13 އޭޕްރީލް 2025 - 10:55 2
މުހައްމަދު ޝަހްޒާން
މާލޭގެ މަގެއްގެ މަތީގައި އުޅަނދު ދުއްވަނީ -- ފޮޓޯ: އަދަދު
13 އޭޕްރީލް 2025 - 10:55 2
ރަށު ޕިކަޕު ފަދަ އުޅަނދުތައް ރަށްރަށުގައި ދުއްވަން ބޭނުންވާ ފަސްދޮޅަސް އަހަރުން މަތީގެ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ލައިސެންސެއް ޓްރާންސްޕޯޓް މިނިސްޓްރީން ތައާރަފުކޮށްފި އެވެ.
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އިސްލާހު ކޮށްފައި ވަނީ 60 އަހަރުން މަތީގެ މީހުންނަށް ފަސޭހައިން ނެގޭނެ ހާއްސަ ލައިސެންސަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ހާއްސަ ލައިސެންސެއް ދޫކުރެވޭ ގޮތަށެވެ.
އެގޮތުން އެ އިސްލާހުގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ހާއްސަ އުޅަނދުތައް ދުއްވުމަށް އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ލައިސެންސެއް މިނިސްޓްރީއަށް ދޫކުރެވިދާނެ ކަމަށެވެ.
އަދި އެ ލައިސެންސް ދޫކުރާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތުގެ ހުންނަ ނުކުޅެދުންތެރި ކަމަށް ބަލައި އާންމު އެހެން ލައިސެންސްތައް ދޫކުރުމުގައި އަމަލު ކުރާ އުސޫލުތަކާއި ޝަރުތުތަކުން އިސްތިސްނާ ދިނުމުގެ އިހުތިޔާރު ވެސް އެ އިސްލާހުގެ ދަށުން މިނިސްޓްރީއަށް ލިބެ އެވެ.
އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދޫކުރާ ލައިސެންސަކީ ރާއްޖޭގެ ރަށްރަށުގައި ބޭނުންކުރާ ރަށު ޕިކަޕު ފަދަ އުޅަނދުތައް ދުއްވުމަށް މިހާރު ނަގަންޖެހޭ ލައިސެންސަށްވުރެ ފަސޭހަ އުސޫލެއްގެ ތެރެއިން ނެގޭ ލައިސެންސެކެވެ. އެ ލައިސެންސް ދޫކުރަން ހަމަޖައްސާފައި ހަތަރު ގަޑިއިރުގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކުރާ ފަރާތްތަކަށް ރާއްޖޭގެ ރަށު ކައުންސިލްތަކުންނެވެ.
އެ ލައިސެންސްގެ ދަށުން ދުއްވޭނީ 60 ސީސީން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕު ފަދަ އުޅަނދުތަކެވެެ. އެ އިސްލާހުގައި ބުނެފައި ވާގޮތުން 60 އަހަރުން މަތީގެ މީހުންނަށް ދޫކުރާ ލައިސެންސްގެ މުއްދަތަކީ 10 އަހަރެވެ. އެއީ މުއްދަތު ހަމަވުމުން އައު ކުރެވޭ ލައިސެންސެއް ނޫނެވެ. އިސްލާހުގައި ބުނެފައި ވާގޮތުން އެ ލައިސެންސްގެ މުއްދަތު ހަމަވުމުން ޖެހެނީ އަލުން އިމްތިހާނުގައި ބައިވެރިވެ، ލައިސެންސް ނަގާށެވެ.
އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދޫކުރާ ލައިސެންސްގައި އުޅަނދު ދުއްވޭނީ އެ ލައިސެންސް ދޫކުރި އިދާރާ ހުންނަ ރަށެއްގަ އެކަންޏެވެ. އެ ލައިސެންސް ބޭނުން ކޮށްގެން ދުއްވޭނީ 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވުން ހުއްދަ ކުރާ މަގުތަކުގަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޢަލީ
12 days ago
މުއިއްޒު، އަޅުގަނޑު ދާންޖެހޭ ތަންތަނަށްދާން ޑުރައިވަރެއް ހަމަޖައްސަވާ ދެއްވަންވާނެ.
ހަލީމު
12 days ago
ފިތުނައައް މަގުފަހިވާގޮތައްނޫނީ ހަބަތެލިޔުނަސް އަދަދު ނޫހުގައި ލިޔާކައްނޭގޭނެ 60 އަހަރުން މަތީމީހުއްނައް ސަކަލް ނުދުއްވޭ ގޮތައް ހބަރެއް ގެނެސް ނިއްމާލީ ކިހާމޮޅު ނޫސްވެރިކަމެއް
Comment