27 މާރިޗު 2025 - 18:30 2
ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހަށް ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) ވަޑައިގެންނެވި ރޭގައި ހައްރާޒުއާ ވާހަކަ ދައްކަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް
27 މާރިޗު 2025 - 18:30 2
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައި، އޭގެ މަސައްކަތްތައް ކުރަމުން ދަނިކޮށް، ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު، މިސްރުގެ އަހްމަދު ހައްރާޒު އިސްވެ ހުންނަވައި، އެކަން ހުއްޓުވައިފި އެވެ.
ފީފާ އިން އެފްއޭއެމް އަށް މިރޭ އަންގާފައިވަނީ، އެ ފެޑެރޭޝަންގެ އެންގުމާ އެއްގޮތަށް ފުޓްބޯޅަ އެސޯސިއޭޝަންގެ މުބާރާތްތައް ކުރިއަށްގެންދިއުމަށް ކަންކަން މި ވަގުތަށް މަޑުޖައްސާލުމަށެވެ.
މި ގޮތަށް ފީފާ އިން އެންގިއިރު، ހަތަރު ފަހަރެއްގެ މަތިން ފަސްކުރި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމް އިން އެންމެ ފަހުން ދިން ތާރީހަކީ، އަންނަ މަހުގެ އަށް ވަނަ ދުވަހެވެ. އެ ދުވަހު، ޗެރިޓީ ޝީލްޑް މެޗު ކުޅެފައި، 10 ވަނަ ދުވަހު ޕްރިމިއާ ލީގު ފަށާ ގޮތަށެވެ.
އެ ގޮތުން، އެ ކަލަންޑަރަށް ބަލައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފިޔަވައި، ފުރަތަމަ ޑިވިޝަނުގައި ކުޅޭ ބާކީ ނުވަ ޓީމުން ވަނީ އެ ތާވަލާ އެއްގޮތަށް ޕްރީ ސީޒަން ވެސް ފަށައިފަ އެވެ.
އެފްއޭއެމުން މި މަހު 16 ގައި، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށްޓަކައި، މަސައްކަތް ހިންގުމަށް ބޭނުންވާ ކޮމިޓީތައް ފާސްކުރަން، ބޭއްވި ކޮންގްރެސްގައި ފީފާ/ އޭއެފްސީ އާއި އެފްއޭއެމްގެ މެންބަރު ކްލަބްތަކުން ބައިވެރިވި އެވެ.
މި ކޮންގްރެސްގައި ފީފާ ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި، ބައިވެރިވި ހައްރާޒުގެ ފަރާތުން އެ ކޮންގްރެސް އާއި ޖެހިގެން އައި ދުވަހު ކްލަބްތަކާ އެކު ބޭއްވި ވޯކްޝޮޕްގައި ވަނީ "އަމިއްލަ ވަކި އެޖެންޑާ" އެއްގެ ތެރެއިން މަސައްކަތް ކުރާ ކަމުގެ ކަންކަން ފާހަގަވެފައި ކަމަށް "އަދަދު ސްޕޯޓްސް"އާ ވާހަކަ ދެއްކި ކްލަބްތަކުން ބުނެފައިވެ އެެވެ.
އެ ގޮތުން، ކޮންގްރެސްގައި ބައިވެރިވި، ތިން ވަނަ ޑިވިޝަން ތަމްސީލްކުރާ ކްލަބް، ސީބީއެލްއާ އުސޫލުން ބޭރުން ވާހަކަތަކެއް ދެއްކުމުގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅައިގެ މަސްލަހަތު ހިމާޔަތް ކުރުމަށް ވުރެ ވަކި އެހެން ދިމާލަށް ކަންކަން ގެންދަން އުޅޭ ކަމުގެ ތުހުމަތު، ހައްރާޒުގެ މައްޗަށް ކްލަބްތަކުން ވަނީ ކޮށްފަ އެވެ.
