Advertisement

ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފި

27 އޭޕްރީލް 2025 - 20:00 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖޭއެސްސީގެ ރައީސް ރިޒާ: ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން މިރޭ ބާއްވަން ތާވަލުކުރި ބައްދަލުވުން ވަނީ ކެންސަލްކޮށްފައި -- ފޮޓޯ: ރައީސް އޮފީސް


ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފި

27 އޭޕްރީލް 2025 - 20:00 1

ސަސްޕެންޝަންގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބާއްވަން ތާވަލުކުރި ބައްދަލުވުން ކެންސަލްކޮށްފި އެވެ.

އެކި މަސްދަރުތަކުން އަދަދު އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މިރޭ ބާއްވަން ތާވަލުކުރި ބައްދަލުވުން ކެންސަލްކުރީ އެއްވެސް ސަބަބެއް ނާންގައި ކުއްލިގޮތަކަށެވެ.

އަޒްމިރާލްދާ އާއި މަހާޒު ސަސްޕެންޝަންގައި ހުންނަވާތާ މިއަދަށް 60 ދުވަސް ވާނެ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭނެ އެންމެ ދިގު މުއްދަތަކީ 60 ދުވަހެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީން ނިންމާފައި ވަނީ އެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށެވެ. ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ. އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ.

އެ ނިންމުން މުޅި ކޮމިޝަނުން ފާސްވެއްޖެ ނަމަ، ފަނޑިޔާރުން ވަކިކުރަން ފޮނުވާނީ ރައީސް މުއިއްޒުގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހަށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ދެ ފަނޑިޔާރުންގެ މަގާމު އިޔާދަ ކުރުމަށް ހިއުމަން ރައިޓްސް ވޮޗް ވަނީ ގޮވާލައިފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރީ ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އދ. ގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އަދި ކުރެވޭ ކޮންމެ ތަހުގީގަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދު ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި، ސަރުކާރު އަޑީގައި އޮވެގެން އޭސީސީ ބަލަން ފެށި ކަމަށް ބުނި އަސްލެއް ނެތް މައްސަލައަކާ ގުޅިގެންނެވެ.

ފެބްރުއަރީ 26، 2025، ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.