Advertisement

މާލޭގައި ދުއްވަން ހުއްދަ ދޭނެ ވެހިކަލްތަކުގެ އަދަދު 45 ވަރަކަށް ދުވަސް ތެރޭ ކަނޑައަޅަނީ

14 އޭޕްރީލް 2025 - 20:36 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރާންސްޕޯޓް މިނިސްޓަރު އަމީން: މާލެ ސިޓީ ކައުންސިލުން ކެރީން ކެޕޭސިޓީ ޑިކްލެއާ ކުރުމުން ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


މާލޭގައި ދުއްވަން ހުއްދަ ދޭނެ ވެހިކަލްތަކުގެ އަދަދު 45 ވަރަކަށް ދުވަސް ތެރޭ ކަނޑައަޅަނީ

14 އޭޕްރީލް 2025 - 20:36 4

މާލޭގައި އެންމެ ގިނައިން ވެހިކަލް ދުއްވޭނެ އަދަދު ނުވަތަ ވެހިކަލް ކެރީއިން ކެޕޭސިޓީ ގާތްގަނޑަކަށް 45 ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން މިއަދު ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ވެހިކަލްގެ އަދަދު ނުވަތަ ކެރީން ކެޕޭސިޓީ ޑިކްލެއާ ކުރުމުން ގަވާއިދަށް ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ އުންމީދާ އެއްގޮތަށް ކުރިއަށް އޮތް 45 ދުވަސް ތެރޭގައި މާލެ ސިޓީ ކައުންސިލުން ކެރީން ކެޕޭސިޓީ ޑިކްލެއާ ކުރުމުން، ގެންނަން ޖެހޭ ބަދަލުތައް މިނިސްޓްރީން ގެންނާނެ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މިހާ ހިސާބަށް ގެންދެވިފައިވާ ވާހަކަތަކާއި ކޮންސަލްޓޭޝަންއަށް ބަލާފައި މި ކުރިއަށް އޮތް 45 ވަރަކަށް ދުވަސް ތެރޭގައި ކެރީން ކެޕޭސިޓީ އެބޭފުޅުން ޑިކްލެއާ ކުރައްވާނެ ކަމަށް. އޭރުން ހުރިހާ ކަމަކަށް އަޅުގަނޑުމެން އުސޫލުތަކާއި ގަވާއިދުތަކާއި ލިމިޓްތައް އެޅުވޭނެ ގޮތް އަންނާނީ ކެރިން ކެޕޭސިޓީ ޑިކްލެއާ ކުރެއްވީމަ،" މިނިސްޓަރު ވިދާޅުވި އެވެ.

ކެރީން ކެޕޭސިޓީ މާލެ ސިޓީ ކައުންސިލަށް ޑިކްލެއާ ނުކުރެވި ލަސްވެގެންދިޔައީ މައްސަލައިގެ ބޮޑުކަމުން ކަމަށް ވެދާނެ ކަމަށް އަމީން ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) މެދުވެރިކޮށް ހެދި ދިރާސާގައި ރަނގަޅު ސްޓެޓްތަކެއް ހުރި ކަމަށެވެ.

"އަޅުގަނޑުމެން ހަމަ އެ ސްޓަޑީތަކަށް ރީޔާޔަތްކުރަމުން އަޅުގަނޑުމެން ހަދާ ގަވާއިދުތަކަށް ވެސް އެ ރެކޮމެންޑޭޝަންސް، އޭގެ ތެރޭގައި ވަރަށް ރަނގަޅު ސްޓެޓިސްޓިކްސް އެބަހުރި، ހިމެނޭ ގަބޫލުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކެރީއިން ކެޕޭސިޓީއާ ކަނޑައަޅަން މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއާއެކު ކުރިއަށް ގެންދަން ޖެހޭ ބައި އަންނަ ހަފްތާގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި މިހާރު 119،472 ވެހިކަލް ދުއްވާ ކަމަށާއި މާލޭގެ ކެރީއިން ކެޕޭސިޓީ ނުވަތަ މާލެ ސަރަހައްދަށް ރެޖިސްޓްރީ ކުރެވޭނެ ވެހިކަލްގެ އަދަދު 89،413 ގައި ހިފަހައްޓަން އައިޔޫއެމްގެ ދިރާސާ ރިޕޯޓުގައި ވަނީ ގޮވައިލާފަ އެވެ.

އެ ޔުނިވާސިޓީން ހެދި ދިރާސާއިން ދައްކާ ގޮތުން މާލެ ސަރަހައްދުގައި 103،300 ސައިކަލާއި 7،505 ކާރު ދުއްވަ އެވެ. ދިރާސާގައި ހުށަހަޅާފައި ވަނީ ސައިކަލުގެ އަދަދު 76،518 އަށް އަދި ކާރުގެ އަދަދު 5610 އަށް މަދު ކުރުމަށެވެ.

އެ ދިރާސާ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ލާމަރުކަޒީ ގާނޫނު ފާސްކުރިތާ ހަ މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ކަނޑައެޅަން ޖެހެ އެވެ. ލާމަރުކަޒީ ގާނޫނު ފާސްކުރީ 2020 ގަ އެވެ. ނަމަވެސް އޭރު މޭޔަރުކަމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އޮތީ އޭގެ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.