Advertisement

ނަސްރުގެ ދުވަހުގެ ޖަލްސާގައި އިންޑިއާގެ މަދަދުވެރިކަމުގެ ޒިކުރާ މުއިއްޒު އާ ނުކުރެއްވި!

4 ނޮވެންބަރު 2025 - 08:15 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިއްޔެ ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ނަސްރުގެ ދުވަހުގެ ޖަލްސާގައި އިންޑިއާގެ މަދަދުވެރިކަމުގެ ޒިކުރާ މުއިއްޒު އާ ނުކުރެއްވި!

4 ނޮވެންބަރު 2025 - 08:15 3

ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާއި ދިވެހިންގެ ބަޔަކު ގުޅިގެން ނޮވެމްބަރު 3، 1988 ގައި މާލެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ރާއްޖެ ދިފާއު ކުރަން އިންޑިއާ ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާއިން ފޯރިކޮށްދިން އެހީތެރިކަމާއި މަދަދު، އެ ނަސްރުގެ ޒިކުރާ އާކުރަން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ފާހަގަ ނުކުރެއްވި އެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ވަނަ ދުވަސް ފާހަގަ ކުރަނީ ސްރީލަންކާގެ ތަމަޅައިގެން ހަނގުރާމަވެރި ބަޔަކާއެކު ދިވެހިންގެ ބަޔަކު މާލެ އަރައި ވެރިކަން ބަދަލުކުރަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައި، ދިވެހިން ހޯދި ނަސްރުގެ ފާހަގަ ކުރުމަށެވެ. އެ ދުވަހުގެ ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުވިއިރު، އޭގެ ތެރޭގައި ސިފައިންގެ އަށް ބޭކަލަކު ވެސް ހިމެނެ އެވެ.

ޓެރަރިސްޓުން ދިން ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ. ވަގުތުން އިންޑިއާ ސިފައިން ރާއްޖެ އައިސް، ޓެރަރިސްޓުން ފިލަން ދަތުރުކުރި ބޯޓު މާކަނޑަށް ފައްތާލައި ރަހީނުކުރި ދިވެހިން ސަލާމަތްކޮށް، ހަނގުރާމަވެރިން ހައްޔަރުކޮށް ރާއްޖެ ގެނައެވެ.

ނޮވެމްބަރު 3 ގެ އުދުވާނާ ގުޅިގެން އިންޑިއާއިން ވެދިން އެހީތެރިކަން ކުރީގެ ރައީސް މައުމޫން ފާހަގަ ކުރައްވާފައި ވަނީ އަދާކުރަން ޖެހޭ ދަރަންޏެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ، އެދުވަހު އަޅުގަނޑުމެން އެދުނު އެދުމަށް، އެންމެ އަވަހަށް އިޖާބަދީ، އަޅުގަނޑުމެންނަށް އަސްކަރީ ގޮތުން އެހީ ފޯރުވި، އަޅުގަނޑުމެންގެ އަވަށްޓެރި، ރަޙްމަތްތެރި، އިންޑިޔާގެ ނަން. އެތާނގެ ބޮޑުވަޒީރު މިސްޓަރ ރަޖީވް ގާނދީއާއި، އެމަނިކުފާނުގެ ސަރުކާރާއި، އިންޑިޔާގެ ރައްޔިތުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި ވަރަށްވެސް ބޮޑު،" ފުރަތަމަ ނަސްރުގެ ދުވަސް ފާހަގަ ކުރަން ނޮވެމްބަރު 3، 1989 ގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.

"އެ ދުވަހު އެހާ އަވަސް ގޮތެއްގައި އެ ގައުމުން އަޅުގަނޑުމެންނަށް އެހީ ނުލިބުނުނަމަ، އެދުވަހު އަޅުގަނޑުމެންނާ ދިމާވެފައި އޮތް ނުރައްކާތެރި ހަމަލާއިން ސަލާމަތްވުމުގައި، އިތުރު ނުރައްކާތަކަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހުނީސްކަން ކަށަވަރު."

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އައި އިންޑިއާގެ ސިފައިންނާއި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް


ޓެރަރިސްޓުންގެ ކިބައިން ރާއްޖެ ސަލާމަތްކޮށް ދިނުމަށް އައި އިންޑިއާ ސިފައިންނަށް ދިވެހިންގެ ހިތުގައި އުފެދިފައިވާ ތައުރީފާއި ޝުކުރު އެފަރާތަށް ރައްދުކުރުމަކީ "އަޅުގަނޑު އަދާކުރަންޖެހޭ ވަރަށް މަތިވެރި ވާޖިބެއް" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި، އިންޑިޔާ ސިފައިން ކޮށްދިން އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، މިއަދުގެ މި އިހުތިފާލުގައި ދިވެހި ސަރުކާރުގެ ނަމުގައްޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެމީހުންނަށް ޝުކުރު އަދާކުރަން،" މައުމޫން ވިދާޅުވި އެވެ.

އެދުވަހު އިންޑިއާއިން ވެދިން އެހީތެރިކަމުން ސާބިތުކޮށް ދެނީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށާއި އެއީ އެކުވެރި ރަޙްމަތްތެރި ދެ ގައުމެއްގެ ދެމެދުގައި އޮންނަންވީ އެކުވެރިކަމުގެ ރީތި މިސާލެއް ކަމަށް މައުމޫން ފާހަގަ ކުރެއްވި އެވެ.

މައުމޫނާ ހަމައިން ފެށިގެން ރާއްޖޭގައި ވެރިކަން ކުރެއްވި، މުއިއްޒު ފިޔަވައި އެހެން ރައީސުން ނޮވެމްބަރު 3 ގައި އިންޑިއާއިން ވެދިން އެހީތެރިކަން ފާހަގަކޮށް އެ ގައުމަށް ޝުކުރު އަދާކުރެއްވުމުގެ އާދަ ދަމަހައްޓާފައިވެ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާއިން ރާއްޖެ އަޅުވެތިކޮށްފައިވާކަން ފާހަގަ ކުރައްވައި، އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް އެ ވައުދެއް ނުފުއްދަވަ އެވެ.

އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓާއި ދެ ހެލިކަޕްޓަރު މިހާރު ވެސް އުދުއްސަ އެވެ. އެ އުޅަނދުތައް ދުއްވަން އިންޑިއާގެ އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހިންދުސްތާން އޭރޮނެޓިކްސްގެ މުވައްޒަފުން ގެނައުމަކީ، މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި އެ މަނިކުފާނުގެ ވައުދު ފުރިހަމަވުމެވެ.

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުވެ އޮތުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު އާއި ޕީއެންސީ/ޕީޕީއެމްގެ ވެރިން ފާހަގަ ކުރެއްވި އެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަސްކޮޅު އިންޑިއާއަށް ބަދު ބަސް ރައްދުކޮށް ހެދިޔަސް، މި ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެނީ ވެސް އިންޑިއާއިންނެވެ. ބަޖެޓު ސަޕޯޓަށް އިންޑިއާއިން ނެގި، 400 މިލިއަން ޑޮލަރުގެ ސްވޮޕްގެ މުއްދަތު އެ ގައުމުން އިތުރުކޮށް ދީފައި ވަނީ، އަދަދު ނޫހަށް، އެނގިފައިވާ ގޮތުގައި ހާއްސަ އުސޫލެއްގެ ތެރެއިންނެވެ.