9 އޭޕްރީލް 2025 - 10:18 0
އަހުމަދު އާއިދު
ލަންކާގެ ގޮނޑުދޮށެއްގައި ދެ ޓޫރިސްޓަކު ހަރަކާތްތެރިވަނީ : މި އަހަރު ލަންކާއަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު ހުރީ ރާއްޖެއަށްވުރެ 85،000 މަތީގައި --- ފޮޓޯ: ޓްރެވަލިޒީ
9 އޭޕްރީލް 2025 - 10:18 0
އަވަށްޓެރި ސްރީ ލަންކާގެ ޓޫރިޒަމް ކުރިއަރަމުންދާ މިންވަރު އިތުރުވެ މި އަހަރުގެ ފުރަތަމަ ތިން މަހު އެ ގައުމަށް ޒިޔާރަތްކުރި މިންވަރު ރާއްޖެއާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.
ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓުން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެޕްރީލް 6، އާ ހަމައަށް އެ ގައުމަށް ޒިޔާރަތްކުރީ ޖުމްލަ 760،891 ޓޫރިސްޓުންނެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި ރާއްޖެ އައީ ޖުމްލަ 675,734 ޓޫރިސްޓުންނެވެ.
ހިސާބުތަކުން އެނގޭ ގޮތުން މި މުއްދަތުގައި ލަންކާއަށް ރާއްޖެއަށްވުރެ އިތުރަށް 85،157 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
ލަންކާގެ އެންމެ ބޮޑު ޓޫރިސްޓު މާކެޓަކީ ރާއްޖެއަށް މިހާރު ގެއްލިފައިވާ އިންޑިއާ އެވެ. 2023 އާ ހަމައަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި އިންޑިއާ މިހާރު އޮތީ ހަ ވަނައިގަ އެވެ. އެ ގައުމުން މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 33,729 ޓޫރިސްޓުން އައި އިރު ލަންކާއަށް އިންޑިއާއިން 124,863 ޓޫރިސްޓުން ގޮސްފައިވެ އެވެ.
ލަންކާ އަދި ރާއްޖޭގެ ޓޫރިސްޓު މާކެޓުތަކުގެ ތެރެއިން ގަދަ ތިނެއްގައި ދެން ހިމެނެނީ ރަޝިޔާ އަދި އިނގިރޭސިވިލާތެވެ. ރާއްޖެއަށް މިދިޔަ އަހަރާއި މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ޗައިނާ އޮތީ ލަންކާގެ ލިސްޓުގެ ހަ ވަނައިގަ އެވެ.
ލަންކާއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެފައި ވާއިރު އެ ގައުމުގެ އިސްތިހާރުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ ވައިރަލްވެފަ އެވެ. ހާއްސަކޮށް ބަޖެޓު ފަތުރުވެރިންނާއި ސާފަރުން އަދި ބެކް ޕެކާސްގެ މެދުގައި ލަންކާ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށްވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ އާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުމާއެކު، މި އަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަނަށްވުރެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިދިޔަ ހަފުތާ ވިދާޅުވި އެވެ.
އިއްޔެ ދެއްވި އިންޓަވިއުގައި މިނިސްޓަރު ވަނީ ލިވަޕޫލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުން ތިބި، ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް 397 މިލިއަން މީހުންނަށް އަހަރެއްގެ މަތިން ރީޗުވާ ކްލަބެއް ކަން ފާހަގަކުރައްވާފަ އެވެ. އަދި، އެ ކްލަބު މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރާ ކޮންމެ ޕޯސްޓެއް މި ބޮޑު ފޭން ބޭސްއަށް ރީޗުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment