12 އޭޕްރީލް 2025 - 06:53 0
ލީވާން އަލީ ނާސިރު
ވީއައިއޭގެ ޓެކްސީ ޗާލީ އަލުން ތަރައްގީ ކުރަން ފެށުން: މި މަސައްކަތް ކުރަނީ ޗައިނާގެ ބީޔޫސީޖީއިން -- ފޮޓޯ: ވީއައިއޭ
12 އޭޕްރީލް 2025 - 06:53 0
ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ބޭނުންކުރާ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ 3،200 މީޓަރުގެ ޓެކްސީވޭ ނިމުމުން މިހާރަށް ވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ހިދުމަތް ދެވި، ފްލައިޓް ޓާން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އަމަލީ މަސައްކަތް ފެށި ކުރީގެ ރަންވޭ އަދި މިހާރުގެ ޓެކްސީވޭ ގޮތުގައި ބޭނުންކުރާ ޓެކްސީވޭ-ޗާލީއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއް ކަމަށެވެ.
އެ ޓެކްސީވޭ ތަރައްގީކޮށް ނިމުމުން އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި އެތަން ބޭނުން ކުރެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޮން ވިދާޅުވީ އެމްއޭސީއެލްއާ އެކުގައި މަސައްކަތް ކުރެވުނު 10 އަހަރު ތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށް ވުރެ، އިތުބާރު ބޮޑު ޕާޓްނާޝިޕަކަށް ވެފައިވާ ކަމަށެވެ.
ބީޔޫސީޖީން ވީއައިއޭގައި ހިންގާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާމިނަލް އާއި ވީއައިޕީ/ސީއައިޕީ ޓާމިނަލް، ކަގޯ ޓާމިނަލް އަދި ފިއުލް ފާމް ހިމެނެ އެވެ.
ޓެކްސީވޭ ޗާލީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭ އެވެ. އެ ރަންވޭ 1981 ގައި ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްގީކޮށްފަ އެވެ.
އެއަށް ފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވެ އެވެ. އަދި ވަކިން ހާއްސަކޮށް 2004 ގެ ސުނާމީއަށް ފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ އަބަދު މަރާމާތު ކުރަން ޖެހޭ ހާލަތަށް ގޮސްފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment