9 އޭޕްރީލް 2025 - 15:14 0
ލީވާން އަލީ ނާސިރު
އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ތަފާތު ހަދިޔާ އާއި ހަރަކާތްތަކާއެކު އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ފެށުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
9 އޭޕްރީލް 2025 - 15:14 0
ތަފާތު ހަދިޔާތަކާއި ހަރަކާތްތަކާ އެކު އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް "ލިވް އަންލިމިޓެޑް" ގެ ނަމުގައި މިއަދުން ފެށިގެން ފާހަގަކުރަން ފަށައިފި އެވެ.
އޯގަސްޓް 13، ގައި ފާހަގަކުރާ އުރީދޫގެ އަހަރީ ދުވަހާއި ދިމާކޮށް އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރު ކަސްޓަމަރުންނަށް ފަހިކޮށްދޭ ފުރުސަތުތަކާއި ހިންގާ ހަރަކާތްތައް ވަނީ އިއުލާންކޮށްފަ އެވެ.
އުރީދޫ އިން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި އެންމެ ބޮޑު ކަމަކީ އެޕަލްއާ ގުޅިގެން އެޕަލް ވޮޗް ސެލިއުލާ ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފުކުރުމެވެ. އަދި ރާއްޖެއަކީ އުރީދޫ ގްރޫޕުން ވެސް އެ ހިދުމަތް ދޭ ތިންވަނަ ގައުމެވެ.
އެޕަލް ސެލިއުލާ ވޮޗް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އީ-ސިމް މެދުވެރިކޮށް ފޯނާ ދުރުގައި ހުއްޓަސް، އެޕަލް ވޮޗް ބޭނުން ކޮށްގެން މުއާމަލާތް ކުރެވޭނެ ހިދުމަތް ދޭން ފެށުމެވެ.
އެގޮތުން އެޕަލް ސެލިއުލާ ވޮޗް ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް އެ ހިދުމަތް ހިލޭ ލިބޭއިރު، އޭގެ ފަހުން ހިދުމަތަށް ނަގާނީ މަހަކު 199ރ. އެވެ.
މީގެއިތުރުން އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ސްމާޓާ ހޯމް ބަންޑްލްތަކެއް ތައާރަފްކޮށްފަ އެވެ. އެ ބަންޑްލްތަކަށް ކެމެރާތަކާއި ޑޯބެލްތައް ލާފައިވާއިރު، އެ ކެމެރާތައް ބޭނުންކޮށްގެން ފޯނުން ވަގުތުން ބެލޭ ގޮތަށް ކަނެޓުވުމަށް ފުރުސަތު ލިބެ އެވެ.
އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ތަފާތު ހަދިޔާ އާއި ހަރަކާތްތަކާއެކު އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ފެށުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އެ ކެމެރާތައް އެއްވެސް ޓެކްނިކަލް މީހެއްގެ އެހީތެރިކަމެއް ނެތި އަމިއްލައަށް ކިއުއާރު ކޯޑެއް ސްކޭން ކޮށްލުމުން ސެޓަޕް ކޮށްލެވެ އެވެ. އަދި ކެމެރާއަށް ރެކޯޑު ކުރެވޭއިރު، އެއް އަހަރު ދުވަހުގެ ކްލައުޑް ސްޓޯރޭޖެއް ޕެކޭޖެއްގެ ދަށުން ލިބެ އެވެ.
އުރީދޫގެ އަހަރީ ދުވަހާ ދިމާކޮށް 250ރ. ހޭދަކޮށްގެން ހިދުމަތެއް ހޯދައިފިނަމަ އުމްރާ ދަތުރެއް ނުވަތަ ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ލިބޭނެ އެވެ.
އުރީދޫ ފަން ރަން އަންނަ ޖޫން 27، ގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އުރީދޫ މަސް ރޭސް އަންނަ އޯގަސްޓް މަހު ބޭއްވުމަށް އެ ކުންފުނިން ކަނޑައަޅާފައި ވަނީ ކައުންސިލްތަކާއި ގުޅިގެން އެންމެ ރަނގަޅު ޕްރޮޕޯޒަލްތައް ހުށަަހަޅާ ރަށްރަށުގަ އެވެ.
އޭގެއިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރަކަށް މަސްވެރިޔާ ރާޝިދު އާދަމް ވަނީ އިއުލާންކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި އެ ކުންފުންޏަށް ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި އިންގިލާބުތަކެއް ރާއްޖެއަށް ގެނެވި، ރާއްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެދިފައިވާ ކަމަށެވެ.
ނިޔާޒް ވިދާޅުވީ އުރީދޫ އިން ކަނޑު އަޑީގައި ވެސް ހާއްސަ ހަރަކާތެއް ރާވަމުންދާ ކަމަށާއި އެ ހަރަކާތާ ބެހޭ މައުލޫމާތު މި މަހު ފަހުކޮޅު ކަސްޓަމަރުންނަށް ހާމަކުރާނެ ކަމަށެވެ.
Comment