11 އޭޕްރީލް 2025 - 10:54 0
11 އޭޕްރީލް 2025 - 10:54 0
ލަންޑަން (އޭޕްރީލް 11) - ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި، މެންޗެސްޓާ ޔުނައިޓެޑުން ފަހު ވަގުތު 2-2 އިން ލިޔޯނާ އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ކުޅުނު ޓޮޓެންހަމް ހޮޓްސްޕާސް އިން އައިންޓްރަކްޓް ފްރޭންކްފާޓާ 1-1 އިން އެއްވަރުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލިޔޯނުން ފުރަތަމަ ހާފުގައި ލީޑުނެގީ އާޖެންޓީނާގެ ޕްލޭމޭކަރު، ތިއާގޯ އަލްމާޑާ ޖެހި ގޯލުންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި ހިލޭ ޖެހުމުން، އަލްމާޑާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ކީޕަރު، އަންދްރޭ އޮނާނާ އަތުގައި ޖެހިފަ އެވެ.
ލިޔޯނަށް ފުރަތަމަ ހާފުގައި ލީޑުގައި އޮވެ ނިންމައިނުލެވުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޔުނައިޓެޑުން އެއްވަރުކުރި އެވެ. ހިލޭ ޖެހުމެއްގައި ލިޔޯނަށް ރަނގަޅަށް ޑިފެންސް ނުކުރެވިދިޔައިރު، ޔުނައިޓެޑްގެ މެނުއަލް އުގާޓޭ ފޮނުވާލި ބޯޅަ ލެނީ ޔޯރޯ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.
ލިޔޯނަށް ލަނޑު ޖަަހައިދިން، އަލްމާޑާ (ކ) އާއި ޗާކީ.
ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި، ޖޯޝުއާ ޒާކްޒީ ވަނީ މެޗުގެ 88 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. މިއީ، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ނެގި ހުރަހަކަށް އަރައި ޒާކްޒީ ބޮލުން ޖެހި ގޯލެކެވެ.
ލިޔޯންގެ ދަނޑުގައި ފުރަތަމަ ފަަހަރަށް ޔުނައިޓެޑުން މޮޅުވާނެ ކަމަށް ބެލެވިފައިވަނިކޮށް، ލިޔޯނުން ވަނީ އިތުރު ވަގުތުގެ ފަހު މިނިޓްގައި ލަނޑުޖަހައި އެއްވަރުކޮށްފަ އެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި މި ލަނޑު ޖެހީ ރަޔާން ޗާކީ އެވެ. މިއީ، ކީޕަރު އޮނާނާ އަތުގައި ޖެހިފައި ނުކުތް ބޯޅައަކުން ރީބައުންސް ގޯލަށް ފޮނުވާލައިގެން ޗާކީ ޖެހި ގޯލެކެވެ.
ޓޮޓެންހަމް ދަނޑުގައި، ފްރޭންކްފާޓުން ލީޑުނެގީ ހޫގޯ އެކިޓީކޭ ޖެހި ގޯލުންނެވެ. ޓޮޓެންހަމް އަށް އެއްވަރުކޮށްދިނީ، ޕެޑްރޯ ޕޯރޯ އެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި، ރޭ ބޯޑޯ/ގިލްމް އަތުން ލާޒިއޯ ވަނީ 2-0 އިން ބަލިވެފަ އެވެ. ރޭންޖާސް ދަނޑުގައި އެ ޓީމުން ކުޅުނު މެޗުގައި، އެތުލެޓިކް ބިލްބާއޯއާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ.
Comment