މާލޭގައި ދުއްވާ 71،868 އުޅަނދުގެ ރޯޑް ވާތިނެސް ފުރިހަމަ ނުކުރޭ: ދިރާސާ ރިޕޯޓު

9 އޭޕްރީލް 2025 - 08:53 1

މުހައްމަދު ޝަހްޒާން

މ

މާލޭގެ ބޭރު މަގުން ދުއްވާ އެއްޗެހި ދުއްވަނީ: ދިރާސާ ރިޕޯޓުން ދައްކާ ގޮތުން މާލޭގައި ދުއްވާ އުޅަނދުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ދުއްވަނީ އެންމެ 23.5 ޕަސެންޓު އުޅަނދު -- ފޮޓޯ: އަދަދު ފައިލް


މާލޭގައި ދުއްވާ 71،868 އުޅަނދުގެ ރޯޑް ވާތިނެސް ފުރިހަމަ ނުކުރޭ: ދިރާސާ ރިޕޯޓު

9 އޭޕްރީލް 2025 - 08:53 1

މާލެ ސަރަހައްދުގައި މިހާރު ރެޖިސްޓްރީކޮށް ބޭނުންކުރާ 119،093 ވެހިކަލްގެ ތެރެއިން 71،868 ވެހިކަލް ދުއްވަނީ ރޯޑް ވާދިނެސް ފުރިހަމަ ނުކޮށް ކަމަށް ދިރާސާއިން ދައްކައިފި އެވެ.

މާލެ ސަރަހައްދަށް ވެހިކަލް ރެެޖިސްޓްރީ ކުރެވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ހަވާލު ކޮށްގެން މާލެ ސިޓީ ކައުންސިލުން ތައްޔާރު ކުރި ރިޕޯޓުގައި ވާގޮތުން ގޮތުން މާލެ ސަރަހައްދުގައި މިހާރު ބޭނުން ކުރާ އުޅަނދުތަކުގެ ތެރެއިން ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ދުއްވަނީ އެންމެ 23.5 ޕަސެންޓް ވެހިކަލް އެވެ. ބާކީ 71،868 ވެހިކަލް ދުއްވަނީ ރޯޑް ވާތިނެސް ފުރިހަމަ ނުކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެ ނޫން ވެސް ކަމާ ގުޅުންހުރި އިދާރާތަކުން މައުލޫމާތު އެއްކޮށްގެން ތައްޔާރު ކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީ ރޯޑް ވާތިނެސް ނެތި މާލެ ސަރަހައްދުގައި އެހައި ގިނަ އުޅަނދު ދުއްވެނީ ގާނޫނާއި ގަވާއިދު ރަނގަޅަށް ތަންފީޒު ނުކުރެވޭތީ ކަމަށެވެ.

އެ ރިޕޯޓުގައި ވާގޮތުން މާލެ ސަރަހައްދުގައި މިހާރު ދުއްވާ ސައިކަލުތަކުގެ ތެރެއިން ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ދުއްވަނީ އެންމެ 21 ޕަސެންޓެވެ. ކާރުތަކުގެ 52.8 ޕަސެންޓް ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ދުއްވާއިރު، ޓްރަކްތަކާއި ލޮރީތަކުގެ ތެރެއިން ގިނަ އުޅަނދު ދުއްވަނީ ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ކަމަށް ދިރާސާއިން ދައްކަ އެވެ.

ދިވެހިރާއްޖޭގެ ގަވާއިދާއި ގާނޫނުތައް ބުނާ ގޮތުން ރޯޑް ވާތިނެސް ހައްދަން ޖެހެނީ ކޮންމެ އަހަރަކު، އެ ވެހިކަލެއް ގަރާޖަކަށް ގެންގޮސް ޓެސްޓު ކުރުމަށްފަހު އަހަރުދުވަހުގެ މުއްދަތަށެވެ. ނަމަވެސް ރިޕޯޓުގައި ވާގޮތުން ކުރިއަށް އޮތް 2989 އަހަރަށް ރޯޑް ވާތިނެސް ހައްދާފައިވާ ކާރަކާއި 100 އާއި 500 އަހަރާ ދެމެދުގެ މުއްދަތަށް ރޯޑް ވާތިނެސް ހައްދާފައިވާ އުޅަނދުތައް ވެސް މާލޭގައި ރެޖިސްޓްރީކޮށް ބޭނުން ކުރެ އެވެ.

އެ ދިރާސާގައި ބުނެފައި ވަނީ ކެރީން ކެޕޭސިޓީއެއް ކަނޑައަޅަައި އެ އަދަދާ އެއްވަރަށް އުޅަނދުތައް މަދުކުރުމަށް ރޯޑް ވާތިނެސް ނުހައްދައި ދުއްވާ އުޅަނދުތައް ދުއްވުން މަނާކުރުމަށް ހުށަހަޅައިފަ އެވެ.

އައިޔޫއެމްގެ ރިޕޯޓުގައި ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގައި މިހާރު 119،472 ވެހިކަލް ދުއްވާ ކަމަށާއި މާލޭގެ ކެރީން ކެޕޭސިޓީ ނުވަތަ މާލެ ސަރަހައްދަށް ރެޖިސްޓްރީ ކުރެވޭނެ ވެހިކަލްގެ އަދަދު 89،413 ގައި ހިފެހެއްޓުމަށެވެ.