12 އޭޕްރީލް 2025 - 11:50 3
މުހައްމަދު ޝަހްޒާން
އެކްސިޑެންޓު ހިނގި ޓްރެއިނިން ސްކޫލުގައި ބޭނުންކުރާ މަތިންދާ ބޯޓުތަކެއް؛ އެތަނުގައި މިއަދު ހެނދުނު ހިނގި ހާދިސާގައި ޒަހަމުވި ޒުވާނާއަށް ވާހަކަދައްކާ ހެދޭ -- ފޮޓޯ: އޭވިއޭޝަން ވޯކްސް
12 އޭޕްރީލް 2025 - 11:50 3
ޓްރެއިނިން މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވާ ދަރިވަރަކު ވަރަށް ބޮޑަށް ޒަހަމުވެއްޖެ އެވެ.
މިއަދު ހެނދުނު ހިނގި އެ އެކްސިޑެންޓުގައި ޒަހަމުވެފައި ވަނީ އަބްދުލް މާނިއު، ހދ. ހަނިމާދޫ އެވެ. އެ ހާދިސާގައި މާނިއުގެ މޫނަށާއި އަތުގެ އިތުރުން ވެސް ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވެ އެވެ.
ފިލިޕީންސްގައި ކިޔަވާ އެހެން ދަރިވަރަކު އަދަދު އަށް ބުނީ އެ ހާދިސާ ހިނގީ މާނިއު އުދުއްސި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑުކޮށްފައި ބޯޓު ނިވައިނުލައި އޭނާ ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުން ކަމަށެވެ.
"ބޯޓުން ފައިބައިގެން ދަނިކޮށް އަނބުރައިގަނެގެން ވެއްޓުނީ, ވެއްޓި ބުރަފަތީގައި ޖެހުނީ، އޭނަ ހޮޑުލަވައިގަނެފައި ހުރީމާ ބޯޓުން ފެބީ އަވަހަށް، އޭރު ނުނިއްވައި ހުރީ ޕްރޮޕް، އިންސްޓްރަކްޓަރު ބޯޓު ތެރޭގައި އިނީ،" އެކޮޅުން ވާހަކަދެއްކި ދަރިވަރު ބުންޏެވެ.
އެ ކުއްޖާ ދުއްވި މަރުކާގެ ބޯޓެއް
އޭނާ ބުނީ އެންމެ ބޮޑު އަނިޔާއެއްވީ މާނިއުގެ މޫނަށް ކަމަށެވެ. ނަމަވެސް މާނިއުއަށް ވާހަކަދައްކާ ހެދޭ ކަމަށް އޭނާ ބުންޏެވެ.
"ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ، "މޫނަށް ވަރަށް ބޮޑު އިންޖަރީއެއް ވެފައި ހުރީ، އެކަމަކު ވާހަކަދައްކާ ހަދާ،" އޭނާ ބުންޏެވެ.
މާނިއު ފިލިޕީންސްގައި ތައުލީމު ހާސިލު ކުރަމުން ދާތާ އެއް އަހަރާއި ތިން މަސްދުވަސްވަރު ވެއްޖެ ކަމަށް މި ނޫހަށް މައުލޫމާތު ދިން ދަރިވަރު ބުންޏެވެ.
Comment