އެ ގޮތުން، މި ވޯކްޝޮޕުގައި، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމާ ގުޅޭގޮތުން، ދޭ ލަފަޔެއްގެ ގޮތުގައި، ހައްރާޒު ވަނީ، 2024 ވަނަ އަހަރުގެ ސީޒަނުގެ ލީގު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވެސް ހިޔާލުދީފަ އެވެ. އެއީ، 2025/2026 ވަނަ ސީޒަން އޮގަސްޓްގައި ފަށާ ގޮތަށެވެ. މެޖޯރިޓީ ކްލަބްތަކުން، ހިޔާލުތަފާތުުވުންތަކެއް ހުރި ނަމަވެސް، އެ ގޮތަށް ފަހުން އެއްބަސްވި އެވެ.
އެކަމަކު، ގިނަ ޕްރެޝަރުތަކެއް ބޮޑުވަމުން އައި ދަނޑިވަޅެއްގައި، ހައްރާޒު މި ވަނީ ފީފާ މެދުވެރިކޮށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ފެށުން ވެސް ފަސްކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
އޭގެ ފަހުން، ފުޓްބޯޅަ ސީޒަން ފަށަން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެއްބާރުލުމާ އެކު، ސްޕޯޓްސް މިނިސްޓްރީން ވަނީ ފުޓްބޯޅަ ކްލަބްތަކަށް ނުވަ މިލިއަން ރުފިޔާ ފޯރުކޮށްދީފަ އެވެ. އެ ފައިސާ އިން ގިނަ ކްލަބްތަކުގައި ހުރި މާލީ ބައެއް މައްސަލަތައް ހައްލުކޮށް ޕްރީ ސީޒަން ވެސް ފަށާފައިވަނިކޮށް، ބައެއް ކްލަބްތަކުން ވެސް އެދޭތީ ކަމަށް ބުނެ، ފީފާގެ ގަވަރްނަންސް މެނޭޖަރު، ހައްރާޒު އަޑީގައި ހުރެ، މި ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފަ އެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބުން ވަނީ، ބިދޭސީ ކޯޗަކާއި ކުޅުންތެރިންގެ ކަންކަން ވެސް ހަަމަޖައްސައިފަ އެވެ. ގިނަ ކްލަބްތަކަކުން ކުޅުންތެރިން ލައްވައި ޕްރެކްޓިސް ފެށީ އެޑްވާންސް ފައިސާ ވެސް ހަމަޖައްސައިދީފަ އެެވެ.
40.00%
0.00%
60.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ގުޑާ
6 days ago
ކަންކަން ހަމަޖެއްސުމުގައި ސަރުކާރުގެ ނުކުޅެދުންތެރިކަން ތިހުރިހާ ކަަމަކުން އެގެމުން މިދަނީ. މިދިޔައީ ދެއަހަރު ރާއްޖޭގެ އެންމެ މަޤުބޫލު ކުޅިވަރުގެ މުބާރާތެއް ނުބޭއްވުނު އިރު އެއްކަމެއްވެސް ނުކުރެވި. ތިއީ އެހެން މީހުންގެ މައްސަލައަށްވުރެ ތިމާމެންގެ ނުކުޅެދުންތެރިކަމުގެ ވާހަކަ ދެއްކުން މާރަގަޅުވާނެ. ސްޕޯޓްސް މިނިސްޓްރީ ނިދާފައި، އެފް އޭ އެމް އޮތީ ބަނޑު ޖަހާފައި. ދެންތި އެންމެ ކުޅިބަލަން. ދުވަހެއް މަހެއް އަހަރެއް. ހުރިހާ ކަމެއް ބޮއްސުން ލާފި
ނުގުޑާ
5 days ago
ކަލޯ މިއުޅެނީކީ ސަރުކާރުން ކަމެއްނުކޮށްދީގެން ސީޒަން ނުފެށިގެނެއް ނޫނޭ. އަދި ވަކި ސަރުކާރަކުން ކަމެއް ނުކޮށްދީގެނެއްވެސް ނޫން. ކަލޭމެން ކައިފަ އޮތްވަރު މަދުވެގެން މިއުޅެނީ.
Comment