މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިިޔާކުރަނީ

12 އޭޕްރީލް 2025 - 16:00 0

އަމަން ހަލީމް

އ

ތުރުކީގެ މަނަވަރު ބޭނުންކުރަން ދިވެހި ސިފައިން ތަމްރީނުކުރަނީ: އެ މަނަވަރަކީ ވަޔާއި ކަނޑުގެ މަގުން ވެސް ހަމަލާދެވޭ މަނަވަރެއް -- ފޮޓޯ: އަނާދަލޫ އެޖެންސީ


މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިިޔާކުރަނީ

12 އޭޕްރީލް 2025 - 16:00 0

ކަނޑުގެ ސަރަހައްދު ދިފާއުކުރުމުގައި ވާގިވެރިވެދިނުމުގެ ގޮތުން ތުރުކީން ރާއްޖެއަށް މިސައިލް ފޮނުވާ މަނަވަރެއް ހަދިޔާކުރަން ނިންމައި، އެ މަނަވަރު އޮޕަރޭޓުކުރަން ސިފައިން ތަމްރީނުކުރަން ފަށައިފި އެވެ.

ތުރުކީގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަނަވަރަކީ ރާއްޖޭގެ ދިފާއީ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެމްއޯޔޫއެއްގެ ދަށުން ހަދިޔާކުރާ އުޅަނދެކެވެ.

ތުރުކީން ހަދިޔާކުރަނީ މަނަވަރަކީ އެ ގައުމުގައި އުފައްދާފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެވެ. ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ މި އުޅަނދަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެކެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި މި މަނަވަރު ރާއްޖެ އަންނާނެ ކަމަށް ތުރުކީން ބުނެފައިވާއިރު، މަނަވަރު ބޭނުންކުރަން ދިވެހި ސިފައިން ދަނީ މިހާރު ވެސް ތަމްރީނުތައް ހޯދަމުންނެވެ. މިދިޔަ ހަފުތާގައި ސިފައިން ފެށި މި ތަމްރީނުތައް ހަދަމުން ދަނީ ތުރުކީގެ ނޭވަލް ފޯސަސް ކޮމާންޑުންނެވެ. އަދި އަންނަ މަހުގެ 9 ގައި ތަމްރީނުތައް އެއްކޮށް ނިންމާލާނެ އެވެ.

މި މަނަވަރު ރާއްޖެ ފޮނުވުމުގެ ކުރިން އިސްތަންބޫލުގެ ނޭވަލް ޝިޕްޔާޑުގެ ކޮމާންޑުގައި މަރާމާތުކޮށްފައިވާ ކަމަށް ވެސް ތުރުކީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. މަނަވަރު ރާއްޖެ އައުމަށް ފަހު، މިސައިލް ބޯޓު މަސައްކަތްތައް ފުރިހަމަކޮށް، އެކްޓިވޭޓު ކުރަނީ ތުރުކީ ނޭވީގެ ޓީމަކުންނެވެ.

މި އުޅަނދު ދިވެހި ސިފައިން ބޭނުންކުރަން ފެށުމުގެ ކުރިން، އެ އުޅަނދުގައި ހަރަކާތްތެރިވާ ސިފައިންނަށް އިތުރު ތަމްރީނުތައް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ދެ ހަފުތާގެ މުއްދަތަށް ދެމިގެންދާ މި ތަމްރީނުތައް ދެނީ ތުރުކީގެ ނޭވަލް އިންސްޓްރަކްޓަރުންނެވެ.

މި މަނަވަރުގެ އިތުރުން އެހެން މަނަވަރެއް ދިވެހި ސިފައިންނަށް ހަދިޔާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ވެސް ޓީސީޖީ ވޮލްކަން ފަދަ "ޑޯގަން ކްލާސް" ގެ މަނަވަރެކެވެ. ތުރުކީ ސިފައިން މިހާރު ޓެސްޓިން އަދި ތަމްރީނުތަކުގައި ބޭނުންކުރާ އެ މަނަވަރުގެ ނަމަކީ ޓީސީޖީ ޓޭފުން އެވެ.

ތުރުކީން މި މަނަވަރު ހަދިޔާކުރަން ނިންމާފައި މިވަނީ މިސައިލްތަކެއްގެ ބަދަލުގައި ތުރުކީގެ އިންވެސްޓަރަކަށް ޓޫރިޒަމްގެ ބޭނުންތަކަށް ފަޅުތަކެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުއަރާފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ނުބުނާއިރު، މިކަން ދޮގެއް ނުކުރެ އެވެ.

މިސައިލްތައް ގަންނަ ކަމުގެ އަޑުތައް އަރާފައި ވަނިކޮށް، ސަރުކާރުން ވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއަކަށް އިންވެސްޓުކުރާ ގޮތަށް ކްރޮސް ސަބްސިޑީގެ ދަށުން ރަށްތަކާއި ފަޅުތައް ދޭން އިއުލާންކޮށްފަ އެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ފުރަތަމަ ގަރާރުގައި އޮތީ 15 މިލިއަން ޑޮލަރު އިންވެސްޓުކުރާ ގޮތަށެވެ. ފަހުން އެ އަދަދު ވަނީ 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ.