Advertisement

ޕްލައިވުޑް ކޮންޓެއިނަރެއްގައި ފޮރުވައިގެން އެތެރެކުރި 13 މިލިއަނަށް ވުރެ ގިނި ސިނގިރޭޓު އަތުލައިގެންފި

27 އޭޕްރީލް 2025 - 22:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ސިނގިރޭޓުތައް އަތުލައިގަތުން: ސިނގިރޭޓުން ޓެކްސް ބޮޑުކުރި ފަހުން މިހެން އަތުލިގަންނަ ޝިޕްމަންޓުތަކުގެ އަދަދު އަންނަނީ އިތުރުވަމުން -- ފޮޓޯ؛ ކަސްޓަމްސް


ޕްލައިވުޑް ކޮންޓެއިނަރެއްގައި ފޮރުވައިގެން އެތެރެކުރި 13 މިލިއަނަށް ވުރެ ގިނި ސިނގިރޭޓު އަތުލައިގެންފި

27 އޭޕްރީލް 2025 - 22:04 0

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1،360 ސިނގިރޭޓު ކޭސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހުޅުމާލެ ސީކާގޯ ޓާމިނަލުން އިއްޔެ އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިނގި އެ އޮޕަރޭޝަނުގައި، އެ ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމަންޓަކުން ކަމަށެވެ. އެ ޝިޕްމަންޓުގައި ހިމެނޭ 40 ފޫޓުގެ ދެ ކޮންޓެއިނަރު ބަލައި ފާސްކުރުމުގެ ތެރޭގައި އޭގެ ތެރެއިން 13.6 މިލިއަން ސިނގިރޭޓު ސްޓިކް ފެނިފައިވެ އެވެ.

ކަސްޓަމްސްއިން ލަފާ ކުރާ ގޮތުގައި މި ސިނގިރޭޓުތަކުގެ ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ. އެ އިދާާރާއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ އެއްވެސް ބަޔެއްގެ ނަން މިހާތަނަށް ކަސްޓަމްސްއިން ނުބުނެ އެވެ. ނަމަވެސް މި ޝިޕްމަންޓުގެ މައުލޫމާތު ކަސްޓަމްސްއިން ހާމަކުރީ ވެލާނާ އެއާޕޯޓުގެ މަސައްކަތަށް ގެނައި ޝިޕްމަންޓަކުން ސިނގިރޭޓުތަކެއް ފެނުނު ކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އެއާޕޯޓު ޕްރޮޖެކްޓަށް ގެނައި ސިނގިރޭޓުތައް ވެސް ބޭލީ ހުޅުމާލޭ ޕޯޓަށެވެ. މި ޝިޕްމަންޓާ އެމްއޭސީއެލްއާ ގުޅުމެއް ނެތް ކަމަށް ބުނަމުން އެ ކުންފުނިން ބުނީ އެ ޝިޕްމަންޓުތައް ގެންނަނީ ކޮންޓްރެކްޓަރު ކަމަށެވެ. އެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރަކީ ސައުދީ ބިން ލާދިން ގްރޫޕެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މި ފަހުން ވެސް ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެކުރަން އުޅުނު ވަގު ސިނގިރޭޓު ޝިޕްމަންޓެއް އައްޑޫ ޕޯޓުން ހިފަހައްޓާފަ އެވެ.