ސުޕްރީމް ކޯޓު ފަނޑިޔާރުގެ ތެރެއިން ޖޭއެސްސީއަށް ޝަހީދު

26 މާރިޗު 2025 - 06:46 1

މުހައްމަދު ޝަހްޒާން

މ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު މަގާމުގެ ހުވާ ކުރައްވަނީ. -- ފޮޓޯ:ރައީސް އޮފީސް


ސުޕްރީމް ކޯޓު ފަނޑިޔާރުގެ ތެރެއިން ޖޭއެސްސީއަށް ޝަހީދު

26 މާރިޗު 2025 - 06:46 1

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓޫ ތަމްސީލު ކުރައްވާނެ ފަނޑިޔާރަކަށް ހުސައިން ޝަހީދު ހަމަޖައްސަން ނިންމައިފި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ގޮތަށް ނިންމެވީ މިއަދު އެވެ. ނަމަވެސް ރަސްމީކޮށް ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަނެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވީ އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއް ސުއޫދު އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވާތަކަށް ތުހުމަތުކޮށް އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ މާޗު 19 ގަ އެވެ. އޭ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ މަޖިލީހުން ފާސްވީ، ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ އޭނާ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ތަހުގީގު ކުރަން ފެށުމުންނެވެ. އިސްތިއުފާ ދެއްވީ ރައީސް މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދުގެ އިތުރުން ސަސްޕެންޑު ކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. އެ ތިން ފަނޑިޔާރުން ވެސް ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށެން ކުޑަތަންވެފައި އޮއްވައި، ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.