Advertisement

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވި ޕޯސްޓު އޮފީހުގެ އެޗްއާރް ޑިރެކްޓަރު އިސްތިއުފާ ދީފި

22 އޭޕްރީލް 2025 - 22:05 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކޮރަޕްޝަންގެ ތުހުމަތު އަމާޒުވި ޕޯސްޓު އޮފީހުގެ އެޗްއާރް ޑިރެކްޓަރު އިސްތިއުފާ ދީފި

22 އޭޕްރީލް 2025 - 22:05 5

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެޗްއާރު ޑިރެކްޓަރު އާމިނަތު ސުހާނާ އެ މަގާމުން އިއްޔެ އިސްތިއުފާ ދީފި އެވެ.

ސުހާނާ އިސްތިއުފާ ދީފައި މިވަނީ އޭނާ ހިމެނޭ ގޮތަށް ޕޯސްޓުގެ ފަސް މުވައްޒަފުން އެ ކުންފުނީގައި ހިންގާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

ޕޯސްޓުގައި ހިންގާ ކޮރަޕްޝަންގެ ހުރިހާ މައްސަލަތައް ހިމެނޭ ރިޕޯޓެއް އޭސީސީއަށް ހުށަހެޅީ އެ ކުންފުނީގެ އެމްޑީ އަހުމަތު ޝަފީގު، އެސިސްޓެންޓް އެމްޑީ އާމިނަތު ޝަރުމާ، އެގްޒެކެޓިވް ޑިރެކްޓަރު ފާތިމަތު ސީމާ، އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދު އަށް ބޮޑެތި ތުހުމަތުތައް ކުރުމަށްފަހެވެ.

ޕޯސްޓުގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް އޭސީސީއަށް ހުށަހެޅި ރިޕޯޓުގެ ކޮޕީއެއް އަދަދު އަށް ވެސް ވަނީ ލިބިފަ އެވެ.

އޭސީސީއަށް ހުށަހެޅި ރިޕޯޓުގައި ސުހާނާއަށް ކުރި ތުހުމަތުތައް:

  • ސުހާނާ އިސްކޮށް ހުރެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި، މުވައްޒަފުން ޝޯޓްލިސްޓު ކުރާ ހިސާބުން ފެށިގެން، ވަޒީފާ ދިނުމާ ހަމައަށް ޕޯސްޓުން މަކަރާއި އޮޅުވާލުންތައް ހިންގުން.
  • ވަޒީފާއަށް މީހުން ނަގާއިރު އިންޓަވިއު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ، މެރިޓަށް ބަލައިގެން ވަޒީފާ ދިނުމުގެ ބަދަލުގައި ސުހާނާ އެޗްއާރްގެ މުވައްޒަފުންނަށް އަންގާ ލިސްޓެއްގެ މައްޗަށް.
  • މަގާމަށް ޝޯޓްލިސްޓު ނުވާ ތަޖުރިބާ މަދު މުވައްޒަފަކަށް ގުޅައި އިންޓަވިއުކޮށް ވަޒީފާއަށް ނެރުން.

ޕޯސްޓުގައި ހިނގަމުންދާ ކޮރަޕްޝަންގެ ވާހަކަތައް ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް، ވިސްލްބްލޯކުރި އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ބަދަލު ހިފުމުގެ ގޮތުން ކަމަށް މިދިޔަ ހަފުތާގައި ވިސިލްބްލޯވާ ޔުނިޓުން ވަނީ ނިންމައިފަ އެވެ.

ވިސްލްބްލޯކުރި މުވައްޒަފާއި އެ މައްސަލައިގައި ހިމެނޭ އިތުރު އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނޭޅުމަށް ޕޯސްޓަށް ޖެނުއަރީ 21، ގައި އަމުރު ކޮށްފައި ވަނިކޮށް، އެ އަމުރާ ހިލާފަށް ޖެނުއަރީ 23، އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އިސްކޮށް އުޅުނީ ސުހާނާ ކަމަށް ތުހުމަތު ކުރެވެ އެވެ. މުވައްޒަފު ވަކިކުރި މައްސަލައިގައި ވިސްލްބްލޯވާ ޔުނިޓުން ވަނީ ޕޯސްޓު އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ޕޯސްޓުގެ ވަޒީފާ އިން ވަކިކުރި މުވައްޒަފުގެ ވަޒީފާ އަނބުރާ އިއާދަ ކުރުމަށް ވިސިލްބްލޯވާ ޔުނިޓުން ކޮށްފައިވާ އަމުރަށް ޕޯސްޓު އޮފީހުން މިހާތަނަށް ވެސް ތަބާވެފައެއް ނުވެ އެވެ.