Advertisement

ސްވިމިން ޕޫލް ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގައި ގާއިމުކުރާ އެންމެ ފުރިހަމަ އެއް ވަސީލަތަށް

9 އޭޕްރީލް 2025 - 14:20 2

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް، އިސްމާއިލް.--- ފޮޓޯ: ހުސެއިން ވަހީދު / އަދަދު ސްޕޯޓްސް


ސްވިމިން ޕޫލް ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގައި ގާއިމުކުރާ އެންމެ ފުރިހަމަ އެއް ވަސީލަތަށް

9 އޭޕްރީލް 2025 - 14:20 2

އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު، ހުޅުމާލޭގައި ގާއިމްކުރާ ސްވިމިން ޕޫލް ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގައި ގާއިމުކުރާ އެންމެ ފުރިހަމަ އެއް ވަސީލަތަށް ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް، އިސްމާއިލް އަލީ ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި ސްވިމިން އެސޯސިއޭޝަންގެ ނައިބު، އިސްމާއިލް ވަނީ، ހުޅުމާލޭގައި ގާއިމްކުރާ ސްވިމިން ޕޫލުގެ މަސައްކަތް ބަލައިލުމަށް އެކުގައި ޒިޔާރަތްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސްޕޯޓްސް މިނިސްޓްރީން ބުނީ، މި އަހަރު ނިމުމުގެ ކުރިން މި ސްވިމިން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާއިވާ ކަމަށެވެ. އަދި، މި ވަގުތު ކުރިއަށްދަނީ ޕޫލްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކަމަށާއި މި ކޮމްޕްލެކްސް އަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް، ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްގީ ކުރާ ކޮމްޕްލެކްސްއެއް ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި ސްވިިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް،--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ސްވިމިން އެސޯސިއޭޝަންގެ ނައިބު، އިސްމާއިލް ވިދާޅުވީ، މި މަސައްކަތަކީ ސައްތައިން ސައްތަ އަމިއްލަ މަސައްކަތެއް ކަމަށެވެ. އަދި، ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ، މުހައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ)ގެ މިންނެތް މަސައްކަތުގެ ރަމްޒެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މި މަސައްކަތުގެ ހުރިހާ ޝުކުރެއް ހައްގު ވަނީ ސައްތާރުގެ އިތުރުން، އޮނަރަބަލް ހުސައިން އަފީފު، މާލާ ހައިރައިޒިން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު، އަލީ އިސްމާއިލް އަދި ވޯލްޑް އެކުއަޓިކްސް އަށް ކަމަށެވެ.

"އެފަރާތްތަކުގެ ދީލަތި އެހީއާ އެކު، އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލަކާ، ވޯލްޑް އެކުއަޓިކްސް ސަޓިފައިޑް ޑައިވިންގ ޕޫލަކާ 1200 އަށްވުރެ ގިނަ މީހުންނަށް ކުޅިބެލޭނެ ސިޑިބަރިއާއި ބޭނުންވާ އެހެން ވަސީލަތްތައް ހިމެނޭހެން 4 ބުރީގެ ބޮޑު އިމާރާތަކާ އެކު ނިންމާ މިމަސައްކަތް ވެގެންދާނީ އިންޝާﷲ ރާއްޖޭގައި ކުޅިވަރުގައި ޤާއިމުކުރާ އެންމެ ފުރިހަމަ އެއް ވަސީލަތަށް،" އިސްމާއިލް ވިދާޅުވި އެވެ.

"އަދި އަގުގެގޮތުން ސަރުކާރަކުންވެސް ކުޅިވަރުގެ ތަރައްޤީ އަށް މިހާތަނަށް ނުހިންގާވަރުގެ އަގުހުރި މަސައްކަތަކަށް،"

އޭނާ ވިދާޅުވީ، މި މަސައްކަތް ކުރިޔަށް ދަނީ ސްޕޯޓްސް މިނިސްޓްރީގެ އެއްބާރުލުމާއި ބެލުމުގެދަށުން ކަމަށެވެ. އަދި، ސްޕޯޓްސް މިނިސްޓަރު، ރާފިއު ދެއްވާ އިރުޝާދު ވެސް އިސްމާއިލް ފާހަގަކުރެއްވި އެވެ.

"ދިވެހި ސަރުކާރުން ކުުޅިވަރު ވަސީލަތް ތަރައްގީ ކުރުމަށްދެއްވާ އިސްކަމާ އެކު އެކުއަޓިކްސް ކޮމްޕްލެކްސް އެއް ތަރައްޤީ ކުރަން ސްވިމިނ އެސޯސިއޭޝަނަށް ބިން ހަމަޖައްސަވައި ދެއްވައި، ކުޅިވަރާބެހޭ ވުޒާރާއިން މަސައްކަތް ގާތުން ބައްލަވާ ކަމީ މި މަސައްކަތް ހަލުވިކަމާ އެކު ކުރިޔަށް ގެންދެވޭ އެއް ސަބަބު. އެކަމަށްޓަކައި ހުރިހާ ފަރާތަކަށް ޝުކުރު،" އިސްމާއިލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ސައްތާރު ވިދާޅުވީ، ދެން، އެ އެސޯސިއޭޝަންގެ އިންތިހާބެއް އޮންނައިރު، ފެންވަރު ރަނގަޅު ޕޫލެއް އޮންނާނެ ކަމަށެވެ.