Advertisement

އައްޑޫ ލިންކް ރޯޑު ހަދަން 829 މިލިއަނަށް އާރުޑީސީއާ ހަވާލުކޮށްފި

8 އޭޕްރީލް 2025 - 13:43 5

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެއްބަސްވުމުގައި މިނިސްޓްރީ އާއި އާރުޑީސީގެ ފަރާތުން ސޮއިކުރަނީ.


އައްޑޫ ލިންކް ރޯޑު ހަދަން 829 މިލިއަނަށް އާރުޑީސީއާ ހަވާލުކޮށްފި

8 އޭޕްރީލް 2025 - 13:43 5

އައްޑޫ ސިޓީގެ ރަށްތައް ގުޅައިލުމަށް އަޅާފައިވާ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ސަރުކާރުން ހަވާލުކޮށްފި އެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުއާ ގުޅޭ ކަންބޮޑުވުންތަކެއް ފާޅުކުރަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ލިންކް ރޯޑު މަޝްރޫއުގައި ސޮއިކުރީ 1،440 ދުވަހުން ނިންމާ ގޮތަށެވެ. އެއްބަސްވުމުގެ އަގަކީ 829,792,313.63ރ. ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. މިއީ ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ލިންކް ރޯޑު ހެދުމާއި 67.58 ކިލޯމީޓަރު މަގުގައި ތާރު ނުވަތަ ގާ އަޅާނެ އެވެ. އޭގެ އިތުރުން ފޭދޫގެ ފެން ހިންދާ ނިޒާމު ވެސް ގާއިމުކުރާނެ އެވެ.

ރާއްޖޭގައި އޮތް ދެވަނައަށް އެންމެ ދިގު ލިންކް ރޯޑު ކަމަށްވާ އައްޑޫގެ ލިންކް ނިންމާފައިވަނީ 2001 ވަނަ އަހަރު އެވެ. ހިތަދޫ އިން ފެށިގެން ގަމާ ހަމައަށް ގުޅައިލަދޭ 16 ކިލޯމީޓަރުގެ މި މަގަކީ އައްޑޫގެ އިގުތިސާދުގެ މުހިންމު ބައެކެވެ.

އެ މަގުގެ ބޮޑު ބައެއްގައި މަގު ބައްތި ނެތުމާއި މަގު ހަލާކުވެފައި ހުރުމުގެ ޝަކުވާތައް އައްޑޫގެ ރައްޔިތުން ކުރަމުން އަންނަތާ އެތައް އަހަރެއްވެއްޖެ އެވެ. އައްޑޫ ލިންކަކީ މިހާތަނަށް ރާއްޖޭގައި އެއް މަގެއްގައި އެންމެ ގިނަ މީހުންގެ ފުރާނަ އެކްސިޑެންޓުތަކުގެ ސަބަބުން ދިޔަ މަގެވެ.