11 އޭޕްރީލް 2025 - 13:30 0
އިއްޔެގެ ރަސްމިއްޔާތަށް ފަހު އަފީފް، މީޑިއާ އަށް އިންޓަވިއުދެނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)
11 އޭޕްރީލް 2025 - 13:30 0
ޗަމްޕާ އާއިލާގެ ފަރާތުން ބޮޑު ހޭދައެއްކޮށް، ހުޅުމާލޭގައި ގާއިމްކުރާ އޮލިމްޕިކް ސައިޒުގެ ޕޫލަކީ މުޅި ރާއްޖެ އަށް ވެސް ލިބޭ ފަހުރެއް ކަމުގައި، މި ޕޫލް ގާއިމްކުރަން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ސްވިމިން ޕޫލުގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެ ގޮތުން، އަފީފު ވިދާޅުވީ، ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހަތަރު ވަނަ ދައުރަކަށް ފުރިހަމަ ކުރައްވަމުން އަންނަ އޭނާގެ ކޮއްކޮ، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ތަކުރާރުކޮށް ސްވިމިން އެސޯސިއޭޝަނަށް ޕޫލެއް އަޅައިދޭން އެދެމުން ދިއުމާ އެކު، މި ކަން ކޮށްދޭން އެއްބަސްވީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"ކޮއްކޮ (ސައްތާރު) އައިސް އެއް ދުވަހު ބުނީ، ހިނގާށޭ، ސްވިމިން ޕޫލެއް ހަދައިދޭންވީނޫންހޭ ސްވިމިން އެސޯސިއޭޝަން އަށް، އަޅުގަނޑު ބުނީ ނުހަދައިދޭނަމޭ، ދެން އައިސް ކިޔަމުން ކިޔަމުން ގޮސް، އަޅުގަނޑު ބުނީ ހެދޭނެއޭ. އެތައް ހަދަން އޮތީ ކޮންތާކުތޯ؟ މައްޗަންގޯޅި އަޅުގަނޑު އުޅެނީ ޗަމްޕާވިލާ ކިޔާ ގެޔެއްގައި، އެ ގޭ ކައިރީގައި އިންނާނެ ބޮޑު ކުނިގޮނޑެއް، އެ ކުނިގޮނޑު އެއީ ސްވިމިން ޕޫލް ހަދަން އޮތީ. ދެން އަޅުގަނޑުމެންނަށް ވެސް ރަނގަޅު، ކުނިގޮނޑު ވެސް ދިޔައީ، ސްވިމިން ޕޫލެއް ވެސް ލިބޭނެ،" މީގެ ފަސް ވަރަކަށް އަހަރު ކުރިން، ސްވިމިން ޕޫލުގެ ވާހަކަތައް ފެށިގެން އައި ގޮތާއި ފުރަތަމަ ކަންކަން ދިޔަ ގޮތަށް އިޝާރާތް ކުރައްވައި، އަފީފު ވިދާޅުވި އެވެ.
ސްވިމިން ޕޫލުގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)
"ދެން، އެ ކުނިގޮނޑެއް ވެސް ނުނެގުނު. ދެން، އެ ދިޔަ ގޮތަށް ގޮސް، އެންމެ ފަހުން، މި ތަން ލިބޭގޮތްވީމަ. އަޅުގަނޑު ބުނީ، އާނ އެކޭ. އަޅުގަނޑު އެހީވެދާނަމޭ. ދެން، ކިހާ ވަރެއްހޭ ދާނީ، ވަރަށް ބައިވަރު ލާރިދާ ވާހަކަ. އަޅުގަނޑު ބުނިން ކޮށްދޭނަމޭ،"
މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފްއާ އެކު ވެސް ސްވިމިން އެސޯސިއޭޝަނުން ވަނީ މި ޕޫލުގެ ގިނަ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފަ އެވެ. އަދި، މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)އާ އެކު، ސްވިމިން އެސޯސިއޭޝަނުން ޕޫލުގެ މަސައްކަތްތައް އަވަސްކޮށް، ޕްރޮޖެކްޓް ހިނގައިގަތެވެ.
އަފީފު ވިދާޅުވީ، މި ވަރުގެ ބޮޑު މަސައްކަތެއް މިއީ، ގައުމީ ކަމެއް ކަމަށާއި މިއީ ހަމައެކަނި އޭނާ އަށް އޮތް ފަހުރެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދެކެނީ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި، ރާއްޖެ އަށް ފަހުރެއް ކަމަށް އިންޓަނޭޝަނަލް ސްވިމިން، އޭޝިއަން ގޭމްސް އަދި، ކޮންމެ ވެސް ދުވަހަކުން މި ތަނަށް އޮލިމްޕިކްސް ވެސް އާދެވިއްޖެ ކަމަށް ވިއްޔާ އަޅުގަނޑުމެން ގައުމަށް ލިބޭ ވަރަށް ބޮޑު ކަމެއް،" އަފީފު ވިދާޅުވި އެވެ.
"އަޅުގަނޑެކޭ ނުކިޔާނެ އެ ދުވަހު، ކިޔާނީ ހަމަ ގައުމަށް ލިބޭ (ފަހުރެކޭ). އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. އަޅުގަނޑު އެކަންޏެއް ނޫން މިހެން ދަންނަވާއިރު، އަޅުގަނޑު ބޭބެ، އާއި އާއިލާ، ޗަމްޕާ އާއިލާ އިން ކޮށްދޭ ކަމެއް މިއީ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑު ފަހުރެއް ކަމަށް ދެކެން މި،"
ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ސްވިމިން އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވި އިއްޔެގެ ރަސްމިއްޔާތުގައި، ކުރީގެ ފެތުންތެރިންނާއި މިހާރުގެ ފެތުންތެރިން އަދި އެ ކުދިންގެ ބެލެނިވެރިން ވެސް ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް، އިސްމާއިލް އަލީ ވިދާޅުވީ، މިއީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު ގާއިމްކުރެވޭ ސްވިމިން ޕޫލެއް ކަމަށެވެ. އަދި އަމާޒަކީ، މި އަަހަރުގެ ނޮވެމްބަރު މަހުގައި އޮންނަ ގައުމީ ފެތުމުގެ މުބާރާތް މި ޕޫލުގައި ބޭއްވުން ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
Comment