Advertisement

ވިލިމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން ފަަށަނީ


ވިލިމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން ފަަށަނީ

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަމުގައި ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން ފަށަން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލާ ޒެންގެ ޒޫ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން ޓާޝަރީ ހޮސްޕިޓަލް މަޝްރޫއަށް ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ ކަމަށެވެ.

ހޮސްޕިޓަލް މަޝްރޫއަށް ކޮންޓްރެކްޓަރަކު އައްޔަނުކޮށް، މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިލިމާލޭގައި 12،890 އަކަ މީޓަރުގެ ސަރަހައްދުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުގައި 112 އެނދުގެ ޖާގަ ހިމެނޭއިރު، ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތާއި ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނެ އެވެ.

މީގެއިތުރުން ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ސަރަހައްދުތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ވެސް އެ ހޮސްޕިޓަލުގައި ހިމެނެ އެވެ.

އެ ހޮސްޕިޓަލުގެ ސާވޭ އާއި ޑިޒައިން ކުރުމުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމެއް ރާއްޖެ އައިސް ކޮށްފައިވެ އެވެ.

ވިލިމާލެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރު ފަށާނެ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަދި މިހާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް މަޝްރޫއުގެ މަސައްކަތް މިހާތަނަށް ވެސް ފެށިފައެއް ނުވެ އެވެ.

އަލަށް އަޅާ ޓާޝަރީ ހޮސްޕިޓަލް ތަަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަމަށް ހަލީލް ކުރިން ވިދާޅުވެފައިވެ އެވެ.