7 އޭޕްރީލް 2025 - 18:47 1
މުހައްމަދު ޝަހްޒާން
ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު: އޭނާ ވިދާޅުވީ މިމަހު 17 ކުރިން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެ މަގުގެ މަސައްކަތް ކުރިއަށް ގެންދާނީ ވަކި މަޝްރޫއުއެއްގެ ގޮތުގައި ކަމަށް -- ފޮޓޯ: މިރާން ނާޝިމް / އަދަދު
7 އޭޕްރީލް 2025 - 18:47 1
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަސޭހަކަމާއެކު ދެވޭ ގޮތަށް ތަރައްގީ ކުރަން ނިންމާފައި މަގުގެ މަސައްކަތް މަޝްރޫއިން އުނިކުރަން ނިންމީ އެ މަގުގެ މަސައްކަތާ ހުރެ މުޅި މަޝްރޫއު ދިގުލައިގެން ގޮސް ދައުލަތަށް މަލީ ގޮތުން ގެއްލުންވެދާނެތީ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މުއްތަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ ވަކި މުއްދަތެއްގެ ކުރިން ނިންމަންޖެހޭ މަޝްރޫއުއަކަށް ވާތީ، އެ މަގުގެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވުމުގެ ސަބަބުން މުޅި ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތަށް ނުނިންމިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
އެފަދަ ހާލަތެއްގައި ކޮންޓްރެކްޓަރަށް ދައުލަތުން ބަދަލު ދޭންޖެހި މާލީ ގޮތުން ގެއްލުންވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެ ސަބަބާ ހުރެ އެ މަގުގެ މަސައްކަތް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއިން އުނިކުރަން އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަމެވެ، އަދި މިމަހުގެ 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށް ދާނެ އެވެ، އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓުން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ ނަމަ، ބިން ލިބުނުހައި އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ،" މުއްތަލިބު ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެ މަގުގެ މަސައްކަތް މަޝްރޫއުއިން އުނިކުރަން ނިންމުމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރާއި އައްޑޫ ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގުގެ އިތުރުން ވެސް ބައެއް އާންމުން ގެންދަނީ އެކަމަ ނުރުހުން ފާޅު ކުރަމުންނެވެ.
އެގޮތުން އެމީހުން ބުނަމުން ދަނީ އެއާޕޯޓަށް ފަސޭހައި ދެވޭ ގޮތަށް ތަރައްގީ ކުރަން ނިންމާފައިވާ އެ މަގަކީ ކުރިއަށް އޮތް ތަނުގައި ހަންކެޑެ އަދި އައްޑޫގެ އެހެނިހެން ސަރަހައްދުތަކުގައި ތަރައްގީ ކުރާ ޓޫރިޒަމް ޒޯންތަކަށް ފަތުރުވެރިން އުފުލަން ވަރަށް މުހިންމު މަގެއް ކަމަށެވެ. އަދި އެ މަގު މަޝްރޫއުއިން އުނިކޮށްފި ނަމަ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށް އެ މީހުން ބުނެ އެވެ.
ގަމުން ފޭދޫ އަދި ހިތަދޫ އަށް ފަސޭހަ ކަމާއެކު ދަތުރު ކުރެވޭ ގޮތަށް ތަރައްގީ ކުރަން ނިންމާފައިވާ މަގު ހިމެނޭ ސަރަހައްދަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ މިލްކެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް އެ އިމާރާތް އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލު ކުރުމުގައި އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތާ އެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment