Advertisement

ވިސްލްބްލޯކުރި މީހަކު ވަޒީފާއިން ކަނޑާލުމުން ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

20 ފެބުރުވަރީ 2025 - 18:29 27

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ވިސްލްބްލޯކުރި މީހަކު ވަޒީފާއިން ކަނޑާލުމުން ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

20 ފެބުރުވަރީ 2025 - 18:29 27

ވިސްލްބްލޯކުރި މީހަކު ވަޒީފާއިން ކަނޑާލުމުން, ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މިއަދު ނިންމައިފި އެވެ.

މިއީ ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ހިންގާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން އެއްވެސް އިދާރާއެއް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ. އެ ޔުނިޓު ވުޖޫދަށް އައީ 2019 ވަނަ އަހަރެވެ.

ޕޯސްޓް އޮފީސް ޖޫރިމަނާކުރީ އެ ޔުނިޓުން ޕޯސްޓް އޮފީހުގެ މައްޗަށް ކުރި ދެ އަމުރަކަށް ތަބާވެފައިނުވާތީ އެވެ. އެއީ ވިސްލްބްލޯ ކުރި މުވައްޒަފު ވަކި ނުކުރަން ކުރި އަމުރަށް ތަބާނުވި މައްސަލަ އާއި މުވައްޒަފުގެ ވަޒީފާ އަނބުރާ ރުޖޫއަ ކުރަން ކުރި އަމުރެވެ.

"އަޅުގަނޑުމެން މުއްދަތުތަކެއް ވެސް ދީފައިވާނީ އެ ފަރާތަށް [ޕޯސްޓް އޮފީސް]. އެއް އަމުރު ފޮނުވާފައި ވަނިކޮށް އެ އަމުރު ތަންފީޒުކުރީ. މާނައަކީ އެ ފަރާތުން މުވައްޒަފު ވަޒީފާއިން ވަކިކުރީ. ވަކި ކުރީމަ އަޅުގަނޑުމެން ދެވަނަ އަމުރެއް ކުރިން އެ ފަރާތް ވަޒީފާ ރުޖޫއަ ކޮށްދިނުމަށް މައްސަލަ ބަލާ ނިމެންދެން. ދެވަނަ އަމުރަށް ވެސް ތަބާނުވެގެން އަޅުގަނޑުމެން މިއަދު [ޖޫރިމަނާ] އަމުރު ފޮނުވީ،" އޭނާ ވިދާޅުވި އެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރާ އަމުރަކާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އަމުރާ އެއްގޮތަށް އަމަލު ނުކުރާ ތަންތަން އެއް މިލިއަނަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ ޔުނިޓަށް ލިބެ އެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ނިންމި ނިންމުމާ ގުޅިގެން ޕޯސްޓް އޮފީހުން ވަކިކުރި މުވައްޒަފަށް ޓްރައިބިއުނަލްއަށް ގޮސްގެން ވަޒީފާ އަނބުރާ ހޯދަން ފަސޭހަވާނެ އެވެ. އަދި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ އިޔާދަކުރަންދެން ދޭން ޖެހޭ އުޖޫރަ ދިނުމަށް ވެސް ފަސޭހަވާނެ އެވެ.

މިކަމާ ގުޅިގެން ޕޯސްޓް އޮފީހުގެ ބަހެއް ހޯދުމަށް ޕޯސްޓް އޮފީހުގެ އިންފޮމޭޝަން އޮފިސަރު ނަޖްލާ ޒަކަރިއްޔާ އަދި އެމްޑީ އަހުމަދު ޝަފީގަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ޕޯސްޓް އޮފީހުގެ މުވައްޒަފަކު ވަކި ކޮށްފައި ވަނީ އެ އޮފީހުގެ ކޮރަޕްޝަން މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ޕޯސްޓު އޮފީހުގެ އެމްޑީ ނުގަވާއިދުން ބޮޑު މުސާރައެއް ނަގާ މައްސަލަ ވެސް ހިމެނެ އެވެ.