Advertisement

ޕީއެންސީގެ މެންބަރު ފޯމު ފުރާ ތަނުގައި ހެކިވެރިން ހާޒިރުވެ ތިބެންނުޖެހޭނެ ކަމަށް ވިދާޅުވެ އިހުސާން މަޖިލީހުގައި ދޮގު ހައްދަވައިފި

23 އޭޕްރީލް 2025 - 10:04 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ޕީއެންސީގެ މެންބަރު ފޯމު ފުރާ ތަނުގައި ހެކިވެރިން ހާޒިރުވެ ތިބެންނުޖެހޭނެ ކަމަށް ވިދާޅުވެ އިހުސާން މަޖިލީހުގައި ދޮގު ހައްދަވައިފި

23 އޭޕްރީލް 2025 - 10:04 0

ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވަންނަން ފުރާ ފޯމުގައި، ފޯމުގެ ވެރިފަރާތުން ސޮއި ކުރާއިރު ހެކިވެރިޔާ އެތަނުގައި ހާޒިރުވެ ހުންނަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު، އަލީ އިހުސާން މިއަދު މަޖިލީހުގައި ދޮގު ހައްދަވައިފި އެވެ.

ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ޕާޓީއަށް މީހުން ވައްދާ ފޯމު ފުރާއިރު އެތަނުގައި ހެކިވެރިޔާ ހާޒިރުވެ ހުންނަން ނުޖެހޭ ކަމަށެވެ. ޕީއެންސީގެ ފޯމު ބަލައިލައިފިއްޔާ އެކަން ސާފުވާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"އަދި އެއްފަހަރު އަޅުގަނޑު ހަމަ ތިބޭފުޅުންނަށް ދަންނަވައިލާނަން، އެ ފޯމު ބައްލަވައިލައްވައިފިއްޔާ ފޯމުގެ ހެކިވެރިިޔާ މި ސޮއިކުރަނީ. ތިމަންނާ އެބަ ހެކިވަމޭ މީގައި މިހުރި މައުލޫމާތަށް، އެ މައުލޫމާތަށް އެނާ ހެކިވަންޏާ އެ މީހާ އެތަނުގައި ހުންނާކަށް ނުޖެހޭ، އެހެންވީމާ މިއޮތީ ވަރަށް ބޮޑަށް އޮޅުމެއް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން އެހެން ވިދާޅުވި ނަމަވެސް ޕީއެންސީގެ މެންބަރު ފޯމުގައި ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދި އެ ފޯމެއްގައި ސޮއި ކޮށްފައި ވަނީ ހެކިވެރިންގެ ހާޒިރުގައި ކަމަށް ލިޔެފައި އޮވެ އެވެ.

"މި ފޯމުގައި ސިޔާސީ ޕާޓީ މެންބަރަކަށްވުމަށް އެދި ސޮއިކޮށްފައި އެވަނީ އަހުރެމެންގެ ހާޒިރުގަ އެވެ، އަދި އޭނާ ދީފައި ވަނީ ތެދު މައުލޫމާތު ކަމަށް އަހުރެމެން ހެކިވަން،" ޕީއެންސީގެ ފޯމުގެ ހެކިވެރިންގެ ބައިގައި ލިޔެފައި އޮވެ އެވެ.

އެހެން އެކަން އޮތްއިރު، ރަސްމީ އިދާރާއަކަށް ދޮގު ހެކިބަސް ދިނުމާއި ދޮގު މައުލޫމާތު ދިނުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާ އާއި 521 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހާއި ހަތަރު މަހާއި 24 ދުވަހާ ދެމެދުގެ ޖަލު ހުކުމެކެވެ.

މަޖިލީހުގައި އިހުސާން މިއަދު ދޮގު ހެއްދެވިއިރު، މެންބަރުން ކުރާ ސުވާލުތަކާ ގުޅިގެން މަޖިލީހަށް ވަޒީރު ހާޒިރުވެ ޖަވާބުދާރީ ވާންޖެހޭނީ ތެދުބަހުން ކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮވެ އެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ނ. ގައި ބަޔާން ކޮށްފައި އޮންނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެމީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން މަޖިލީހުގެ މެންބަރަކު ސުވާލު ކުރާ ކޮންމެ ސުވާލަކަށް އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންޖެހޭނެ ކަމަށެވެ.

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތުގެ ތެރެއިން ހޯމް މިނިސްޓްރީގެ މުވައްޒަފުން ޑީއެންއާރު އޮފީސް ތެރޭގައި އެ ޕާޓީގެ ފޯމުތައް ފުރުމުގެ މަސައްކަތް ކުރި ކަމަށާއި އެ މުވައްޒަފުން ކުރަމުން ގެންދިޔަ މަސައްކަތަކީ އެ މުވައްޒަފުން އެކި ތަންތަނުން ފުރައިގެން ގެނައި ފޯމުތަކުގެ ހެކިވެރިންގެ ބައިގައި ސޮއި ކުރުން ކަމަށެވެ.

އެ ވާހަކައާ ހަވާލާދީ މިއަދުގެ ޖަލްސާގައި އިހުސާންއާ ސުވާލު ކުރީ ވައިކަރަދޫ ދާއިރާގެ މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) އެވެ. ފިއްޓޭ ސުވާލު ކުރެއްވީ ހެކިވެރިންގެ ގޮތުގައި ސޮއި ކުރަންޖެހެނީ ފޯމުގެ ވެރި ފަރާތުގެ ހާޒިރުގައި ކަމަށް ފޯމުގައި ލިޔެފައި އޮތްއިރު، ޑީއެންއާރު ތެރެއަށް ފޯމުތަކެއް ގެނެސްގެން ހެކިވެރިޔާގެ ބައި ފުރިހަމަ ކުރީ ކީއްވެތޯ އެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަދައިގެން މީހުން ވައްދާތާ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ގޮތް ސުވާލު ކުރި މެންބަރަށް ސާފު ނުވާ ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަށް ވަޑައިގަތީ ވަރަށް ރަނގަޅަށް އެކަން އޮތް ގޮތް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތައް ހަދައިގެން މީހުން ވައްދާތާ އެތައް އަހަރެއް ވީއިރު ވެސް މިކަން ކުރާގޮތް މިއޮތީ ސާފު ނުވެފައި އިއްޒަތްތެރި ރައީސް، އެހެންވީމާ އަޅުގަނޑު އެދެން އިއްޒަތްތެރި މެންބަރު އެ ފޯމު ބައްލަވާފައި އެކަން ހިނގާ ގޮތް ސާފު ކޮށްލެއްވުން، އަޅުގަނޑު ވަރަށް ރަނގަޅަށް ސާފުކޮށްގެން މިއައީ، ކޮންމެހެން ހެކިވެރިޔާ ހުންނާކަށް ނުޖެހޭ ފޯމު ނިސްބަތްވާ ފަަރާތް ކުރިމަތީގައި، އޭނާ ވެރިފައި މި ކޮށްދެނީ ތިމަންނާ މި ފޯމުގެ ވެރިއަކީ މިއީކަން،" އިހުސާން ވިދާޅުވި އެވެ.