9 އޭޕްރީލް 2025 - 10:19 3
ލީވާން އަލީ ނާސިރު
ކުރީގެ މެންބަރު ޣަނީ (ކ) އަދި ކުރީގެ މެންބަރު ޝަހީމް (ވ) -- އާޓްވޯކް: އިސްމާއިލް އިމްދާދު
9 އޭޕްރީލް 2025 - 10:19 3
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަން ބަދަލުވުމުން އެ ޕާޓީ ދޫކޮށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރި ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ޣަނީ އަބްދުލްހަކީމް އަދި ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ވަޒީފާ ދީފި އެވެ.
މިދިޔަ މަސް ތެރޭގައި ޣަނީ އައްޔަނުކުރީ އެގްރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އަކަށެވެ. އަދި ޝަހީމް އައްޔަނުކުރީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖާ ލެވެލްގައި އެޗްއާރުގެ ފެސިލިޓީ އޮފް ކޮމިއުނިޓީ އެމްޕަވާމެންޓަށެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި ކުރެންދޫ ދާއިރާއަށް ޣަނީ ވާދަކުރި އެވެ. ނަމަވެސް އެ އިންތިހާބުގައި ޣަނީ ދިޔައީ ތިންވަނައަށެވެ.
ވެރިކަން ބަދަލުވުމުން އެމްޑީޕީ ދޫކޮށް ނިމިދިޔަ މަޖިލިސް ދައުރުގައި 12 މެންބަރުން ޕީއެންސީ ސޮއިކުރި އެވެ. އޭގެ ތެރެއިން ބައެއް މެންބަރުން ޕީއެންސީއަށް ސޮއިކުރީ ކުންފުނިތަކާއި މިނިސްޓްރީތަކުން މަގާމުތައް ދޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް އޭރު އަޑުތައް ފެތުރުނެވެ. އޭގެ ތެރެއިން ބައެއް މެންބަރުންނަށް މަގާމުތައް ދީފައި ވެސް އެބަހުއްޓެވެ.
ސަރުކާރުން ކުންފުނިތަކާއި މިނިސްޓްރީތަކަށް އައްޔަނުކުރާ މުވައްޒަފުންގެ އަދަދު އިތުރުވުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު، މިހާތަނަށް ވެސް ސަރުކާރަށް އައްޔަނުކޮށްފައިވާ ސިޔާސީ މަގާމުތަކުގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.
Comment