Advertisement

ޔުމްނު ވެއްޓުނު މައްސަލައިގައި އަމާޒުވާ ފާޑުކިޔުންތަކުން ސަރުކާރު ދިފާއުކުރަން ޕީއެންސީ މެންބަރުންނަށް އަންގައިފި

26 އޭޕްރީލް 2025 - 23:35 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޔުމްނު ވެއްޓުނު މައްސަލައިގައި އަމާޒުވާ ފާޑުކިޔުންތަކުން ސަރުކާރު ދިފާއުކުރަން ޕީއެންސީ މެންބަރުންނަށް އަންގައިފި

26 އޭޕްރީލް 2025 - 23:35 1

މިމަހުގެ 18 ވަނަ ދުވަހު ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި އަމަލުކޮށްފައިވާގޮތުން އަމާޒުވާ ފާޑުކިޔުންތަކުން ސަރުކާރު ދިފާއު ކުރުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އަންގައިފި އެވެ.

ޕީއެންސީ މަޖިލިސް މެންބަރުންނަށް ސަރުކާރު ދިފާއު ކުރަން އެންގީ މަޖިލީހުގެ އިދާރާގައި މިއަދު އޮތް އެ ޕާޓީގެ ޕީޖީ ގްރޫޕް ބައްދަލުވުމެއްގަ އެވެ.

މިއަދު ހަވީރު 4:00 ގައި ފެށި އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރުން، އަލީ އާރިފް އާއި އަބްދުالله ނާސިރު (ހެރިންސް) އާއި އިބްރާހިމް ހަލީލް ގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވި ކަމަށް އަދަދު އަށް މައުލޫމާތު ލިބުނެވެ.

މިއަދުގެ ބައްދަލުވުން ބޭއްވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވާއިރު ވެސް ޕީއެންސީގެ މަޖިލިސް މެންބަރުން އެކަމާ މެދު އެއްޗެއް ވިދާޅު ނުވާތީ ކަމަށް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މައުލޫމާތު ދެއްވި އެވެ.

"ބައްދަލުވުން ބޭއްވީ މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވާއިރު މެންބަރުން އެކަމަށް ބަހެއް ނުބުނާތީ، އެކަން ކުރުމަށް ބާރު އަޅައި، މެންބަރުން ގާތުގައި އެދުނީ ސަރުކާރު ދިފާއު ކޮށްދޭން،" މި ނޫހާ ވާހަކަދެއްކެވި ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުންނަކީ މަސްތުވާތަކެތި ބޭނުންކޮށް ބަނގުރާ ބޯ ބައެއްގެ ގޮތުގައި ސިފަކޮށް އޭގެތެރެއިން ބަޔަކު ހައްޔަރު ކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ޕީއެންސީގެ މެންބަރުން މިނިސްޓަރު އިހުސާންގެ އަރިހުން އެދުނު ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

"މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަކީ ޑްރަގްސް ބޭނުންކޮށް ރާ ބޯ ބައެއް ކަމަށް ބުނެ އެ މީހުންގެ ފަހަތުން ގޮސް އެމީހުން ހައްޔަރު ކުރަން ބައެއް މެންބަރުން އިހުސާން ގާތުގައި އެދުނު،" މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާ ދެކޮޅަށް ވާހަކަދައްކައި ސަރުކާރު ދިފާއު ކުރުމަށް މަޖިލިސް މެންބަރުންނަށް ސަރުކާރުން މިއަދު އެންގިއިރު، ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިއަދުން ފެށިގެން ދަނީ މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނުންނަށް ފާޑުކިޔައި އެމީހުންނަށް ކުޑައިމީސްކޮށް ސޯޝަލްމީޑިއާގައި ވާހަކަދައްކަމުންނެވެ.