Advertisement

ޕީއެންސީ ޖަލްސާއާ ދިމާކޮށް ރަށްރަށުން ވީއައިއޭ އަށް 50 އަށްވުރެ ގިނަ ފްލައިޓު

14 ނޮވެންބަރު 2025 - 16:19 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ޕީއެންސީ ޖަލްސާއާ ދިމާކޮށް ރަށްރަށުން ވީއައިއޭ އަށް 50 އަށްވުރެ ގިނަ ފްލައިޓު އަޅާ --- ފޮޓޯ: އަދަދު


ޕީއެންސީ ޖަލްސާއާ ދިމާކޮށް ރަށްރަށުން ވީއައިއޭ އަށް 50 އަށްވުރެ ގިނަ ފްލައިޓު

14 ނޮވެންބަރު 2025 - 16:19 2

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ބާއްވާ ޖަލްސާ އާއި ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު އެކަނި 50 އަށްވުރެ ގިނަ ފްލައިޓު ލޭންޑުކުރާކަން އެނގިއްޖެ އެވެ.

ވީއައިއޭގެ ފްލައިޓު ރެކޯޑުތަކުން ދައްކާ ގޮތުގައި ރޭ ދަންވަރުން ފެށިގެން މިރޭގެ ޖަލްސާ އާއި ދެމެދު 50 އަށްވުރެ ގިނަ ފްލައިޓު ވަނީ ޝެޑިއުލްކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އަމިއްލަ ދެ އެއާލައިން ފްލައިމީ އަދި މަންޓާ އެއާގެ ފްލައިޓުތަކެވެ.

މީގެ ތެރެއިން ގިނަ ފްލައިޓުތަކަކީ ޕީއެންސީގެ ޖަލްސާއަށް މީހުން އުފުލުމަށް އަޅާ ފްލައިޓުތައް ކަމަށް މައުލޫމާތު ލިބެ އެވެ. ބައެއް ފްލައިޓުތަކަކީ ޖަލްސާއަށް މީހުން ގެނައުމަށް ހާއްސަކޮށްގެން އަޅާ ޗާޓަރު ފްލައިޓުތަކެވެ.

އިއްޔެ ވެސް ޕީއެންސީގެ ޖަލްސާއަށް މީހުން ގެނައުމަށް ޗާޓަރުކޮށްގެން ގިނަ ފްލައިޓުތަކެއް އެޅި އެވެ. އޭގެ ތެރޭގައި މޯލްޑިވިއަންގައި މިވަގުތު އޮތް އެންމެ ބޮޑު ބޯޓު، އެއާބަސް 330-200 އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޗާޓަރު ދެ ފްލައިޓެއް އެޅި އެވެ. އެ ދެ ދަތުރުގައި އައްޑޫއިން 500 އަށްވުރެ ގިނަ މީހުން މާލެ އައި ކަމަށްވެ އެވެ.

ފްލައިޓުތަކުގެ އިތުރުން ކަނޑު ބޯޓުތަކާއި ލޯންޗުތަކުގައި ވެސް ޕީއެންސީގެ ޖަލްސާއަށް މީހުން ދަނީ ގެންނަމުންނެވެ.

މި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް މީދޫ ދާއިރާގެ މެންބަރު އަބްދުރަހްމާން ވަނީ ތުހުމަތުކުރައްވާފަ އެވެ. އަބްދުއްރަހްމާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަ ވެސް އަޑުއިވިފައިވާ ކަމަށެވެ.

އަބްދުއްރަހްމާން ވިދާޅުވީ ޕީއެންސީގެ ޖަލްސާއަށް ގެންނަ މީހުންނަށް އެއާބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި، ޕޮކެޓްމަނީ އާއި ކެއުމުގެ އިތުރުން އެކޮމޮޑޭޝަން ވެސް ހަމަޖައްސަމުންދާ ކަމަށެވެ.