އޯޕަން ވޯޓާގެ ފަސް ކިލޯމީޓަރު ކެޓަގަރީގެ އެއް ވަނަ ހޯދި ރިހާން (ކ) އާއި އަޔާނާ.--- ފޮޓޯ: އިމޭޖަސް.އެމްވީ / ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ގައުމީ ދިގު ފެތުމުގެ މުބާރާތު (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަން)ގެ ފަސް ކިލޯމީޓަރު ފެތުމުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން އަޔާނާ އަރީފް ދިފާއުކޮށްފި އެވެ.
ކ. ކުޑަގިރީގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އެންމެ ފުރަަތަމަ ކުރިއަށްދިޔައީ ފަސް ކިލޯމީޓަރު ބައިގެ އަންހެން އަދި ފިރިހެން އިވެންޓްތަކެވެ.
ގައުމީ ފަސް ކިލޯ މީޓަރުގެ ކެޓަގަރީގައި 2010 ވަނަ އަހަރު އަދި އެ އަށް ވުރެ ފަހުން އުފަންވީ ކުދިންނަށް ބައިވެރިވެވޭ ގޮތަށް އޮތްއިރު، އަންހެން 10 އަދި ފިރިހެން 14 ފެތުންތެރިން އެޕްލިކޭޝަން ހުށަހެޅި އެވެ. ފިރިހެން ބައިގެ، 14 ފެތުންތެރިން ވެސް ވާދަކުރިއިރު، އަންހެން ބައިން ވާދަކުރީ އަށް ފެތުންތެރިންނެވެ.
އެ ގޮތުން، ފިރިހެން ބައިގެ ޗެމްޕިއަންކަން ރިހާން ހޯދީ ރަނގަޅު ލީޑަކާ އެކު އެވެ. ދެ ވަނައިގައި ނިންމީ، ޝައިމް ހުސެއިން އިބްރާހިމް އެެވެ.
ރިހާން ބުނީ، މި މުބާރާތަށް ވަކިން ތައްޔާރީތަކެއް ކުރިއަށް ނުގެންދާ ކަމަށާއި އެހެން ނަމަވެސް، މި ފަދަ ފުރުސަތެއް ކޮންމެ އަހަރަކު ލިބޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި، މިދިޔަ ދެ އަހަރަށް ވުރެ މި އަހަރުގެ މުބާރާތް ކުޑަކޮށް އުނދަގޫ ކަމަށާއި، އެކަމަކު، ކާމިޔާބު ލިބުނީ ރަނގަޅަށް މަސައްކަތް ކުރުމުން ކަމަށް ރިހާން ވަނީ ބުނެފަ އެވެ.
އަންހެން ބައިން އަޔާނާ ހޯދީ، ލައިލީ އަހުމަދު ނަވާޒްއާ ވާދަކޮށެވެ. އަޔާނާ ބުނީ، ކުރިން އަހަރުތަކަށް ވުރެ މި އަހަރު ތަންކޮޅެއް އުނދަގޫ ކަމަށެވެ.
"މި ފަހަރު ތަންކޮޅެއް އޮއެގަދަ ކުރިން ފަހަރަށް ބަލާއިރު، ދެން، ތަންކޮޅެއް ކައިރީގައި އެންމެން ވެސް އޮތީ،" އަޔާނާ ބުންޏެވެ.
ގައުމީ ދިގުފެތުމުގެ މުބާރާތުގައި (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި) މި ފަހަރު އެހެން އަހަރުތަކަށް ވުރެ އިންތިޒާމުގެ ކަންކަމާއި މުބާރާތުގެ ފޯރިވެސް ގަދަކަން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް މުހައްމަަދު އަބްދުއްސައްތާރު (ޗަމްޕީ) ފާހަގަކުރައްވައިފަ އެވެ.
މިއީ، މާލެ އަތޮޅު، ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރީގައި، ދިގުފެތުމުގެ މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ކުޑަގިރީގައި ބާއްވާ މި އަހަރުގެ، ގައުމީ އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި، ހުރިހާ ކެޓަގަރީ އަކުން ޖުމްލަ އެކު، 281 ފެތުންތެރިން ވާދަކުރަން އެޕްލިކޭޝަން ހުށަހެޅި އެވެ. މިއީ، ފާއިތުވި އަހަރު ބައިވެރިވި ފެތުންތެރިންނަށް ވުރެ އިތުރު އަދަދެކެވެ.
Comment