16 އޭޕްރީލް 2025 - 11:25 0
މުހައްމަދު ޝަހްޒާން
ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު؛ އޭނާ ވިދާޅުވީ ގަމީހެއް ފަަހަން ނަގާނީ މުންޑެއް ފަހަން ނަގާ ވަގުތު ނޫން ކަމަށާއި މަޖިލީހުގެ މަސައްކަތްތަކުގެ ސްޕީޑު ރަނގަޅު ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
16 އޭޕްރީލް 2025 - 11:25 0
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގަމުން ދަނީ ވަރަށް ރަނގަޅަށް، ސަރުކާރާއި ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު މަޖިލީހުގެ މެންބަރުންނަށް ތައުރީފު ކުރައްވައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މަޖިލީހުގެ ބައެއް މަސައްކަތްތައް ލަސްވެގެން ދަނީ އެ މަސައްކަތުގެ ބާވަތަށް ބަލައި ކަމާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް ހިޔާލު ހޯދުމާއި މައްސަލަ ދިރާސާ ކުރުން ފަދަ ކަންކަން ކުރަން ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް މި 20 ވަަނަ މަޖިލިސް މި ހިންގެނީ ވަރަށް ރަނގަޅަށް. އިއްޒަތްތެރި ރައީސްގެ ޒައާމަތުގައި މި މަޖިލިސް މި ހިނގަމުން ދަނީ އިރާދަކުރެއްވިއްޔާ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް، ވަގުތު ކަންކަމަށް ނަގަންޖެހޭ ކަންކަމަށް ވަގުތު ނަގައިގެން ދިރާސާ ކުރަންޖެހޭ ކަންކަން ދިރާސާ ކޮށްގެން އެކަމުގެ މައުލޫމާތު ހޯދަންޖެހޭ ކަންކަމުގެ މައުލޫމާތު ހޯދިގެން،" ފަލާހު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ހަގީގަތުގައި ވަރަށް ބޮޑަށް ޝުކުރުވެރިވަން މި މަޖިލީހުގެ މެންބަރުން މި ކުރައްވާ މަސައްކަތުގެ ފުރިހަމަކަމުން."
އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަކީ މަޖިލީހުގެ މަސައްކަތްތައް ނުހިނގުން ނޫން ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި ހުއްޓުމެއް ނެތި މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު އެހެން ވިދާޅުވިއިރު، މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މާޗު 19، ގައި ބޭއްވި ފަހުން ދެން ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެއަށްފަހު މިދިޔަ ހަފުތާގައި ވެސް މަޖިލީހުގެ ތަޅުމުގައި އެއްވެސް މަސައްކަތެއް ނުކޮށް ތިބުމަށްފަހު ގަވާއިދުން ތިން ޖަލްސާ ބޭއްވީ މި ހަފުތާގަ އެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން ފުރަތަމަ ދައުރު އަންނަ މެއި 15 ގައި ހަމަވާނެ އެވެ. އެހެންކަމުން ގަވާއިދުން ޖަލްސާތައް ބޭއްވި ނަމަވެސް، ދެން ބޭއްވޭނީ 12 ޖަލްސާ އެވެ.
Comment