Advertisement

މަގާމުން ވަކިކުރަން ނިންމި ރިޕޯޓު ފަނޑިޔާރުންނަށް ފޮނުވައި، ޖަވާބުދާރީވާން އަންގައިފި

19 އޭޕްރީލް 2025 - 22:54 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ކޮމިޓީން ނިންމި ދެ ފަނޑިޔާރުން؛ އަޒްމިރަލްދާ އަދި މަހާޒްގެ ގާނޫނީ ވަކީލުން ވިދާޅުވީ ރިޕޯޓުގެ ހުރި ކަންކަން ބަލައި ޖަވާބުދާރީވުމަށް ތައްޔާރުވަމުން އަންނަ ކަމަށް -- ފޮޓޯ: އަދަދު


މަގާމުން ވަކިކުރަން ނިންމި ރިޕޯޓު ފަނޑިޔާރުންނަށް ފޮނުވައި، ޖަވާބުދާރީވާން އަންގައިފި

19 އޭޕްރީލް 2025 - 22:54 0

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރު، މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތިން މެންބަރުން ހިމެނޭ ކޮމިޓީން ނިންމައި ތައްޔާރުކުރި ރިޕޯޓު އެ ފަނޑިޔާރުންނަށް ފޮނުވައި، ބުރާސްފަތި ދުވަހުގެ ކުރިން ޖޭއެސްސީއަށް ޖަވާބުދާރީވާން އަންގައިފި އެވެ.

އަދަދު އަށް އެނގިފައި ވާގޮތުގައި ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމައި ތައްޔާރުކުރި ރިޕޯޓު ފަނޑިޔާރުންނަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެވެ. އެ ރިޕޯޓު ފޮނުވުމަށްފަހު ފަނޑިޔާރުންނަށް އަންގާފައި ވަނީ މި މަހުގެ 24، ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވުމަށެވެ.

އެކަމާ ގުޅޭގޮތުން މި ނޫހާ ވާހަކަދައްކަވަމުން އަޒްމިރަލްދާ އަދި މަހާޒްގެ ގާނޫނީ ވަކީލުން ވިދާޅުވީ ރިޕޯޓުގެ ހުރި ކަންކަން ބަލައި ޖަވާބުދާރީވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އަންގާފައި އޮތް މުއްދަތުގެ ކުރިން ޖަވާބުދާރީ ވާނެ ކަމަށް ވަކީލުން ބުންޏެވެ.

"ރިޕޯޓުގައި ހުރި ކަންކަން ބަލައި ޖަވާބުދާރީ ވާން ތައްޔާރުވަމުން މިދަނީ، ދީފައި އޮތް މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ޖަވާބުދާރީ ވާނަން،" މަހާޒްގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.

އަޒްމިރާލްދާގެ ގާނޫނީ ވަކީލު، އިބްރާހިމް ޝަމީލް ވިދާޅުވީ ޖަވާބުދާރީވުމުގެ މުއްދަތު ގުނަން ޖޭއެސްސީން އަންގާފައި ވަނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ކަމަށެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެ ކުރިން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.

"ބުރާސްފަތި ދުވަހުގެ ކުރިން ޖަވާބުދާރީ ވާންޖެހޭނެ، ޖަވާބުދާރީވުމަށް އަޅުގަނޑުމެން ތައްޔާރުވަމުން މިހާރު މި ދަނީ،" ޝަމީލް ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ކޮމިޓީން ފާސްކުރާ ރިޕޯޓާ ގުޅިގެން ފަނޑިޔާރުން ޖަވާބުދާރީވުމަށް ލިބޭނީ ހަތް ދުވަހެވެ. އެ ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީ ފަނޑިޔާރުން ޖަވާބުދާރީވުމުން، ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ޖޭއެސްސީން އަދި އަޑުއެހުމެއް ބާއްވާނެ އެވެ. ގޮތެއް ނިންމާނީ އެއަށްފަހު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީން ނިންމީ ދިފާއުގައި ހުށަހެޅި ހެކިން ހާޒިރުނުކޮށް، ވަކީލެއް ބޭނުންކޮށްގެން ދިފާއުވުމުގެ ފުރުސަތު ވެސް ފުރިހަމައަށް ނުދީ އެވެ.

މަހާޒް އާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލަތަކެއް ބަލާކަމަށް ބުނެ ސަސްޕެންޑު ކުރީ ފެބްރުއަރީ 26، ގަ އެވެ. ފަނޑިޔާރުން ސަސްޕެންޑުކޮށް މައްސަލަ ތަހުގީގު ކުރަން ފެށުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށްފަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައި އޮއްވަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވައި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް އދ. އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.