Advertisement

ޕެލަސް އިން އާސެނަލް ހިފެހެއްޓުމުން ލިވަޕޫލުން ލީގު ހޯދުމާ ލީގާ ގާތަށް

24 އޭޕްރީލް 2025 - 10:24 0


ޕެލަސް އިން އާސެނަލް ހިފެހެއްޓުމުން ލިވަޕޫލުން ލީގު ހޯދުމާ ލީގާ ގާތަށް

24 އޭޕްރީލް 2025 - 10:24 0

ލަންޑަން (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އިން އާސެނަލާ 2-2 އިން އެއްވަރުކުމުުން، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލް ދެން ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ލީގުގެ އެއް ވަަނައިގައި އޮތް ލިވަޕޫލަށް ވަނީ 33 މެޗުން 79 ޕޮއިންޓް ލިބިފަ އެވެ. ރޭގެ ޕޮއިންޓާ އެކު، އާސެނަލަށް ލިބިފައިވަނީ، 34 މެޗުން 67 ޕޮއިންޓެވެ. ލިވަޕޫލުން އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުކޮށްލައިގެން ވެސް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ ޔަކޫބް ކީވިއޯ ޖެހި ގޯލުންނެވެ. މިއީ، އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަކުން ކީވިއޯ ބޮލުން ޖެހި ގޯލެކެވެ.

ޕެލަސް އިން އެއްވަރުކުރީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ލިބުނު ކޯނަރެއްގައި ތަނަވަސްވި ފުރުސަތަކުން ޖަހައިދިނީ އެބްރެޗީ އެޒޭ އެެވެ. މިއީ، އެ ޓީމުގެ އެޑަމް ވާޓަން ނެގި ކޯނަރަކުން ވޮލީއަކުން އެޒޭ ޖެހި ގޯލެކެވެ. ޕެލަސް އަށް ލީޑުނައިދޭން އާސެނަލްގެ ކުރީގެ ފޯވާޑް، އެޑީ އެންކެޓިއޭ ޖެހި ޝޮޓް ކީވިއޯ ވަނީ ބްލޮކްކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާސެނަލުން އަލުން ލީޑުނެގި އެވެ. މެޗުގެ 42 ވަނަ މިނިޓްގައި ޖޫރިއަން ޓިމްބާ ދިން ބޯޅައަކުން މި ލަނޑު ޖެހީ ލެއަންޑްރޯ ޓްރޮސާޑް އެވެ.

އާސެނަލުން ދެ ވަނަ ހާފުގެ ބޮޑުބައިގައި ލީޑުގައި އޮތް ނަމަވެސް ޕެލަސް އިން ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް އެއްވަރުކޮށްފަ އެވެ. މި ލަނޑު ޕެލަސް އަށް ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ޖިއަން ފިލީޕް މަޓޭޓާ އެވެ.