Advertisement

ދިވެހި ލައިސެންސް އޮންނަ މީހުންނަށް ބޭރު ގައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދެވޭގޮތަށް އައު ގާނޫނެއް ހަދަނީ

26 ނޮވެންބަރު 2025 - 12:13 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަގުމަތީގައި އުޅަނދުތަކެއް ދުއްވަނީ -- ފޮޓޯ: އަދަދު


ދިވެހި ލައިސެންސް އޮންނަ މީހުންނަށް ބޭރު ގައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދެވޭގޮތަށް އައު ގާނޫނެއް ހަދަނީ

26 ނޮވެންބަރު 2025 - 12:13 1

ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް އިތުރު ހަމަތަކެއް ހިމަނައި، އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނެއް ޑްރާފްޓުކޮށް މަޖިލީހަށް ހުށަހަޅައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝާމިން ހަބީބު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ މަޖިލީހަށް އިއްވައިފަ އެވެ.

ޝާމިން ހުށަހަޅާފައިވާ ބިލުގައި ވަނީ ބޭރު ގައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ދީފަ އެވެ. އެގޮތުން އެ ބިލުގައި ވާގޮތުގެ މަތިން ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސް ނެގުމަށްފަހު، އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ހޯދައިގެން ދިވެހި ލައިސެންސް އޮންނަ ހުރިހާ އެންމެންނަށް ބޭރުގެ ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ އެވެ.

ހަމަ އެގޮތަށް، ރާއްޖެއިން ބޭރުގެ ގައުމަކުން ލައިސެންސް ނަގާފައިވާ މީހަކަށް ވެސް، އެ ގައުމަކުން ދޫކޮށްފައިވާ ލައިސެންސްގެ މުއްދަތު ހަމަވަންދެން، ރާއްޖެއިން އިތުރު ލައިސެންސެއް ނެގުމަކާ ނުލައި ދުއްވޭނެ ކަމަށް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް، އެ މީހަކީ ރާއްޖޭގައި 90 ދުވަހަށްވުރެ ގިނަ ދުވަހު ދިރިއުޅޭ މީހެއް ކަމަށްވާނަމަ، އެމީހަކު ދިވެހިރާއްޖޭގެ އުސޫލުތަކާ އެއްގޮތަށް ލައިސެންސް ނަގަންޖެހޭނެ އެވެ.

އެގޮތުން ދިވެހިރާއްޖެއިން ލައިސެންސް ގަބޫލުކުރާ ގައުމުތަކުގެ ލިސްޓެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަން ވެސް އެ ބިލުގައި ލާޒިމު ކޮށްފައިވެ އެވެ.

ލައިސެންސުން ޕޮއިންޓު ކެނޑޭނެ ގޮތަށް، ލައިސެންސް ޑީމެރިޓް ސިސްޓަމެއް ތައާރަފު ކުރުމަށް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ. ޑީމެރިޓް ސިސްޓަމާ އެއްގޮތަށް ލައިސެންސުން ޕޮއިންޓު ކެނޑުމުގެ ޒިންމާ މަތިކޮށްފައި ވަނީ ފުލުހުންނަށެވެ.

ލައިސެންސުން ޕޮއިންޓު ކެނޑޭ ގޮތަށް އެކުލަވައިލާ، ޑީމެރިޓް ސިސްޓަމް، އެ ބިލު ގާނޫނަކަށް ވާތާ މަދުވެގެން ދެ އަހަރުދުވަހުގެ ތެރޭގައި މިނިސްޓްރީން ހިންގަންވާނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

ޑީމެރިޓް ސިސްޓަމް ތައާރަފުވުމަށްފަހު:

