Advertisement

ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރާ މެންބަރު ވަކިކުރަން ޕެޓިޝަނެއް

26 އޭޕްރީލް 2025 - 15:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވަކީލު އަލީ އަބްދުއްލަތީފު (ވ) -- ފޮޓޯ: ރައީސް އޮފީސް


ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރާ މެންބަރު ވަކިކުރަން ޕެޓިޝަނެއް

26 އޭޕްރީލް 2025 - 15:56 0

ގާނޫނީ ވަކީލުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިހާބުކޮށްފައިވާ އަލީ އަބްދުއްލަތީފު ހުވަޔާ ހިލާފުވެފައިވާ ކަމަށް ބުނެ އެ މަގާމުން އޭނާ ވަކި ކުރަން ގާނޫނީ ވަކީލުންގެ ވޯޓެއް ނެގުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ވަކީލުން ސޮއި ކުރަމުންދާ ޕެޓިޝަންގައި ބުނަނީ ގާނޫނު އަސާސީއަށް ރައްކާތެރިވުމަށް އަލީ އަބްދުއްލަތީފު ކުރެއްވި ހުވާގެ އިތުރުން ޖޭއެސްސީގެ މެންބަރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑާ ވެސް ހިލާފުވެފައިވާ ކަމަށެވެ.

"އަލްއުސްތާޒު އަލީ އަބްދުއްލަތީފު އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށް އޭނާ ކުރި ހުވަޔާ ހިލާފުވެފައި،" ޕެޓިޝަންގައި ބުންޏެވެ.

ޕެޓިޝަންގައި އިތުރަށް ބުނީ ވެރިކަން ހިންގާ ފަރާތުގެ ނުފޫޒަށް ލެނބިގެން އަލީ އަބްދުއްލަތީފު ޖޭއެސްސީގައި މަސައްކަތް ކުރާކަމަށް ބެލެވޭނެ ސަބަބުތަކެއް ހުރުމުން 14 ދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިކުރަން ވަކީލުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދޭ ކަމަށެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް އޭނާ ބައިވެރިވަމުންދާ ނިންމުންތަކަކީ ސީދާ ވެރިކަން ހިންގާ ފަރާތުން ބޭނުންވާ ވަކި ގޮތަކަށް އެ މައްސަލަތައް ނިންމުމަށް ވާގި ވެރިވުމުގެ ގޮތުން ނިންމާ ނިންމުންތަކެއް ކަމަށް ގަބޫލުކުރެވޭނެ ޖާއިޒު ސަބަބުތަކެއް އެބަހުރި ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.

ގާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް އަލީ އަބްދުއްލަތީފް އިންތިހާބުކޮށް، އެ މަގާމާ އޭނާ ހަވާލުވީ ޑިސެމްބަރު 12، 2023 ގަ އެވެ.

ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި އެ މައްސަލައިގެ ދެވަނަ އަޑުއެހުން ފެބްރުއަރީ 26، ގައި ފެށެން 10 މިނެޓަށް ވެފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރަން، އަލީ އަބްދުއްލަތީފް ހިމެނޭ ގޮތަށް ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

ވެރިކަން ހިންގާ ފަރާތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށްޓަކައި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅު ހެދުމުގެ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މާޗު 4، ގައި އިސްތިއުފާދެއްވާފަ އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބެވި މުއްދަތުގައި އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ހިންގި އިޖުރާއަތުތަކަކީވެސް އިންތިހާއަށް ބޭއިންސާފު އިޖުރާއަތްތަކެއް،" ޕެޓިޝަންގައި ބުންޏެވެ.

ޖޭއެސްސީގެ އަމަލުތަކަކީ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހި ނުފޫޒު ފޯރުވުންކަމަށް ބެލެވިދާނެ އަމަލުތަކެއް ކަމަށް އޭޕްރިލް 17، ގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާ ގުޅޭ އދ ގެ ސްޕެޝަލް ރެޕަޓުއާ ވަނީ ވިދާޅުވެފަ އެވެ.