Advertisement

ބެލެނިވެރިންގެ ހުއްދަ ނެތި ބޯނުކޮށޭނެ، ކަން ހިނގި ގޮތް ދަނީ ބަލަމުން: ޝަފީއު

17 އޭޕްރީލް 2025 - 14:08 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްކަންދަރު ސްކޫލުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގްރެޖުއޭޝަން ޖަލްސާއަށް ތައްޔާރުކޮށްފައި؛ ޝަފީއު ވިދާޅުވީ ބެލެނިވެރިއެއްގެ ހުއްދަ ނެތި އެއްވެސް ކުއްޖެއްގެ ބޯ ކޮށުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް -- ފޮޓޯ: އިސްކަންދަރު ސްކޫލް


ބެލެނިވެރިންގެ ހުއްދަ ނެތި ބޯނުކޮށޭނެ، ކަން ހިނގި ގޮތް ދަނީ ބަލަމުން: ޝަފީއު

17 އޭޕްރީލް 2025 - 14:08 2

ބެލެނިވެރިއެއްގެ ހުއްދަ ނެތި އެއްވެސް ދަރިވަރެއްގެ ބޯކޮށުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިސްކަންދަރު ސްކޫލުގައި ކަން ހިނގާފައިވާ ގޮތް އެޑިއުކޭޝަނުން ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، އަބްދުالله ޝަފީއު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށް ދިޔަ ދަރިވަރުންތަކެއްގެ ބެލެނިވެރިންނަށް ނާންގައި ސްކޫލްގެ މެނޭޖުމެންޓުން މަޖުބޫރުކުރުވައިގެން އެ ކުދިންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ކޮށުވި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަފީއު ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް އެޑިއުކޭޝަނުން ބަލަމުންދާ ކަމަށެވެ.

"އެޑިއުކޭޝަނުން މިހާރު އެ ކަން ހިނގާފައި ވާގޮތް ސްކޫލުގެ ފަރާތުން ހަމަ ސާފު ކުރުމުގެ ރިޕޯޓެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޝަފީއު ވިދާޅުވި އެވެ.

"މިނިސްޓްރީގެ ފަރާތުން ސްކޫލުގައި ކަން ހިނގާފައި ވާގޮތް ބަލާލާފައި އަޅުގަނޑުމެން ވެސް ހަމަ ގުޅިގެން މަސައްކަތް ކުރަންޖެހޭ ފަރާތްތަކަށް އެއީ ހިއުމަން ރައިޓްސް ކަމަށްވިޔަސް އެ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން،"

ޝަފީއު ވިދާޅުވީ ބެލެނިވެރިއެއްގެ ހުއްދަ ނެތި އެއްވެސް ކުއްޖެއްގެ ބޯ ކޮށުވާފައި ނުވާނެ ކަމަށް އިސްކަންދަރު ސްކޫލުގެ މެނޭޖުމެންޓުން ބުނި ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ފަސްފަހަތް ބަލައި ރަނގަޅަށް ދެނެގަތުމަށްފަހު ނޫނީ މައްސަލައާ ބެހޭގޮތުން ސީދާ އެއްޗެއް ދަންނަވަން ދަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވާހަކައަކީ ކޮންސެންޓެއް އޮތްކަމުގައި ވާނަމަ ކުރެވިދާނެޔޭ، ބެލެނިވެރިއެއްގެ ހުއްދައެއް ނެތި، ކުއްޖަކަށް އެފަދަ ފިޔަވަޅެއް އެޅުމަކީ އެއީ ހަމަ ތަރުހީބު ދެވޭ ކަމެއް ނޫން، އިނގެތޯ،" ޝަފީއު ވިދާޅުވި އެވެ.

ސްކޫލް ކުދިންގެ ގަވާއިދަކީ އެ ކުދިންގެ ތަރުބިއްޔަތަށް ވަރަށް ބޮޑަށް އިސްކަން ދީގެން އެޑިއުކޭޝަން މިނިސްޓްރީން ހަދާފައި އޮންނަ ގަވާއިދެއް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ. އެހެންކަމުން އެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތަން ދަރިވަރަކަށް ބެލެނިވެރިއަކު ހިތްވަރު ދިނުމަކީ ތަރުބިއްޔަތުގެ ވަރަށް ނުބައި ނަމޫނާއެއް ކަމަށެވެ.

"އެންމެ ފުރަތަމަ ބެލެނިވެރިޔަކު ދަރިވަރަކު ލައްވައި ސްކޫލުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތަން ހިފާ ހިފުމަކީ އެއީ ތަރުބިއްޔަތުގެ ވަރަށް ނުބައި ނަމޫނާއެއް، އެއީ ހަމަ ކުއްޖާގެ ހައްގަކަށް އަރައިގަތުން ކަމަށް އެޑިއުކޭޝަނުން ދެކެނީ، އޭގެ ކުރިން އެ ގަވާއިދު ގޯސްވެއްޖެ ކަމުގައި ވަނީނަމަ ބެލެނިވެރިޔާއަށް އޮންނާނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުން،" ޝަފީއު ވިދާޅުވި އެވެ.

