ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު އިދާރާތަކުން ވަމުންދާ އިހުމާލުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

13 އޭޕްރީލް 2025 - 13:13 0

ސާއިފް ޝިޔާދު

ސ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ މަޖިލީހުގައި ވާހަކަ ދައްކަވަނީ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މިފަދަ މައްސަލަތަކުގެ ތެރެއިން ތަޅުމުގައި ބަހުސް ކުރުމަށް ވޯޓުން ފާސްވެ ފުރުސަތު ލިބެނީ މަދު މައްސަލަތަކަކަށް --- ފޮޓޯ: މަޖިލިސް އިދާރާ


ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު އިދާރާތަކުން ވަމުންދާ އިހުމާލުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

13 އޭޕްރީލް 2025 - 13:13 0

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ އާއި، އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިދާރާތަކުން ވަމުންދާ އިހުމާލުތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެ ކަންކަން ހައްލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި މައްސަލާގައި ވަނީ ނުކުޅެދޭ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި، އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް އެކުލަވާލާފައި އޮތް ނަމަވެސް އިހުމާލުވަމުންދާ ކަމަށެވެ.

މައްސަލާގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް

  • ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާކުރަމުން ނުދާތީ ކުދިންގެ އާއިލާތަކުގެ އަމިއްލަ ފައިސާއިން ހަރަދުކުރަން ޖެހުން
  • ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުމާއި، ތެރަޕީގެ އަގު ބޮޑުވަމުންދިޔުމާއި، އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިންނަށް، ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވަމުން ދިޔުން
  • އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކި އެކި އާލަތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެމުން ނުދިޔުން

މި އިހުމާލުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅުމުގެ އާންމު ހާލަތު ދަށްވަމުންދާކަން ކުޑޫ ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިއާދަނުކުރެވޭނެ ގެއްލުންތައް އެފަދަ މީހުންނާއި އާއިލާތަކަށް ލިބެމުންދާ ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައި ވެއެވެ.

"މުޖުތަމައުގައި ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތްތަކާއި، އެހީތެރިކަން ލިބިގެންދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ގޮވާލައި،" އެ މައްސަލާގައި ލިޔެފައިވެ އެވެ.

އެ މައްސަލަތައް ހައްލު ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެއް، އެ ގޮންޖެހުންތައް ނައްތައިލުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެ މައްސަލާގައި ވަނީ ގޮވާލާފަ އެވެ.