ހިޖުރީ މަހެއް ފަށަން އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން

29 މާރިޗު 2025 - 05:58 0

ލީވާން އަލީ ނާސިރު

ލ

ކުރީގެ ރައީސް މައުމޫން: ހިޖުރީ މަހެއް ފަށަން އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ހިޖުރީ މަހެއް ފަށަން އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން

29 މާރިޗު 2025 - 05:58 0

ހިޖުރީ މަހެއް ފަށަން އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާ މަހެއް ފެށުނީ ކަމަށެވެ.

"ހިޖުރީ މަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން. އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން މިހެން ވިދާޅުވީ ޑރ. ހަސަން ހަމީދުގެ ބްލޮގުގައި ހަނދު ނުފެންނަނީސް ހަނދު ލައްވަން ފެއްޓެވީ އޭނާގެ ދައުރުން ފެށިގެން ކަމަށް ލިޔުއްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އިސްލާމީ ދުނިޔޭގެ މަޝްހޫރު އާލިމް އަބްދުލްއަޒީޒް އިބްން އަބްދުﷲ އިބްން ބާޒްއާ ހަވާލާދީ ހަސަން ހަމީދު ވިދާޅުވީ މައްކާގައި ފެންނަ ހަނދަށް އެހެން ގައުމުތަކުގައި މީހުން ތަބާވާން ޖެހޭނެ ކަމަށް ބުނާ ބުނުމަށް ކީރިތި ގުރްއާން އަދި ހަދީސްގައި އެކަމަށް އެއްވެސް ދަލީލެއް ނުވާ ކަމަށެވެ.

"ރާއްޖޭގައި މިގޮތަށް އަމަލުކުރަން ފެށުނީ މައުމޫން ދައުރުން ފެށިގެން. އޭގެ ކުރިން އިސްލާމީ ދުނިޔޭގައި ވެސް 1300 ވަރަކަށް އަހަރު ވަންދެން ހަނދު ލައްވަނީ އެ ގައުމަކަށް ހަނދު ފެނުމުން. ދިވެހި ރާއްޖެ ސައުދީ އަރަބިއްޔާއަށް ވުރެ ދެ ގަޑިއިރު އިރުމަތީގައި އޮންނާތީ ސައުދީ އަރަބިއްޔާ އަށް ފެންނަ ޅަހަނދު، ރާއްޖެއަށް ފެނުމުގެ ފުރުސަތު ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.

މައުމޫން މީގެ ކުރިން ވިދާޅުވީ ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަސް އިސްލާމީ ގިނަ ގައުމުތަކަށް މާޗު 29، ގައި އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާޗު 30، އަކީ ފިތުރު އީދު ދުވަސް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ހަސަން ހަމީދު ވިދާޅުވީ މުޅި އޭޝިއާގެ ބައްރަށް މާޗު 29، ގައި ހަނދެއް ނުފެންނާނެ އެވެ. ހަނދު ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިސާބުތައް ފަސޭހައިން މައްކާ އަށް ވެސް ހެދިދާނެ. ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް ހަތަރު ގަޑިއިރު. މިހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ. ފުރޭފުކުރެވިފައިވާ އެއްވެސް ލިޔުމެއްގައި ފެނިފައިވާ ކަމަކަށް ވެސް ނުވޭ. ވީމާ، ޖެހިގެން އަންނަ ދުވަސް (30 މާޗު) އީދަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިފަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް މާޗު 1، ކަނޑައެޅީ ހަނދު ނުފެނުނު ނަމަވެސް، ސައުދީ އަރަބިއްޔާއަށް ހަނދު ފެނުމުންނެވެ.