ދަރިވަރުން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށްޓަކައި ސްކޫލްތަކުން ހަދާފައި ހުންނަ ގަވާއިދުތަކަށް ކިޔަމަންވާން ދަސްކޮށްދީ އެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ދަރިވަރުންނަށް ބާރު އެޅުމަކީ ބެލެނިވެރިންގެ ކޮނޑުގައި އެޅިފައި އޮންނަ ގާނޫނީ ޒިންމާއެއް ކަމަށް ޝަފީއު ވިދާޅުވި އެވެ.

ސްކޫލް ކުދިންގެ ގަވާއިދުތަކަކީ އެ ކުދިން ބޮޑެތިވެގެން ވަޒީފާގެ މާހައުލަށް ނުކުންނައިރު، އެ ތަންތަނުން ހަދާފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކަށް ކުދިން ހޭނުވުމުގެ މަގުސަދު ވެސް ހިމެނިގެން އެކުލަވާލާފައި އޮންނަ ގަވާއިދެއް ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި އެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ކޮނޑުގައި އެޅިފައި އޮންނަ ގާނޫނީ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ކޮންޑަކްޓު ބިހޭވިއާ އުސޫލެއް ނޫން، އެއީ އެސެސްމެންޓެއް ކަމުގައި ވިޔަސްމެ ޔުނީފޯމު އެޅުން ކަމުގައި ވިޔަސްމެ އަދި ކުއްޖަކު ސްކޫލާ ގުޅިގެން އަމަލު ކުރަންޖެހޭ އެއްވެސް ގަވާއިދެއް ހުރި ކަމުގައި ވަނީ ނަމަ އެ ގަވާއިދަށް އެ ކުދިން ހާނުވައި އެ ކުދިންނަށް ބާރު އަޅުުވައި އެ ކުދިން ލައްވައި ގަވާއިދު ތަންފީޒު ކުރުމަށް މަސައްކަތް ކުރުމަކީ އެއީ ކޮންމެ ބެލެނިވެރިއެއްގެ ކޮނޑެއްގައި އެޅިފައި އޮތް ގާނޫނީ ޒިންމާއެއް،" ޝަފީއު ވިދާޅުވި އެވެ.

"އެކުލަވާލައިފައި ހުންނަ އުސޫލުތަކަށް އެ ކުދިން ހާނުވައި އަދި ސްކޫލަށް އެއްބާރުލުން ދީ އެ ކަންތައްތައް ކުރުމަކީ އެއީ ހަމަ ބެލެނިވެރިޔަކު ކުރަންޖެހޭ ގާނޫނީ ޒިންމާއެއް ކަމަށް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ދެކެނީ،"

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއްގެ ބޯ ގަދަކަމުން ކޮށުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ. އެ ކުދިންގެ ބޯ ގަދަކަމުން ކޮށުވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އޮތް އެ ސްކޫލުގެ ގްރެޖުއޭޝަން ފެށެން ބައިގަޑިއެއްހާއިރަށްވެފައި ހުއްޓަ އެވެ.

އޭގެ ތެރެއިން ގިނަ ކުދިންގެ ބޯ ސްކޫލުގެ މެނޭޖުމެންޓުން ކޮށުވާފައި ވަނީ އެ ކުދިންގެ ބެލެނިވެރިންނަށް ވެސް ނާންގަ އެވެ. އޭގެތެރެއިން އެއް ކުއްޖެއްގެ ބޯ އިސްކަންދަރު ސްކޫލުގެ މެނޭޖުމެންޓުން ކޮށުވީ އެ ސްކޫލުގެ ފާހާނާ ތެރޭގައި ބަހައްޓައިގެންނެވެ.

ސްކޫލް ފާހާނާގައި ބަހައްޓައިގެން ގަދަކަމުން ބޮލާއި ތުނބުޅި މަތިމަސް ކޮށުވި ދަރިވަރުގެ މަންމަ އަދަދު އާ ވާހަކަދައްކަމުން ބުނީ އޭނާގެ ދަރިފުޅުގެ ބޯ ކޮށުވީ ގްރެޖުއޭޝަން ޖަލްސާ ފެށެން ބައި ގަޑިއެއްހާއިރަށް ވެފައި ހުއްޓައި ސްކޫލުގެ ފާހާނާ ތެރެއަށް ވައްދައި މަޖުބޫރު ކުރުވައިގެން ދަރިފުޅު ލައްވައި ކަމަށެވެ.