17 ފެބުރުވަރީ 2026 - 09:58 0
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން މޮޅު އެތުލީޓު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޝާޔާ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
17 ފެބުރުވަރީ 2026 - 09:58 0
މައިލޯ 13 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން މޮޅު އެތުލީޓު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއުގެ އަސްލު ޓާގެޓަކީ ބައިނަލްއަގުވާމީ ލެވަލްގައި ވާދަކުރުން ކަމަށް ބުނެފި އެވެ.
މިދިޔަ ހަފްތާ ބަންދުގައި ކުރިއަށްދިޔަ އެތުލެޓިކް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، ޝާޔާ، އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދީ ޑިސްކަސް އުކުމުންނާއި، ޝޮޓްޕުޓް އިން ރަން މެޑަލް ހޯދިއިރު، ޝޮޓް ޕުޓް އިން މީޓް ރެކޯޑެއް ހާސިލްކޮށްގެންނެވެ. އެ ގޮތުން، ޑިސްކަސް އުކުމުން ޝާޔާ ވަނީ 27.52 މީޓަރު ދުރަށް އެއްލައިފަ އެވެ ޝޮޓްޕުޓް އަށް ބަލާއިރު، ޝާޔާ ވަނީ 9.46 މީޓަރު ދުރަށް އެއް ލައިފަ އެވެ.
"އަސްލު ސީޒަން މި ފެށުނީ، ދެން، އަހަރު ފެށުނުއިރު އެންމެ ފުރަތަމަ މުބާރާތް ވީމަ، އެހާ އެކްސްޕެކްޓް ކޮށްގެނެއް ނޫން ހުރީކީއެއް. ދެން، މުބާރާތް ތެރޭގައި ދިޔަ ގޮތުން ދެން ހީކުރިން ލިބޭނެ ކަމަށް،" މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު ދިން އިންޓަވިއުއެއްގައި ޝާޔާ ބުންޏެވެ.
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގައި ހިމެނިގެން ޓްރެއިނިން ހަަދަމުން އަންނަ ޝާޔާ ބުނެފައިވަނީ، ޕްރެކްޓިސް ކުރަމުން އަންނަތާ ފަސް ވަރަކަށް އަހަރުވެފައިވާނެ ކަމަށެވެ.
"މިހާރު ޕްރެކްޓިސް ކުރާތާ ފައިވް ވަރަކަށް އިޔާސް މި ވަނީ. ދެން، މި މުބާރާތަކަށް ނޫން، ދެން، ހަމަ ސީދާ އިތުރަށް ކުރިއަށްދާންވެގެން، ދެން ކޯޗުންނާއި ފްރެންޑްސް އާއި ފެމިލީގެ ވަރަށް ބޮޑު އެއްބާރުލުން ލިބިގެން މި ހިސާބަށް އައިސް މި ހުރީ،" ކެރިއަރުގެ ދަތުރުގެ ވާހަކަ ކިޔައިދެމުން ޝާޔާ ބުންޏެވެ.
ރާއްޖޭގެ އެތުލީޓުންގެ ތެރެއިން ބައިނަލް އަގުވާމީ ލެވަލުގައި ވާދަކުރުމުގެ މިންގަނޑުތަކަށް ފެތިގެން މުބާރާތްތަކަށް ދާން ގިނަ ފަހަރު ފުރުސަތު ލިބެނީ ޓްރެކް އެތުލީޓުންނަށެވެ. ރާއްޖޭގައި ހުނަރުވެރި ފީލްޑް އެތުލީޓުން ވެސް ކުރިއަރަމުން އަންނައިރު، އެ އެތުލީޓުން ކުރިއަށްދިއުމަށްޓަކައި ބޮޑެތި އުންމީދުތަކެއް ކުރެ އެވެ.
"މި މުބާރާތް (އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް) ދިޔަ ގޮތާ މެދު ހިތްހަމަޖެހޭ، ދެން، މިއަދު މި ލިބުނު ކާމިޔާބަކީ އަދި ސްޓާޓެއް، ދެން، ޝާގެ ޓާގެޓަކީ ނެޝަނަލް ރެކޯޑަށް ވުރެން ވެސް ދުރަށް 11 އާ ހިސާބަށް ޓާގެޓްކޮށްގެން އިންޓަނޭޝަނަލް ލެވަލް އަށް ހަމަ ކުރިއަށްދާން،" ކުރިމަގަށްޓަކައި ކުރާ ބޮޑު އުންމީދެއް ހިއްސާކުރަމުން ޝާޔާ ބުންޏެވެ.
Comment