Advertisement

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުންގެ މަގާމު ސާއިދު އާއި ޝާޔާ އަށް

14 ފެބުރުވަރީ 2026 - 19:40 0

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުންނަށް ހޮވުނު ސާއިދު (ވ) އާއި ޝާޔާ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ


އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުންގެ މަގާމު ސާއިދު އާއި ޝާޔާ އަށް

14 ފެބުރުވަރީ 2026 - 19:40 0

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ، މައިލޯ 13 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުންގެ މަގާމު، ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ސާއިދު އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު އަށް ލިބިއްޖެ އެވެ.

އެ ގޮތުން، 230 އަށް ވުރެން ގިނަ އެތުލީޓުން ވާދަކުރި މި ފަަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ކެޓަގަރީގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ސާއިދު ހޮވުނީ، 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދިއިރު، މީގެ ތެރެއިން 200 މީޓަރު ދުވުމުގައި މީޓް ރެކޯޑެއް ހަދާފައިވާތީ އެވެ.

އެ ގޮތުން، ކުޅިވަރު އެކުވެނީ ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގެ 200 މީޓަރު އިވެންޓުގެ ރަން މެޑަލް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު އަށް ލިބިފައިވަނީ 21.48 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތު ރޭސް ނިންމީ، 21.86 ސިކުންތުންނެވެ. އަދި، ތިން ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ހުސެއިން ޒީކް ސުއާދު ރޭސް ނިންމީ، 22.25 ސިކުންތުންނެވެ.

ސާއިދު، މިއަދު، 100 މީޓަރު ރޭސް ކާމިޔާބުކުރީ، 10.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ރައުހަތު ސްޕޯޓްސްގެ އަހުނަފް ރައްޔާން ފަހުމީގެ ޓައިމިން އަކީ 11.20 ސިކުންތެވެ. އަދި، ތިން ވަނަ އަށް ދިޔަ ޝަރީފް ސްޕޯޓްސްގެ ސިޒާން އަލީ ރިޒާ ވަނީ 11.42 ސިކުންތުން ރޭސް ނިންމައިފަ އެވެ.

ސާއިދަށް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު މި ލިބުނީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. ދިވެހި ސިފައިންގެ ކްލަބުން ހަތަރެއް ގުނަ 100 މީޓަރު ރިލޭ އާއި ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދި ޓީމުގައި ވެސް ސާއިދު ހިމެެނެ އެވެ.

އޯޕަން ކެޓަގަރީގެ އެންމެ މޮޅު އަންހެން އެތުލީޓު، ޝާޔާ ވަނީ ޑިސްކަސް އުކުމުންނާއި، ޝޮޓްޕުޓް އިން ރަން މެޑަލް ހޯދިއިރު، ޝޮޓް ޕުޓް އިން މީޓް ރެކޯޑެއް ހާސިލްކޮށްފަ އެވެ. ޑިސްކަސް އުކުމުން ޝާޔާ ވަނީ 27.52 މީޓަރު ދުރަށް އެއްލައިފަ އެވެ. ދެ ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު އައިނީ މުހައްމަދު ވަނީ 27.12 މީޓަރު ދުރަށް އެއްލައިފަ އެވެ. އަދި، ތިން ވަނަ ހޯދި ބްލެކް މާލިންގެ އައިމިނަތު އީޝަލް މޫސާ ވަނީ 23.04 މީޓަރު ދުރަށް އެއްލައިފަ އެވެ.

ޝޮޓްޕުޓް އަށް ބަލާއިރު، ޝާޔާ ވަނީ 9.46 މީޓަރު ދުރަށް އެއް ލައިފަ އެވެ. ދެ ވަނަ އަށް ދިޔަ އީޝަލް ވަނީ 8.88 މީޓަރު ދުރަށް އެއްލައިފަ އެވެ. އަދި، ތިން ވަނަ ހޯދި އައިނީ އަށް އެއްލުނީ 8.62 މީޓަރު ދުރަށެވެ.

16 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި އައުހާ (ކ) އާއި މިގްދާމް.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އުމުރުފުރާ ކެޓަގަރީ، 16 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ނަސީރު ސްޕޯޓްސް ކްލަބްގެ އިބްރާހީމް މިގްދާމް ނަޒީމް އެވެ. އޭނާ ވަނީ، އެ އުމުރުފުރާ ކެޓަގަރީގެ 100 މީޓަރު ދުވުމާއި ޓުރިޕަލް ޖަމްޕުން ރަން މެޑަލެއް ހޯދައި، މީޓު ރެކޯޑެއް ހޯދައިފަ އެވެ.

ސޯޅަ އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކީ، ޝަރީފް ސްޕޯޓްސްގެ އައިމިނަތު އައުހާ އަބްދުލް ރަޙްމާން އެވެ. މިއީ، އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި އައުހާ ވަނީ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. މީގެ ތެރެއިން، 200 މީޓަރު ދުވުމާއި ލޯންގް ޖަމްޕް ނިންމީ މީޓް ރެކޯޑަކާ އެކު އެވެ.

ސޯޅަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ނަސީރު ސްޕޯޓްސް ކްލަބް އެވެ. އަދި، އަންހެން އެންމެ މޮޅު ކްލަބަކީ ޝަރީފް ސްޕޯޓްސް ކްލަބް އެވެ. އޯޕަން ކެޓަގަރީ އަށް ބަލާއިރު، ފިރިހެން ޗެމްޕިއަން ޓީމަކީ ހަ ވަނަ ފަަހަރަށް އެ މަގާމު ހޯދި ދިވެހި ސިފައިންގެ ކްލަބް އެވެ. އަދި، އަންހެން އެއް ވަނަ ޓީމަކީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ.