Advertisement

ސޯޝަލް މީޑިއާގައި ޓީޗަރުން ޝުއޫރުފާޅުކުރާތީ ސަރުކާރުން ނުރުހިއްޖެ

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް: ސޯޝަލް މީޑިއާގައި ޓީޗަރުން ޝުއޫރުފާޅުކުރާތީ ނުރުހުން ފާޅުކޮށްފައިވޭ


ސޯޝަލް މީޑިއާގައި ޓީޗަރުން ޝުއޫރުފާޅުކުރާތީ ސަރުކާރުން ނުރުހިއްޖެ

ސޯޝަލް މީޑިއާގައި ޓީޗަރުން ޝުއޫރުފާޅުކުރާތީ އެޑިއުކޭޝަން މިނިސްޓްރީން ނުރުހުން ފާޅުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޓީޗަރުން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރުމާ ގުޅޭގޮތުން ނުރުހުން ފާޅުކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޝިފާޒް މުހައްމަދު އެވެ.

ޓީޗަރުންނާމެދު ޝިފާޒް ނުރުހުން ފާޅުކޮށްފައިވާ އޯޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއީ ސައްހަ އޯޑިއޯއެއްތޯ ޔަގީންކުރުމަށް ޝިފާޒަށް ގުޅުމުން އޭނާ ވަނީ އެއީ ސައްހަ އޯޑިއޯއެއްކަން ކަށަވަރުކޮށްދީފަ އެވެ.

އެ ބައްދަލުވުމުގައި އެއްވެސް ޓީޗަރަކު ސިޔާސީ އޮއިވަރުގައި ނުޖެހި އެއީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ތިބި ބައެއްކަން ހަދުމަކޮށްދޭން ޕްރިންސިޕަލުން ކިބައިން ޝިފާޒް ވަނީ އެދިވަޑައިގެންފަ އެވެ.

"ހުރިހާ ބޭފުޅުންނަށް ވެސް ދަންނަވާތި އެހެން އަންނަ އެކިއެކި ސިޔާސީ އޮއިވަރުގައި އެއްވެސް ބޭފުޅަކު ނުޖެހުމަށް އެނގޭތޯ. އަޅުގަނޑުމެންނަކީ މީ ކޮމިއުނިޓީއަށް ހިދުމަތް ދޭން ތިބި ބައެއް. ޕަބްލިކް ސާވެންޓުން އަޅުގަނޑުމެންނަކީ. އެނގޭތޯ؟،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އެއްވެސް ޓީޗަރަކު ސިޔާސީ އޮއެވަރުގައި ޖެހިގެން އުޅޭ ކަމަށްވާނަމަ، ޓީޗަރުން ދޭ ހިދުމަތާ މެދު ސުވާލު އުފައްދާނެ މީހުން ވެސް އުޅޭނެ ކަމަށާއި އެހެންކަމުން އެއްވެސް ޓީޗަރަކު ވަކި އަތަކަށް ޖެހިގެން ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.

"އެހެންވީމަ އެއްވެސް އަތަކަށް އެއްވެސް ބޭފުޅަކު ޖެހިއްޖެކަމަށްވަންޏާ ހަގީގަތުގައި އަޅުގަނޑުމެންނަށް ދޭ ހިދުމަތާ ދޭތެރޭގައި ހިތްހަމަނުޖެހި ޝައްކު އުފެދޭ ރައްޔިތުން ތިބޭނެ. އަޅުގަނޑުމެން ތިބެންވާނީ އަބަދުވެސް ހަމަ ނިއުޓްރަލްކޮށް. އެެހެންވީމަ އެއްވެސް ވަކި އަތަކަށް، ވަކި ގޮތަކަށް އެގޮތަށް ވާހަކަ ނުދެއްކުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އެނގޭތޯ. އެހެން ވާހަކަ ދައްކައިގެންވެސް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އިދާރާއަކުން އާންމުކުރާ ކޮންމެ އެއްޗަކަށް ރައްދުދޭ ޓީޗަރުން ތިބޭކަން ފާހަގަކުރައްވައި ޝިފާޒް ވިދާޅުވީ އެފަދަ ކޮމެންޓްތައް ބެލެނިވެރިންނަށް ވެސް ފެންނާނެ ކަމަށެވެ. މިގޮތުން އެފަދައިން ކޮމެންޓުކޮށް ޝުއޫރުތައް ފާޅުނުކުރަން އޭނާ އެދިވަޑައިގަތެވެ.

ޕްރިންސިޕަލުންނާއެކު ބޭއްވި އެ ބައްދަލުވުމުގައި ޓީޗަރުންނަށް ޕެންޝަން ފައިސާ ޖަމާނުވުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައިވެ އެވެ. ޝިފާޒް ވިދާޅުވީ ޕެންޝަން ފައިސާ ޕެންޝަން އޮފީހަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ ޓީޗަރުންނަށް ލިބުނު ކަމަށް ނުފެންނަނީ ޕެންޝަންގެ ސިސްޓަމް އަޕްޑޭޓަކާ ގުޅިގެން ކަމަށެވެ.