15 އޭޕްރީލް 2025 - 04:33 0
ލީވާން އަލީ ނާސިރު
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހުމާލުވުން ސަރުކާރުގެ ސަމާލުކަމަށް ގެންނަން އޭނާ ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
15 އޭޕްރީލް 2025 - 04:33 0
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން ވަމުންދާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް މައްސަލައެއް ހުށަހަޅި އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 12 މެންބަރުން ވޯޓުދެއްވިއިރު، އެ މައްސަލަ ބަލަައިނުގަންނަން 44 މެންބަރުން ވޯޓު ދިނެވެ.
އެ މައްސަލައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ.
އެ ގޮތުން 2019 ގައި ތެރަޕިއުޓިކް ހިދުމަތްތައް ސަރުކާރުގެ އެހީގައި ހިލޭ ލިބޭނެ ހިދުމަތް ތައާރަފުކުރެވިގެން ގޮސްފައިވީހިނދު، ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ސަރުކާރުން އަދާ ކުރަމުން ނުދިޔުމުން ތެރަޕީ ނެގުމަށް ދައްކަން ޖެހޭ ފައިސާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުން ހަރަދު ކުރަންޖެހިފައިވާ ކަމަށެވެ.
"ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުމާއި، ތެރަޕީ އަގުބޮޑުވަމުންދިޔުމާއި، އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިންނަށް، ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވަމުންދާކަމީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުގެ މެދުގައި އިންތިހާއަށް ބޮޑުވެފައި އޮތް ކަންބޮޑުވުމެއް،" މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
ކުއްލި މައްސަލައިގައި އޯޓިޒަމް އާއި އޭޑީއެޗްޑީފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކި އެކި ހާލަތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެމުންނުދިޔުމުގެ ސަބަބުން ވެސް އާއިލާތަކަށް ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނަށް ގާނޫނުތަކުންނާއި، އިންސާނީ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކާއި ބެހޭ އެންމެހާ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ލިބޭނެ މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment