އއ. ރަސްދޫ: އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމެފިރިންނަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައި
އއ. ރަސްދޫގައި މާޗު 24، ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެސް މިރޭ މަރުވެއްޖެ އެވެ.
ރަސްދޫ ކައުންސިލުގެ ރައީސް މުހައްމަދު ނާހިދު އަދަދު އަށް ވިދާޅުވީ އެ މީހާ މަރުވީ އިންޑިއާއަށް ގެންގޮސް އިތުރު ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނީ 31 އަހަރުގެ ދެމަފިރިންނެވެ. އެ ދެމީހުންނަށް ވެސް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ފަރުވާ ދެމުން ދަނިކޮށް މާޗު 31، ގައި އަންހެން ވަނީ މަރުވެފަ އެވެ.
ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ އޭޕްރިލް 6 ގަ އެވެ.
އެ ދެމަފިރިންގެ ފަސް އަހަރުގެ ތުއްތު ކުއްޖަކު ހުރެ އެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ކޮޓަރީގައި ނެތެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ނޭނގެ އެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ވެސް އަދި މިހާތަނަށް ބަހެއް ނުބުނެ އެވެ.
Comment