަލައިގަތުމަށް ދެކޮޅު ހައްދަވައިފަ އެވެ.

"އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ މި ގޮތަށް ހުރިހާ ޕްރޮޖެކްޓަކަށް އަޅުގަނޑު ޖަވާބުދޭން ފަށައިފި ކަމަށްވަންޏާ ހުރިހާ މެންބަރުންގެ ސުވާލުތައް އަންނާނެޔޭ. އެހެންވީމާ އަޅުގަނޑަށް މުޅި ދުވަހު މި ސީދާ ޕްރޮޖެކްޓާ ގުޅޭ ގޮތުން ނުވަތަ ޕްރޮޖެކްޓާ ގުޅުންހުރި އެހެން ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ކުޑަވާނެތީވެ މި ޕްރޮޖެކްޓާ ގުޅުންހުރި އެހެން ކަންތައްތަކަކަށް ނޫން ގޮތަކަށް އަޅުގަނޑު ދެން ޖަވާބު ދޭން ގަސްދު ނުކުރާ ވާހަކަ ދަންނަވަން،" މުއްތަލިބު ވިދާޅުވި އެވެ.

އެއާއެކު މަޖިލީހުގެ ތަޅުން ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. މަޖިލީހުގެ މެންބަރުން ފާހަގަ ކުރައްވަމުން ގެންދެވީ ރިޔާސަތުން އަމަލު ކުރައްވަމުން ގެންދަވަނީ މަޖިލިސް ގަވާއިދުގެ 85 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

"އިއްޒަތްތެރި ރައީސް މިހައި ހުދުމުހުތާރުކޮށް މި ރައްޔިތުންގެ މަޖިލިސް ހިންގާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އިއްޒަތްތެރި ވަޒީރު ވެސް މިހާރު އެ ހުންނެވީ ނޯޓިސް އެކްސްޕަޔާވި ފަހުން އެތައް ދުވަހެއް ފަހުން މިތަނަށް ހާޒިރުވެވަޑައިގެން. ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނެ. ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނެ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނެ، އިއްޒަތްތެރި ރައީސް،" ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވި އެވެ.

މަޖިލިސް ގަވާއިދުގެ 85 ވަނަ މާއްދާގެ ހ:

  • މި ގަވާއިދުގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިސް ފޮނުވައި ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން ނުވަތަ އޭނާއާ ކުރެވުނު ސުވާލަކާ ގުޅިގެން ނޯޓިސް ދިނުމެއް ނެތި އަނގަބަހުން އިތުރު ސުވާލު ކުރުމުގެ ފުރުސަތު އެ ސުވާލު ކުރި މެންބަރަށާއި އެހެން މެންބަރުންނަށް ލިބިގެންވެ އެވެ.

ރިޔާސަތުން އަމަލު ކުރައްވަމުން ގެންދެވި ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރެއްވި މެންބަރުން ވިދާޅުވަމުން ގެންދެވީ މިއަދުގެ ސުވާލަކީ ފެނާއި ނަރުދަމާއާ ގުޅޭ ސުވާލެއް ކަމަށް ވާތީ އެ ދާއިރާއާ ގުޅޭ އެހެން ސުވާލު މިނިސްޓަރާ ކުރެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް މަޖިލީހުގައި އަމަލު ކުރަަމުން ދިޔައީ އެގޮތަށް ކަމަށް އެ މެންބަރުން ފާހަގަ ކުރެއްވި އެވެ.

"އިއްޒަތްތެރި ރައީސް، މަޖިލީހުގެ ގަވާއިދުގައި ބުނަނީ ސުވާލަކާ ގުޅިގެންނޭ، ގުޅެނީ އެ ރަށުގެ ނަމާތޯ އެއީ ފެނާއި ނަރުދަމާތޯ ނެތް މި ގަވާއިދުގައި ބަޔާން ކޮށްފައެއް. އެހެންވީމާ މަނިކުފާނަށް އެއީ ގުޅޭތޯ ނޫންތޯއޭ، ކޮންތާކުންތޯއޭ މާނަކުރެއްވީ. މިއީ ޕީއެސްއައިޕީ އާ ގުޅޭ ސުވާލުތައް މިތަނުގައި ކުރަނީ، އެއަށް ޖަވާބުދާރީ ވާންޖެހޭނެ، އެއީ މިހައިތަނަށް މި މަޖިލީހުގައި އަމަލު ކޮށްފައިވާ ގޮތް. އެގޮތަށް އެކަން ކުރަންޖެހޭނީ، އެއަކު ނެތް އެއްވެސް ހާލެއްގައި އެ ރަށަކާ ގުޅެންޖެހޭނެ ކަމަށް ބުނެފައެއް. ރަށާ ގުޅެންޖެހޭނެޔޭ ނެތް ގަވާއިދުގައި ބުނެފަކާއެއް،" ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވި އެވެ.