އިންތިހާބާ ދިމާކޮށް އޮސްޓްރޭލިއާ ކައިރިއަށް ޗައިނާގެ ރިސާޗު އުޅަނދެއް

2 އޭޕްރީލް 2025 - 18:12 0

ލީވާން އަލީ ނާސިރު

ލ

އޮސްޓްރޭލިއާ ކައިރީގައި އޮތް ޗައިނާގެ ރިސާޗު އުޅަނދު -- ފޮޓޯ: ސީއޭއެސް


އިންތިހާބާ ދިމާކޮށް އޮސްޓްރޭލިއާ ކައިރިއަށް ޗައިނާގެ ރިސާޗު އުޅަނދެއް

2 އޭޕްރީލް 2025 - 18:12 0

އޮސްޓްރޭލިއާގެ ފެޑެރަލް އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ޗައިނާގެ ރިސާޗު އުޅަނދެއް އެގައުމާ ކައިރިއަށް އައުމުން އޮސްޓްރޭލިއާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނިއުޒިލޭންޑާ އެކު ކުރާ ދިރާސާ މަސައްކަތްތަކެއްގައި ކަމަށް ބުނެ ޓަން ސުއޯ ޔީ ހާއޯ ނަމަކަށް ކިޔާ އެ އުޅަނދު މިހާރު އޮތީ އޮސްޓްރޭލިއާގެ ޕޯޓްލޭންޑާއި ދިމާ ބޭރުން، އެ ގައުމުގެ ހާއްސަ އިގްތިސާދީ ރޮނގާއި ގާތުގަ އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭސީ ވިދާޅުވީ އެ އުޅަނދު އޮސްޓްރޭލިއާއާ ގާތުގައި އޮންނަން ބޭނުން ނުވާ ކަމަށެވެ.

ދެކުނު ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅުގައި ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި އޮސްޓްރޭލިއާގެ މަނަވަރުތައް ހަރަކާތްތެރިވާ ފަދައިން، ޗައިނާގެ އުޅަނދުތައް ވެސް އޮސްޓްރޭލިއާއާ ގާތުގައި ހަރަކާތްތެރިވާނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށް އަލްބަނޭސީ ވިދާޅުވި އެވެ.

އެ އުޅަނދުގެ ހަރަކާތްތައް އޮސްޓްރޭލިއާގެ ދިފާއީ ބާރުތަކުން ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވައި އަލްބަނޭސީ ވިދާޅުވީ މީގެ ކުރިން 2020 ގައި ވެސް ޗައިނާއިން މިގޮތަށް އޮސްޓްރޭލިއާގެ ކައިރިއަށް އުޅަނދެއް ފޮނުވި ކަމަށެވެ.

އަލްބަނޭސީގެ ދެއްކި ވާހަކައަށް އޮސްޓްރޭލިއާގެ އިދިކޮޅު ލީޑަރު ޕީޓާ ޑަޓަން ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޗައިނާގެ އުޅަނދާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް އަލްބަނޭސީ ދެއްވީ އެކަށީގެންނުވާ، ވަރަށް ފިނި ރައްދެއް ކަމަށެވެ.

ޗައިނާގެ އުޅަނދުން ކުރާ މަސައްކަތަކީ ޖާސޫސީ މައުލޫމާތު އެއްކޮށް، އޮސްޓްރޭލިއާ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ޗާޓެއް ހެދުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި އޮސްޓްރޭލިއާގެ ސަބްމެރިން ކޭބަލްތަކުގެ މައުލޫމާތު ޗައިނާއިން ހޯދަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ އުޅަނދު މިހާރު އޮތް ސަރަހައްދަކީ އޮސްޓްރޭލިއާއަށް ޑޭޓާ ގެނެސް، ފޮނުވާ ބޮޑެތި ސަބްމެރިން ކޭބަލްތަކެއް އަޅާފައިވާ ސަރަހައްދެކެވެ.

އަންނަ މެއި މަހުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ފެޑެރަލް އާއްމު އިންތިހާބު ބާއްވާއިރު، އިންތިހާބަށް ނުފޫޒު ފޯރުވަން ޗައިނާއިން މަސައްކަތްކުރާކަމަށް ތުހުމަތުތަކެއް ކުރެވެ އެވެ.

ދާދިފަހުން ވެސް ޗައިނާގެ އަސްކަރިއްޔާއިން އޮސްޓްރޭލިއާ ކައިރިން ޓެސްމަން ސީގައި ކުއްލި އަސްކަރީ ތަމްރީނުތަކެއް ހިންގައި، ޗައިނާގެ ކަނޑުގެ ސިފައިން އޮސްޓްރޭލިއާ ވަށައިގެން ދަތުރުކުރުން ފަދަ ހާދިސާތައް ވަނީ ހިނގައިފަ އެވެ.

އޮސްޓްރޭލިއާގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ޗައިނާއިން ބުނީ އެގައުމުގެ އުޅަނދު ކުރަމުންދަނީ ސައިންޓިފިކް ދިރާސާ މަސައްކަތްތަކެއް ކަމަށާއި އެ އުޅަނދު އޮސްޓްރޭލިއާ ކައިރިއަށް ދިޔުމާ އެގައުމުގެ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.