  • ޑީމެރިޓް ޕޮއިންޓު ލައިސެންސްގައި ރިކޯޑުކޮށް، ލައިސެންސްގެ ވެރިފަރާތަށް ވަގުތުން އެންގޭނެ
  • ލައިސެންސްގައި ރިކޯޑު ކުރެވިފައިވާ ޖުމުލަ ޑީމެރިޓް ޕޮއިންޓު އަދި ޕޮއިންޓު ރިކޯޑު ކުރެވުނު ސަބަބުތައް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހަދަން ޖެހޭނެ
  • ޑީމެރިޓް ޕޮއިންޓު އިތުރުވެގެން ލައިސެންސް ބާތިލު ކޮށްފިނަމަ، ދައުލަތުގެ އިދާރާތަކަށް އެނގޭނެ ގޮތް ހަދަން ޖެހޭނެ
  • ރައްކާތެރިކަމާއެކު އެއްގަމު އުޅަނދު ދުއްވުމަށް ހޭލުންތެރިކުރުވުމަށް ޑްރައިވާ އެޑިއުކޭޝަން ޕްރޮގުރާމްތައް ފަރުމާކޮށް ހިންގުން

ބިލުގައި ވާގޮތުން ޑީމެރިޓް ޕޮއިންޓު ވަކި އަދަދަކަށް މީހަކަށް ލިބިއްޖެ ނަމަ، އެ މިނިސްޓްރީން ހިންގާ ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމުން އެމީހަކު ފާސްވަންދެން އެމީހެއްގެ ލައިސެންސް ހިފެހެއްޓިދާނެ އެވެ. ނުވަތަ ވަކި މުއްދަތަކަށް އެމީހެއްގެ ލައިސެންސް ބާތިލު ކުރުމުގެ ބާރު ވެސް އެ ބިލުން ދީފައިވެ އެވެ.

ބިލުގައި ބަޔާން ކޮށްފައި ވާގޮތުން ޑީމެރިޓް ޕޮއިންޓެއް މީހެއްގެ ލައިސެންސްގައި ރިކޯޑު ކުރެވޭތާ ދެ އަހަރުވާއިރު، އެމީހެއްގެ ފުށުން އިތުރު ކުށެއް ނުފެންނަ ނަމަ، އެ މީހާގެ ލައިސެންސްގައި ރިކޯޑު ކުރެވިފައިވާ ހުރިހާ ޑީމެރިޓް ޕޮއިންޓެއް އުނިކުރެވޭނެ އެވެ. އަދި، މިނިސްޓްރީން ހިންގާ ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމުން ފާސްވާ މީހުންގެ ލައިސެންސްގައި ރިކޯޑު ކުރެވިފައިވާ ޑީމެރިޓް ޕޮއިންޓުތައް ވެސް އެ ބިލުގައި ވާގޮތުން އުނިކުރެވޭނެ އެވެ.

އަދި، ޓްރެފިކް މައްސަލައަކާ ހުރެ ކުރާ ޖޫރިމަނާގެ އަދަދު 5000ރ. އަށްވުރެ މަތިވެއްޖެ ނަމަ، އެ މީހެއްގެ ލައިސެންސް ހިފެހެއްޓުން ނުވަތަ ބާތިލު ކުރުމުގެ ބާރު ވެސް އެ ބިލުން ދީފައިވެ އެވެ.

އެ ބިލުގައި ވާގޮތުން ރަށްރަށުގައި އަދި ސިޓީތަކުގެ އިތުރުން ސިނާއީ ސަރަހައްދުތަކުގައި އުޅަނދުފަހަރު ރެޖިސްޓްރީކޮށް ދުއްވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުމުގެ ބާރު ލިބެނީ ޓްރާންސްޕޯޓު މިނިސްޓްރީއަށެވެ.

އޭގެއިތުރުން ކޮންމެ މީހެއްގެ ނަމުގައި ނުވަތަ ކުންފުންޏެއް ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުމުގެ އިހުތިިޔާރު ވެސް އެ ބިލުގައި ވާގޮތުން މިނިސްޓްރީއަށް ލިބެ އެވެ.

