25 މާރިޗު 2025 - 16:33 0
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމުގެ ސްކްރީންޝޮޓެއް: ގިނަ ބަޔަކު އަންނަނީ މިފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ ފާޑުކިޔަމުން --
25 މާރިޗު 2025 - 16:33 0
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) އޯޓިޒަމް އާއި ޑައުންސިންޑްރޯމްއާ ގުޅުވައި ހަޖޫ ޖެހުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެ ޕްރޮގްރާމުގައި ހީ ސަމާސާކޮށްފައި ޕާޕާ ވިދާޅުވީ "އަސްލު މީނައަކީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ މީނަގެ، އޮޕަރޭޓްކުރާ ގޮތުން،" އެވެ. އަދި ޕާޕާ ދެއްކި ވާހަކައަށް ހިތްވަރު ދެއްވައި މޮސްޓާ ވިދާޅުވީ "އޯޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރޯމް ވެސް ހުންނަހެން ހީވަނީ،" އެވެ.
ޕާޕާ އާއި މޮސްޓާ ދެއްކި ވާހަކަތަކަށް ފާޑުކިޔައި މާހިރު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް މީހުން ޓީވީތަކުގައި ހީސަމާސާކުރަން އެކި މީހުންނަށް ނިސްބަތްކޮށް އޯޓިސްޓިކް ގޮތެއް ހުންނަ މީހެއް ކަމަށް ސިފަކޮށް ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
"ބައެއް ބޭފުޅުން ޓީވީތަކަށް އަރާތިބެގެން ހީ ސަމާސާކުރަމުން އެވެނި މިވެނި މީހަކީ އޯޓިސްޓް ގޮތެއް ހުންނަ ފަދަ މީހެކޭ ޑައުންސިންޑްރޮމް ހުންނަ މީހެކޭ ކިޔާ އެފަދަ ފަރާތްތަކުގެ ކަރާމާތަށް ހުތުރުވާގޮތަށް ވާހަކަ ދައްކާކަމީ ހަގީގަތުގައި ވެސް ވަރަށް ހިތާމަހުރި ކަމެއް،" އޭނާ ބުންޏެވެ.
މާހިރު ބުނީ އެފަދަ ކުދިން ގޮވައިގެން އުޅޭ އަދި އެކުދިންގެ ހައްގުގައި އެތައް ގުރުބާނީއެއް ވަމުންދާ ބަޔަކަށް އިހްސާސް ވާނީ އެ ބަޔަކަށް ކަމަށެވެ. އަދި އެ ކުދިންގެ ކަރާމާތަށާއި އެކުދިންގެ އެ ސިފައަށް ޖޯކުޖަހައި އެއީ އެއްވެސް އަގެއް ނެތް ގަމާރު ކުދިންތަކެއްގެ ގޮތުގައި ސިފަކޮށް ވާހަކަދުމަކީ އަސަރުކުރާނެ ކަމެއް ކަމަށެވެ.
މާހިރުގެ ޕޯސްޓު ފޭސްބުކްގައި ވައިރަލްވެ 650 އަށްވުރެ ގިނަ ޝެއާ ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ޕްރޮގްރާމުގައި އޯޓިސްޓިކް އަދި ޑައުންސިންޑްރޯމް ކުދިންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި އޯޓިޒަމް އާއި ޑައުންސިންޑްރޮމް ފަދަ މައުލުތައް ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލައިފަ އެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު ފާޑުކިޔުން އަމާޒުވީ މާލެ ސިޓީ ކައުންސިލުގެ އޭރުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އާދަމް ރަމީޒެވެ. އެ މައްސަލައިގައި ނުރުހުން އަމާޒުވުމުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
Comment