17 އޭޕްރީލް 2025 - 09:36 1
17 އޭޕްރީލް 2025 - 09:36 1
ދުރުވިސްނޭ ރަނގަޅު ނިންމުންތަކެއް ނިންމާ ހަރުދަނާ ކްލަބްތަކެއް ނެތި ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްނުދާނެ ކަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު އަދި ކުޅިވަރު އެޑްމިނިސްޓްރޭޓަރު، މައުރޫފު އަހުމަދު (މާއްޓޭ) ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގަމުން އަންނަނީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާ އިން އައްޔަނުކުރި ނޯމަލައިޒިން ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެ ނޯމަލައިިޒިން ކޮމިޓީގެ މެންޑޭޓްތައް ފުރިހަމަ ކުރަން ފީފާ އިން މި ވަގުތަށް ބަލާއިރު، ދީފައިވާ މުއްދަތު އޮތީ އަންނަ ޖުލައި މަހަށެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްކުގެ ފުޓްބޯޅަ މުބާރާތެއް ނުކުޅޭތާ 400 އަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ކަމާ ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އެ ގޮތުން، ފުޓްބޯޅައިގެ ހާލަތާ ބެހޭގޮތުން ގިނަ ބަޔަކު އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ.
އެ ގޮތުން، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު އަދި އެފްއޭއެމްގައި މި ވަގުތު އޮތް ޓެކްނިކަލް ކޮމިޓީގައި މަސައްކަތްކުރަމުން އަންނަ މާއްޓޭ ވަނީ އޭނާ ދެކޭގޮތް އަމިއްލަ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.
މިދިޔަ ސަރުކާރުގައި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ ޒިންމާ އަދާކުރި މާއްޓޭ ފާހަގަކުރި ގޮތުގައި، ފާއިތުވި އަހަރުތަކުގައި ފެށިގެންދިޔަ "ސޭވް އެފްއޭއެމް"ގެ ހަރަކާތުގެ މައިގަނޑު އަސާސަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތަށް ގެންނަން ޖެހޭ ބޮޑެތި ސްޓްރަކްޗަރަލް ބަދަލުތައް ގެނެސް ކަންކަން ތަރުތީބުކުރުން ކަމަށެވެ.
އެފްއޭއެމްގެ މައްސަލަތައް ހައްލުކުރަން ޖެހެނީ، އެންމެން ގުޅި ލާމެހިގެން ކުރިއަށްގެންދެވޭނެ ދެފުށްފެންނަ އެންމެ ރަނގަޅު ނިޒާމުގެ ތެރެއިން އަތުރާލެވޭ އޮނިގަނޑެއްގެ ތެރެއިން ކަމަށް މާއްޓޭ ފާހަަގަކޮށްފައިވެ އެވެ. މި ބަދަލުތައް ގެންނަން ފުރުސަތު ލިބިފައި އޮތީ މިހާރު އެފްއޭއެމްގައި އެ އޮތް ނޯމަލައިޒިން މަރުހަލާގެ ތެރެއިން ކަމަށް ވެސް މާއްޓޭ ވަނީ ބުނެފަ އެވެ.
"ހަގީގީ މާނައިގައި ކަންކަން ރަނގަޅު ކުރެވިގެންދަނީ ރަނގަޅު ފައުންޑޭޝަނަކާ ހަމައިން. ހިތާމަ އަކީ ގިނަ ކްލަބްތައް މި ހިނގަނީ މިހާރު ކަންކަން ހިނގާ އުސޫލާ ނުބައްދަލު ގޮތްގޮތަށް. ރަނގަޅު މެނޭޖްމަންޓެއްގެ ތެރެއިން ޖަވާބުދާރީ ކުރެވޭނެ އުސޫލެއްގެ ތެރެއިންނެއް ނޫން. ފަހުގެ ފުޓްބޯޅައިގެ ގަވަނަންސް ތެރެއިން ކަންކަން ކުރުމުގެ ބަދަލުގައި، ކްލަބްތަކުން ކުރަމުން އަންނަ ކަމަކީ އެފްއޭއެމަށް ނުރަނގަޅު ނުފޫޒު ފޯރުވުން، އޭގެއިން ވަނީ ފުޓްބޯޅައިގެ ލީޑަޝިޕް ބަލިކަށި،" އިނގިރޭސި ބަހުން، މާއްޓޭ ލިޔެފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި ކާމިޔާބީ އަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ކޯޗުންގެ ތެރޭގައި ހިމެނޭ މާއްޓޭ ބުނީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްގެންދާނަމަ ބޭނުންވަނީ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ހިނގާނެ ރަނގަޅު ކްލަބްތައް ކަމަށެެވެ.
"ކްލަބްތައް ވާން ޖެހޭނީ ޒިންމާދާރު ބަޔަކަށް، ހަމައެކަނި (މުބާރާތްތަކުގައި) ބައިވެރިވާ ކްލަބެއްގެ ގޮތުގައި އޮތުމެއް ނޫން. ކްލަބްތައް ވާން ޖެހޭނީ ޕްރޮފެޝަނަލް އުސޫލުތަކާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ މަސްލަހަތު ދިރުވައި ރަނގަޅު މަގުން ފުޓްބޯޅަ ކުރިއަށްގެންދާ ބަޔަކަށް،" ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ މާއްޓޭ ބުންޏެވެ.
މާއްޓޭ ބުނީ ފުޓްބޯޅަ ރަނގަޅުކުރާނަމަ ބަދަލުތައް އަންނަން ޖެހެނީ ހުރިހާ ދިމާލަކުން ކަމަށާއި ގްރާސްރޫޓް ލެވަލުން ފެށިގެން ހުރި ކަންކަމަށް ވެސް ހައްލުގެންނަން ޖެހޭ ކަމަށެވެ.
Comment