17 އޭޕްރީލް 2025 - 18:17 0
އަހުމަދު އާއިދު
ރާއްޖޭގެ ރަށެއްގެ މަގުމަތިން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ : ރާއްޖެ ޒިޔާރަތްކުރާ އިނގިރޭސި ޓޫރިސްޓުންގެ އަދަދު މި މަހު ވަރަށް ބޮޑަށް އިތުރުވެއްޖެ --- ފޮޓޯ: އަދަދު
17 އޭޕްރީލް 2025 - 18:17 0
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ޓޫރިސްޓުންގެ އަދަދު، އެންމެ ބޮޑު މާކެޓުގެ ގޮތުގައި އޮތް ޗައިނާއާ ގާތްކޮށްފި އެވެ.
ޗައިނާ އަކީ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރާއި ކޮވިޑުގެ ކުރިން ގިނަ އަހަރުތަކެއްގައި ދިވެހި ޓޫރިޒަމުގެ އެންމެ ބޮޑު މާކެޓަކީ ޗައިނާ އެވެ. މި ލިސްޓުން ޗައިނާ ގެއްލުނީ ކޮވިޑާއި ގުޅިގެން އެ ގައުމުގެ ބޯޑަރު ބަންދުކުރުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެޕްރީލް 15، އާ ހަމައަށް މި އަަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރީ 81،001 ޓޫރިސްޓުންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އިނގިރޭސިވިލާތުން އައީ 80،535 ޓޫރިސްޓުންނެވެ.
މިއީ އެންމެ 466 ޓޫރިސްޓުންގެ ތަފާތެކެވެ. އެއްވަނައިގައި އޮތް ޗައިނާއާ މިހާ ގާތަށް މި ދެ އަހަރުގެ ތެރޭ އެހެން މާކެޓެއް އައިސްފައެއް ނުވެ އެވެ.
އިނގިރޭސިވިލާތުގެ ޓޫރިސްޓުން ރާއްޖެ އައުން އިތުރުވެފައި މިވަނީ މި މަހު އެވެ. މަސް ފެށުނުއިރު އެ ގައުމު އޮތީ އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގަ އެވެ. އޭރު ދެވަނައިގައި އޮތީ ރަޝިޔާ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މަހު އެކަނި 15،131 އިނގިރޭސި ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުވެސް އިނގިރޭސިވިލާތް އޮތީ ޓޫރިސްޓު ލިސްޓުގެ ދެވަނައިގަ އެވެ. ނަމަވެސް އޭރު އެ ގައުމާ ޗައިނާއާ ދެމެދު 5،000 އެއްހާ ޓޫރިސްޓުންގެ ފަރަގެއް އޮތެވެ.
ޖުމްލަ އަދަދުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭ ލައްކަ އަކަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައެވެ. މި އަދަދުތަކާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 736,775 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަ އިންސައްތައިގެ ކުރިއެރުމެކެވެ.
އިނގިރޭސިވިލާތުގެ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ލިވަޕޫލް އެފްސީ އާއެކު ސަރުކާރުން މިދިޔަ މަހު އެއްބަސްވުމެއް ވަނީ ހަދާފަ އެވެ.
ތިން އަހަރާއި ހަ މަސްދުވަހުގެ މި އެއްބަސްވުމުގެ ދަށުން ލިވަޕޫލުގެ ދަނޑުގަޔާއި އިނިގިރޭސިވިލާތުގެ އާންމު ސަރަހައްދުތަކުގައި އަދި އެ ކްލަބުގެ ސޯޝަލް މީޑިއާގައި ރާއްޖެ ޕްރޮމޯޓުކުރާނެ އެވެ.
މި އެއްބަސްވުމާއެކު، މި އަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަނަށްވުރެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް މި ފަހުން ވިދާޅުވެފައިވެ އެވެ.
Comment