Advertisement

ޔުމްނުއަށް އިންސާފު ހޯދައިދޭން އަޑުއުފުލާ ޒުވާނުންނަކީ އުޅުމެއް ނެތް ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ޖެންޑާގެ ސްޓޭޓު މިނިސްޓަރު ސިފަކޮށްފި

26 އޭޕްރީލް 2025 - 11:20 18

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައިޝަތު ޒުހުރުބާން؛ އޭނާ ވިދާޅުވީ ޖެންޒީ ކުދިންނާ ހެދި މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވެފައިވާ ކަމަށް -- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ޔުމްނުއަށް އިންސާފު ހޯދައިދޭން އަޑުއުފުލާ ޒުވާނުންނަކީ އުޅުމެއް ނެތް ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ޖެންޑާގެ ސްޓޭޓު މިނިސްޓަރު ސިފަކޮށްފި

26 އޭޕްރީލް 2025 - 11:20 18

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް އަޑު އުފުލަމުންދާ ޒުވާނުންނަކީ އެއްވެސް އުޅުމެއް ނެތް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައިޝަތު ޒުހުރުބާން ސިފަކުރައްވައިފި އެވެ.

ފޭސްބުކްގައި ޒުހުރުބާން ކުރެއްވި ޕޯސްޓެއްގައި ބުނީ ޒުވާނުންނާ ހެދި މި ގައުމުގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވެއްޖެ ކަމަށެވެ.

"ޖެންޒީ ކުދިންނޭ، މިއަދު ތިޔަ ކުދިންނާ ހެދި މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވެއްޖެ، ތަހުޒީބަކީ އައުރަ ނިވާނުކޮށް ހިތު ހުރިހާ އެއްޗެއް އަނެކުންނާ ދިމާލަށް ކިޔުމާއި އިސްލާމީ މުޖުތަމައުގައި ހުއްދަ ނޫން ކަންކަން ކުރުމެއް ނޫން، ބޭނުންހާ ގޮތަކަށް އުޅުމެއް ވެސް ނޫން، އަތުޖެހުނުގައި އެއްޗެއް ބޮއި ލެއްވިހައި ފާހިޝް އަމަލުތައް ކުރުމެއް ނޫން،" ޒުހުރުބާންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަޑުއުފުލާ ޒުވާނުންގެ އެއްވުންތައް ބާއްވަނީ ނުބައި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ދޭހަވާ މޭރުމަކުން ވެސް ޒުހުރުބާންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ. އެނާ ވިދާޅުވެފައި ވަނީ ތަހުޒީބުވުމަކީ މުއައްސަސާތަކުގެ އަގު ވައްޓާލައި ގައުމުގެ ދިފާއުގައި މަސައްކަތް ކުރާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަސްތައް ރައްދު ކުރުން ނޫން ކަމަށެވެ.

"އިންސާފު ހޯދުމަށް މަސައްކަތް ވެސް ކުރަންވީ، އެކަމަކު ހައްގު ކަމެއް ނިގުޅައިގެންފައިވާ ކަންކަމަށް އިންސާފު ހޯދުމަށް މަސައްކަތް ކުރަމާ ހިނގާ، ޕާޓީ ކުރުމާއި ބަދު އަހުލާގީ އަމަލު ހިންގުމާ ދެކޮޅަށް ތެދުވަމާ ހިނގާ،" ޒުހުރުބާންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މި މޭރުމުން ޒުހުރުބާން ވާހަކަދެއްކެވި ނަމަވެސް، މަސްތުވާތަކެތި ބޭނުން ކުރުމާއި ބަދުއަހުލާގީ އަމަލު ހިންގުން ހުއްދަ ކުރުން ފަދަ އެއްވެސް ކަމަކަށް ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާކޮށް އަޑުއުފުލަމުންދާ ޒުވާނުން ގޮވައެއް ނުލަ އެވެ.

އެ ޒުވާނުން އަޑު އުފުލަމުން ގެންދަނީ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށެވެ. ޒުވާނުންގެ މައިގަނޑު ގޮވައިލުމަކީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށާއި ދެފުށް ފެންނަ އިންސާފުވެރި ތަހުގީގެއް ހިންގައިދިނުމެވެ.

ޒުހުރުބާންގެ އިތުރުން ވެސް މި ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ގެންދަނީ ޒުވާނުން ކުރާ މުޒާހަރާތަކަށް ފާޑުކިޔަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ.