Advertisement

މޮޅު އެތުލީޓުގެ މަގާމު ހޯދަން ޝައްމޫނަށް ތަޖުރިބާގެ ފައިދާ

28 އޭޕްރީލް 2025 - 08:33 0

އަތޫފް އާތިފް

އަތޫފް އާތިފް

ޝައްމޫން: އެންމެ މޮޅު އެތުލީޓުގެ މަގާމުގެ ޓްރޮފީ އާއި އެންމެ މޮޅު ކްލަބްގެ މަގާމުގެ ޓްރޮފީ ހިފައިގެން.--- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން


މޮޅު އެތުލީޓުގެ މަގާމު ހޯދަން ޝައްމޫނަށް ތަޖުރިބާގެ ފައިދާ

28 އޭޕްރީލް 2025 - 08:33 0

ތައްޔާރުވާން މަދު ދުވަސްކޮޅެއް ލިބުނު ނަމަވެސް ކާމިޔާބުވީ، ތަޖުރިބާގެ ތަފާތުން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ 16 އަހަރުން މަތީގެ އުމުރުފުރާގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނު، ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން ބުނެފި އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޝައްމޫން ވަނީ ޝޮޓް ޕުޓް އާއި ޑިސްކަސް އުކުމުން ރަން މެޑަލް ހޯދައިފަ އެވެ. މީގެ ކުރިން، 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ޝައްމޫން، މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވަނީ، ޝޮޓްޕުޓް 10.46 މީޓަރު ދުރަށް އެއްލައި ރަން މެޑަލް ހޯދައިފަ އެވެ.

ދެން، ޑިސްކަސް އުކުމުގެ އިވެންޓްގައި، ޝައްމޫން ވަނީ 29.06 މީޓަރު ދުރަށް އެއްލައި އެ އިވެންޓް ވެސް ކާމިޔާބުކޮށްފަ އެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަށް ޝައްމޫން ތައްޔާރީތައް ފެށީ ހަފުތާއެއް ކުރީގަ އެވެ. ޝައްމޫން ދެކޭ ގޮތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ތައްޔާރުވެގެންވެސް ކާމިޔާބު ހޯދުނީ ތަޖުރިބާގެ ސަބަބުންނެވެ.

"މިހާރު އަސްލު މުބާރާތައް ތައްޔާރުވާން މާ ބައިވަރު ޕްރެކްޓިސްތަކެއް ނުވެއް ލިބޭ. ގާތް ގަނޑަކަށް ހަފުތާއެއްވަރު ކުރިން މި ކޮޅަށް އައިއްސަ މިދިޔަ އަހަރު ގައުމީ މުބާރާތް ނިންމާލައިފަ އޭގެ ފަހުން އަދި ކިރިޔާ މި ޕްރެކްޓިސް މި ކުރީ ހަމަ. ދެން ޝައްމޫން އަކީ މި ފީލްޑްގަ އުޅޭތާ ފުދޭވަރަކަށް ދުވަސްވެއްޖެ. ބޮޑަށް ދެން އެކްސްޕީރިއަންސް މިއީ." ޝައްމޫން ބުންޏެވެ.


ޝައްމޫން ބުނީ މިކަމުގައިވެސް ޒުވާން ހުނަރުވެރި އެތުލީޓުން އެބަތިބި ކަމަށެވެ. އެކަމަކު އެ މީހުންނަށް މި މުބާރާތުގައި އެންމެ ރަނގަޅު ޕާފޯމެންސް ނުދެއްކުނު ކަމަށް ޝައްމޫން ބުންޏެވެ.

"މިހާރު އެބައުޅޭ 17،18 އަހަރުގެ އެތުލީޓުން ހަމަ ބީޓްކޮށްލެވޭނެ ވަރުގެ، އެ މީހުންނަށް ޕާފޯމް މި މުބާރާތުގައި ނުކެރެވުނީމަ ހީކުރި ވަރަށްވުރެ ފަސޭހައިން މި ލިބުނީ" ޝައްމޫން ބުންޏެވެ.

ޝައްމޫން ބުނީ ފީލްޑް ކުޅުންތެރިންނަށް ވެސް އެތުލެޓިކްސް މުބާރާތްތަކުގެ ބެސްޓް އެތުލީޓު ހޯދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެ ގޮތުން، މީގެ ކުރިންވެސް އޭނާ ވަނީ ގައުމީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައި ކަމަށެވެ.

މީގެ އިތުރުން ޝައްމޫން ބުނީ އޭނާ ހިމެނޭ ސިފައިންގެ ކްލަބުން ހޯދި ކާމިޔާބީއަކީ މި ފަހުން ސިފައިންގެ ކްލަބަށް ގުޅުނު އާ އެތުލީޓުންނާއެކު ޓީމު ވަރުގަދަ ކުރުމުގެ ނަތީޖާ ކަމަށެވެ.

ދެހާހުގެ ކުރީކޮޅުން ފެށިގެން ގައުމީ ލެވަލްގެ އެތުލެޓިކްސް މުބާރާތްތަކުގައި ވާދަކޮށް ޝައްމޫން އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.