Advertisement

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމަށް ފުރުސަތު ހުޅުވާލައިފި

20 އޭޕްރީލް 2025 - 01:22 1

ގައުމީ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރި އަލީ ސުޒޭން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމަށް ފުރުސަތު ހުޅުވާލައިފި

20 އޭޕްރީލް 2025 - 01:22 1

ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުގެ އިތުރުން، އެ ޓީމުގެ އިތުރު ހަތަރު މަގާމަކަށް ކުރިމަތިލުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުރުސަތު ހުޅުވާލައިފި އެވެ.

އެ ގޮތުން، ގެޒެޓުގައި އެފްއޭއެމް އިން ހިމަނާފައިވަނީ، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާއި، އެސިސްޓަންޓް ކޯޗުގެ މަގާމާއި، ޓީމު ޑޮކްޓަރުގެ މަގާމާއި ގޯލްކީޕަރު ޓްރެއިނަރުގެ މަގާމުގެ އިތުރުން ފިޒިކަލް ޓްރެއިނަރުގެ މަގާމަށެވެ.

މި މަހު 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި މަގާމަށް ހޮވޭ ފަރާތްތަކުގެ ކޮންޓްރެކްޓް މުއްދަތެއްގެ ގޮތުގައި ހިމަނާފައިވަނީ، ތިން މަސް ދުވަހެވެ. އެއީ، ޖޫން 22 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ނިޔަލަށް ކަމަށް ބެލެވެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތުތަކަށް ބަލާއިރު، އޭއެފްސީ/ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވުން ނޫނީ އެ ފެންވަރުގެ ކޯޗިން ސެޓްފިކެޓެއް އޮތުން ލާޒިމްކުރެ އެވެ. އަދި، ސީނިއާ ޕްރޮފެޝަނަލް ލެވަލްގައި ހަ އަހަރު ދުވަހުގެ ކޯޗިން ތަޖުރިބާ، ކްލަބެއް ނޫނީ ގައުމީ ޓީމެއްގައި ކޮށްފައިވާން ޖެހެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެންމެ ފަހުން ހުރީ އަލީ ސުޒޭން އެވެ. އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ވަނީ އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅެފަ އެވެ. ސުޒޭން، ގައުމީ ޓީމުން ވަކިވީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުންނެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތުގެ ގޮތުގައި، އޭއެފްސީ ގޯލްކީޕަރު ކޯޗިން ސެޓްފިކެޓް ލެވަލް 1، 2، 3 ނޫނީ އެ ފެންވަރުގެ ސެޓިފިކެޓެއް ހުރުމުގެ އިތުރުން، 3-5 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ލާޒިމެވެ. އަދި، އެސިސްޓަންޓް ކޯޗުކަމަށް ކުރިމަތިލާ ފަރާތެއް އަތުގައި އޭއެފްސީ ކޯޗިން ލެވަލް ބީ ސެޓްފިކެޓް ނޫނީ އެ ފެންވަރުގެ ފާހެއް ހުރުމުގެ އިތުރުުން، މަދުވެގެން ފަސް އަހަރު ދުވަހުގެ ކޯޗިން ތަޖުރިބާ ހުންނަން ޖެހެ އެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހު 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެފްއޭއެމަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ. މެއިލް ކުރުމަށް އެފްއޭއެމް އިން ހުޅުވާލައިފައިވަނީ، [email protected] އެވެ.