ބިލުގައި ވާގޮތުން ރަށްރަށުގެ ކެރީން ކެޕޭސިޓީ އާއި ކޮންމެ މީހެއް ނުވަތަ ކުންފުނިތަކުގެ ނަމުގައި އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭނެ އެންމެ ގިނަ އަދަދު އެ ބިލު ގާނޫނަކަށް ވާތާ ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި އާންމުކޮށް އަންގައި މިނިސްޓްރީ އިއުލާނުކުރަން ޖެހެ އެވެ.

ރަށެއްގައި ނުވަތަ ސިޓީއެއްގައި އެންމެ ގިނައިން އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭނެ އަދަދު މިނިސްޓްރީ ކަނޑައަޅަން ވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ބިލުގައި ވާގޮތުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދު މިނިސްޓްރީގެ ރެޖިސްޓްރީ ސެޓްފިކެޓަކާއެކު ރާއްޖެއިން ބޭރުގައި ދުއްވޭނެ އެވެ. އަދި ޓްރެފިކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ވެސް އެ ބިލު ގާނޫނަކަށް ވުމަށްފަހު ރާއްޖޭގައި ދުއްވޭނެ އެވެ.

ނަމަވެސް ބޭރު ގައުމެއްގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ރާއްޖޭގައި ދުއްވޭނީ ދިވެހިރާއްޖެއިން އަނބުރާ ގެންދާ ގޮތަށް ރެޖިސްޓްރީ ކުރުމަށްފަހު އެވެ. އެގޮތަށް ރެޖިސްޓްރީ ކޮށްގެން ވެސް އުޅަނދެއް ރާއްޖޭގައި ދުއްވޭނީ ގިނަވެގެން 12 މަސްދުވަހު އެވެ.

އޭގެއިތުރުން ވެސް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބައިސްކަލު ދުއްވުމާއި ބޭނުންކުރެވޭނެ ހަމަ އާއި ކުނި އުކާލުމަށް ބޭނުންކުރާ އުޅަނދުތަކާއި އިންޑަސްޓްރިއަލް ބޭނުންތަކަށް ހާއްސަކޮށްފައިވާ އުޅަނދުފަހަރާ ބެހޭ ހަމަތައް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އަދި، އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ތެރެއިން ބަހުގެ ހިދުމަތާއި ޓެކްސީގެ ހިދުމަތް ސީދާ ސަރުކާރުން ފޯރުކޮށްދިނުމަށް ވެސް ބިލުގައި ލާޒިމުކޮށްފައިވެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ދެން ހިމެނެނީ، އެކި ސަބަބުތަކަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުފަހަރުގެ ތެރެއިން، އޭގެ ވެރިފަރާތުން ހަވާލުނުވާ އުޅަނދުތަކާމެދު އަމަލު ކުރެވޭނެ ގޮތްތަކެވެ. އެގޮތުން އެ ބިލު ގާނޫނަކަށް ވުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ އުޅަނދުތަކާ، އޭގެ ވެރިފަރާތުން ހަވާލުވާން ޖެހޭތާ އެއް މަސްދުވަސް ފާއިތުވާއިރު، ހަވާލު ނުވެއްޖެ ނަމަ، އެ އުޅަނދުތަކުގެ ތަފުސީލު ގެޒެޓުގައި ޝާއިއު ކުރަންޖެހެ އެވެ.

ގެޒެޓު ކުރާތާ 60 ދުވަސް ތެރޭގައި އޭގެ ވެރިފަރާތުން އުޅަނދާ ހަވާލު ނުވެއްޖެ ނަމަ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އާންމުކޮށް ހުޅުވާލެވޭ ބީލަމެއްގައި އެ އުޅަނދު ވިއްކާލުމުގެ ބާރު އެ ބިލުގައި ދީފައިވެ އެވެ.

އެ ބިލު ގާނޫނަކަށްވުމާއެކު 2009 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގެ ގާނޫނު އުވޭނެ އެވެ.